Thursday, 25 July 2024

އަގުބޮޑުކޮށް ފިޔާ ނުވިއްކުމަށް ވިޔަފާރިއާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފި

ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށާއި، އަގުބޮޑުކޮށް ފިޔާ ނުވިއްކުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާތީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މަޑުޖައްސާލާފައިވީނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ޤައުމުން އަޅާފައިނުވާކަމަށެވެ. އަދި ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާއި އެ ވުޒާރާއިން ކުރި މަޝްވަރާތަކުގައި އެފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓްކުރެވޭނެކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހަމައެހެންމެ، އެ ވުޒާރާއިން ތަފާތު 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހާއި އަޅާބަލާއިރު މިމަހުގެ 10 ވަނަ ދުވަހު ބާޒާރުގައި ފިޔާގެ އަގު %20 އާއި %50 އާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާކަން ފާހަގަވެފައިވާކަމަށް ވުޒާރާއިން ބުނެއެވެ.

ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި އަދި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ދެއްވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އެހެންވެ، އާންމުންނަށް ދަތިވާނެފަދަ ގޮތަކަށް ބާޒާރުގައި ފިޔާގެ އަގު ބޮޑު ނުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު