Saturday, 22 June 2024
ރައީސް މުޢިއްޒު ތުރުކީ ވިލާތަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ތުރުކީގެ ރައީސްއާ އެކު

ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤްތިޞާދީ، އަދި ޘަޤާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާފުޅާއެކު މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ނިންމެވުން ނިންމެވީ، ތުރުކީވިލާތަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ދިވެހިރާއްޖެއަށް އެތެރެކުރާ ޤައުކަމަށްވުމާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ އެހެނިހެން މުހިންމު ސާމާނުވެސް ފަސޭހަކަމާއެކު ލިބެން ހުރި ޤައުމަކަށްވާތީއެވެ. އަދި ހަމައެހެންމެ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީވިލާތަށް އެކްސްޕޯޓު ކުރުމަށްވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ތުރުކީވިލާތަށް ދިއުމާއި، އެޤައުމަށް ދާ ދިވެހި ފަތުރުވެރިންގެ ޢަދަދުވެސް ވަރަށް ބާރު ދުވެލީގައި އިތުރުވަމުން ދިއުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީ ޤާއިމުކުރުމުން ކޮންސިއުލަރ ޚިދުމަތްތައްވެސް ފަސޭހައިން ލިބޭނެގޮތް ހަމަޖެހިގެންދާނެއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1979 މޭ 28 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު