ތެލަސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުވުމަށާއި ކުރިއަށް އޮތް އަހަރު ތެރޭ ފަސް ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.މި ނިންމުން ނިންމަވާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
އެކަމާ ބެހޭގޮތުން މަޢުލޫމާތު ދެއްްވަމުން، އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ތެލަސީމިއާ ހުންނަ މީހުންނަށް މިހާރު ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމާއި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަގުފަހިކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެއީ ރައީސްގެ މެނިފެސްޓޯ އާއި ވެރިކަމުގެ 14 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކެބިނެޓުން ނިންމާފައިވާ ނިންމުންތައް ދެ ދިމާލަކަށް ބެހިފައިވާ ކަމަށާއި އެއީ ކުރު ރާސްތާއަށާއި ދުރު ރާސްތާއަށް ވިސްނައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކަން ފާހަގަކުރައްވަމުން، އެއްކަމަކަށް މިއަދުގެ ހާލަތުގައި ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ ބޭހާއި ކޮންޒިއުމަބުލްސް އޭގެ ޒާތުގައި ދައުލަތުން ކަވަރު ކުރާ ކަމަށެވެ. ނަމަވެސް މިކަމުގެ އިޖުރާއަތްތައް ތަރުތީބުވެފައި ހުރި ގޮތުން އެފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، އެ ފަރުވާއަށް ޑައިގްނޯޒް ކުރެވިގެން ފޯރުކޮށްދެވޭ ބޭސް ފަރުވާ ފޯރުކޮށްދެވެނީ މޯލްޑިވްސް ބްލަޑް ސާވިސްގެ ޚިދުމަތްތަކުގެ ތެރެއިން ކަމަށްވާތީވެ އެފަރާތްތައް އެ ޚިދުމަތް ހޯދުމަށް އޮތް ހަމައެކަނި މަގަކީ މޯލްޑިވްސް ބްލަޑް ސާވިސް ކަމަށްވީތީވެ ހޯދުމުގައި ބައެއް ކަހަލަ ދަތިތައް ދިމާވާ ކަމަށާއި، އޭގެ ސަބަބުން ލިބިފައި ހުންނަ ބޭސް ސިޓީއަށް ބޭސް ހޯދުމުގައި ދުވަހެއް ނުވަތަ ދެ ދުވަހެއްގެ ލަސްކަމެއް އައިސް މައްސަލަތަކެއް ދިމާވާކަމަށެވެ..
އެކަމަށް އިޝާރާތްކުރައްވައި ފިރުޒުލް ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައި ވަނީ، ތެލަސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބްލްސް އެސްޓީއޯ މެދުވެރިކޮށް އާސާންދައިގެ ތެރެއިން ލިބޭނެ ގޮތް ހެދުން ކަމަށެވެ.
ދެވަނަ ކަމަކަށް ފިރުޒުލް ވިދާޅުވީ، ތެލަސީމިއާ ހޮސްޕިޓަލް އެޅުމުގެ ޚަރަދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ 25 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ކުރިއަށްދާން ކަމަށާއި އެ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށެވެ. އެ ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދުގައި ކަމަށާއި ނަމަވެސް ހޮސްޕިޓަލް އަޅާނެ ވަކި ތަނެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.