Saturday, 15 June 2024
43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި

"ދިވެހި މަސްއޮޑިއެއްގެ މަޑޫތައް ފަދައިން، ދިވެހީން ތިބޭނީ ހިމުންކަމާއެކު ގުޅި ލާމެހިގެން"

މަސްއޮޑިއެއްގެ މަޑޫތައް ފަދައިން، ދިވެހީން ތިބޭނީ ހިމުންކަމާއެކު ގުޅި ލާމެހިގެން ކަމަށް ވިދާޅުވެ، ބައިބައި ނުވާން މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި މަސްއޮޑިއެއް ކަނޑަށް ނުކުންނަނީ ހައްސަ ބާނަން ކަމަށާއި، އެއީ ދިރިއުޅުން ތިޔާގިކޮށްލަން އުޖާލާ ކުރުމަށްޓަކައި ކަމުގައެވެ.

"ނަމަވެސް، އެކަމަށް އެދިގެން ކުރާ ދަތުރު އެހާ ފަސޭހައެއް ނޫން. ރާޅާ ކުރިމަތިވެ، ޠޫފާނު އާދޭ. އެކަމަކު އެންމެން ގުޅިގެން މި އުނދަގޫތައް ހައްލުކުރޭ. މަސްކެޔޮޅު. އެންކެޔޮޅު. ދިޔަހިއްކާ މީހާ. އެންމެހައި ފަޅުވެރިން. މި އެންމެންގެ އޮންނަނީ އެއް އަމާޒެއް. އެއީ އެންމެން ގުޅިގެން އެމީހެއްގެ ވާޖިބު އެ މީހަކު އަދާކޮށްގެން ރަސްއައިނަކަށް އަރައި ހައްސަ ބޭނުން. ތިލަ ޖަހައިލައިގެން ފަޚްރުވެރިކަމާއެކު ރަށަށް ލެފުން. އޮޑިން ދަތުރުކުރި މީހުންނާއި، ނުކުރާ މީހުންގެ މުސްތަޤްބަލު އުޖާލާވުން އޮންނާނީ، މިގޮތަށް ކުރެވޭ ދަތުރުން ހޯދޭ ކާމިޔާބީގެ މައްޗަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރީންގެ ދުވަސް ދިވެހި ޤައުމަށް ދެނީ މި ފިލާވަޅު ކަމަށާއި،  ދިވެހި މަސްވެރިކަމުގެ މަދަރުސާއިން ދިވެހީންނަށް ބުނެދެނީ މި ޙަޤީޤަތް ކަމަށެވެ.

"އެހެންވީމާ ދިވެހީން ބޭނުންވަނީ މި ގޮތް. ދިވެހީން ބޭނުންވަނީ އެންމެން ގުޅިގެން ދިވެހި ޤައުމު ކުރިއަރުވަން. ދިވެހީން ބޭނުންވަނީ އަބަދުވެސް އެކުވެރިކަމާއި ހަމަހިމޭންކަން."

ދިވެހީން ބޭނުންވަނީ ބައިބައިނުވާން ކަމަށާއި، ވަކިވަކިވެނުގަންނަން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރީން ކޮންމެ ދުވަހަކުވެސް، ކޮންމެ ދުވަހަކު ދުނިޔެއަށް ދޭ ފިލާވަޅަކީ، ދިވެހީންނަކީ އެއް ބަޔެއް ކަމާއި، އެއް އަމާޒަކަށް ދަތުރުކުރާ، އެއް މަންޒިލަކަށް އެދޭ ބައެއް ކަމުގައެވެ.

" އިރާދަކުރެއްވިއްޔާ ދިވެހި މަސްއޮޑިއެއްގެ މަޑޫތައް ފަދައިން، ދިވެހީން ތިބޭނީ ހިމުންކަމާއެކު ގުޅި ލާމެހިގެން. ކުރިހޯދާނީ، ކާމިޔާބު ހޯދާނީ އެގޮތުން. މިއީ ދިވެހި ޤައުމުގެ ދުޢާ. ދިވެހީންގެ ޤައުމިއްޔަތުގެ އެކުވެރި ރޫޙް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްވެރިންގެ ލާބައާއި މަންފާއަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވާފައިވާ އެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު