Wednesday, 22 May 2024

މަސްވެރިކަން ޕްރޮމޯޓްކޮށް، މަސްވެރިން ތަމްރީންކުރުމަށް އެޖެންސީއަކާއި ކޮލެޖެއް ޤާއިމުކުރަނީ

މަސްވެރިކަން ޕްރޮމޯޓްކުރުމަށް ޚާއްސަ އެޖެންސީއެއް ތަރައްޤީކުރައްވާނެކަމަށާއި އަދި މަސްވެރިން ތަމްރީންކުރުމަށް ހާއްސަ ކޮލެޖެއްވެސް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް މަސްވެރިންގެ ޤަދަރު އުފުލައި މަސްވެރިކަން ތިޔާގި ކުރުމަކީ ސަރުކާރުން ވަރަށް ބޭނުންވާ ކަމެއްކަމަށާއި އެކަމަށް ޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރިކަމެއްކަމަށެވެ.

ތަޖުރިބާއާއި ޒުވާން މަސްވެރީންނަށް ފޯރަންވި ހުނަރާއި އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އޮތް ފަންނިއްޔާތު ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަން ފާހަގަކުރައްވަމުން، އެކަމަށްޓަކައި ހާއްސަ ކޮލެޖެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެެރުމަށް ގިނަ މަޝްރޫޢުތަކެއް ރޭވެމުންދާއިރު ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާރުކޭޓު ހޯދުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ފާހަގަކުރައްވަމުން، ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް ކުރިއެރުވުމަށް ހާއްސަ އެޖެންސީއެއް ޤާއިމްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއްކަމަށާއި، ދިވެހި ކަނޑުމަސް ގަނޑުކޮށްގެން ރޯމަހުގެ ގޮތުގައި ބޭރުކުރުމަކީ އެންމެ އެކަށީގެންވާ އަގެއް ލިބޭނެ ގޮތެއް ނޫންކަމަށާއި މަތީ އަގު ލިބޭ އެހެން ގޮތްތައް ހުންނަކަމަށާއި، އޭގެތެރެއިން އެއް ގޮތަކީ ދިވެހީން ޒަމާނުއްސުރެ މަސްބާނައި އުޅޭ ސަގާފީ ގޮތް އެނގޭނޭހެން ދިވެހިރާއްޖޭގެ ނަމުގައި އެ މަސް ބޭރުކުރުންކަމަށާއި، މިއީ ބޭރުގެ ގައުތަކަށް ވިއްކާ ދިވެހި ކަޅު ބިލަމަހުގެ އަގު އުފުލޭނެ ގޮތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަގުން ސަރުކާރުން ކުރިއަށްދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *