Wednesday, 19 June 2024

ރައީސްގެ ކޮއްކޮ ސައުދާ ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ނިލަންދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކޮއްކޮ، ފާތިމަތު ސައުދާ ފޯމު ހުށަހަޅުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދާ ނިލަންދޫ ދާއިރާއަށް ކުރިމަތިލެއްވީ ރައީސް ޑރ. މުއިއްޒާއި ނިލަންދޫއަށް ނިސްބަތްވާ މިހާރުގެ ހެލްތު މިނިސްޓަރު އަދި ނިލަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. ޚަލީލްގެ ފުރިހަމަ ތާއީދާ އެކު ކަމަށެވެ.

ޑރ. ޚަލީލްއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ އެ ރަށުގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއްގެ އިތުރުން ރަށުގެ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި އޮތް ބޭފުޅެކެވެ. ނިލަންދޫ ދާއިރާއަކީ، ޚާއްސަކޮށް ނިލަންދޫއަކީ އަބަދުވެސް ޕީޕީއެމް ފިކުރުގެ ގިނަ ބަޔަކު އުޅޭ ރަށެކެެވެ.

އެހެންކަމުން ޕީޕީއެމް ޕީއެންސީގެ ޓިކެޓް ލިބިގެންފިނަމަ، ސައުދާއަށް އެ ދާއިރާގެ ގޮނޑި ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނިލަންދޫ ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުލްމުޙްސިން ހަމީދުވެސް ކުރިއަށް އޮތް އިންތިޚާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ކަމަށް މަޢުލޫމާތުލިބެއެވެ.

އޭނާއަކީވެސް އެރަށުގެ ބޮޑު ތާޢީދެއް އޮންނަ ބޭފުޅެއްކަމުން، މި އިންތިޚާބު ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު