ރައީސް މުޢިއްޒު ކެބިނެޓް ގެ ޖަލްސާއެއްގައި

"މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް  ވިދާޅުވެފައިވާ ގޮތުގައި، ޒަކާތު ހައުސްގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޒަކާތުގެ ކަންކަން ޝަރީޢާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިޤްހުގެ އަލީގައި ކުރިއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގައި، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ނެރޭ ޢަދަދު ބޮޑުތަނުން އިތުރުކުރުން ހިމެނެއެވެ. އަދި، ފަޤީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީ ގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެއިން ފަޤީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުންވެސް މީގެތެރޭގައި ހިމެނެއެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މުހިންމު ކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު