18 ޖަނަވަރީ 2025

މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލަނީ

މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލައި އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ، މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލްއެވެ.

ފިރުޒުލް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިން ހިމެނޭ، މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ވަޒީރުންގެ ގައުމީ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

" މިއަދުގެ ހާލަތުގައި މަސްވެރިކަމަކީ ރާއްޖޭގައި ޕްރޮފެޝަނަލް އިންޑްރަސްޓީއެއްގެ ގޮތުގައި ފައިނޭންޝިއަލް އިންޑަސްޓްރީތަކާއި މިހެން ހުންނަ އިދާރާތަކުން ބަލައިގަންނަ ސިނާއަތެއް ނޫން. އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ދަތިތަކެއް ކުރިމަތިވެގެންދޭ. މި ދަފްތަރާއެކު އެ ދަތިތަކަށް ހައްލެއް ލިބިގެންދާނެ." ފިރުޒުލް ވިދާޅުވިއެވެ.

މި ދަފްތަރު އެކުލަވާލެވިގެންދާއިރު ދަފްތަރުގެ ތެރެއިން ހިޔާވަހިކަން ލިބިގެންދާނީ ހަމައެކަނި ކަނޑު މަސްވެރިކަމުގެ ތެރޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އެކަނި ނޫން ކަމަށް ފާހަގަކުރެއްވިއެވެ.

"މި ދަފްތަރުގެ ތެރެއިން އިރާދަކުރެއްވިއްޔާ ކަންނެލި މަސްވެރިކަމާއި ފަރު މަސްވެރިކަމާއި އަދި ސްޕޯޓްސް ފިޝިންގެ ތެރޭގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކަށް ހިޔާވެހިކަން ލިބިގެންދާނެ. މީގެ ސަބަބުން މަސްވެރިކަން އޮތް ސިނާއަތު އާ ހަރުފަތަކަށް ދިއުމަށް މަގު ފަހިވެގެން ދާނެ. އަދި ޒުވާނުން މި ސިނާއަތަށް ޝައުގުވެރިކުރުމަށް ހުރި ފުރުސަތުތައް އިތުރުވެގެންދާނެ." ފިރުޒުލް ވިދާޅުވިއެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީއިން ކުރަމުން ގެންދާއިރު މަސްވެރިންނާއި ގާތުން މަޝްވަރާކުރަމުންދާ ކަމަށާއި އަދި މަސްވެރިންގެ ޔޫނިއަންތަކާއި ބައްދަލުކޮށް އެ ފަރާތްތަކުގެ މަޝްވަރާއާއި އެއްކޮށް ދަފްތަރު އެކުލަވާލުމުގެ އޮނިގަނޑެއް އެކުލަވާލެވި އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު