މާލީ ބަޔާން ފުރިހަމަކުރެއްވީ، ރައީސް ޑރ. މުޢިއްޒު، ރައީސް ޞާލިޙް، އަދި ޤާސިމް އެކަނި!

މިއަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެތެރެއިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުއްވި މާލީ ބަޔާނުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތެނީ ތިން ކެނޑިޑޭޓެއްގެ މާލީ ބަޔާންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވަމުން، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނަށް ހުށަހެޅުއްވި މާލީ ބަޔާންތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ މާލީ ބަޔާންކަމަށެވެ.

އެކޮމިޝަންގެ ނައިބު ރައީސް ވިދާޅުވީ، މި ތިން ކެނޑިޑޭޓުން ފިޔަވައި އިންތިޚާބުގައި ވާދަކުރެއްވި އަނެއް ފަސް ކެނޑިޑޭޓުންގެ މާލީ ބަޔާން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭކަމަށާއި، ޤާނޫނުގައި ވާގޮތުގެ މަތިން އެ ކެންޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބު އޭޖެންޓާމެދު ފިޔަވަޅު އެޅުމަށް އެކޮމިޝަނުން ނިންމަވާފައިވާކަަމަށެވެ.

އެފަސް ކެންޑިޑޭޓުން ވެސް ޖޫރިމަނާ ކުރާނީ 20000 ރުފިޔާއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާއިރު، އެ ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން 6000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ. އެ ފަރާތްތަކުން ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދޭން ހަމަޖެހިފައިވެއެވެ.

އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކުރައްވާފައިވާ ޚަރަދުގެ ތަފުސީލާއި އިންތިޚާބަށް ޚަރަދު ކުރެއްވުމަށް ފައިސާ ހޯއްދެވި ގޮތުގެ ތަފުސީލު މާލީ ބަޔާނުގައި ހިމަނަންޖެހޭއިރު، ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި ބޭންކު އެކައުންޓުން ކުރައްވާފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެހެން ބޭންކު ސްޓޭޓްމަންޓާއި ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީވެސް ހުށައަޅުއްވަން ޖެހެއެވެ.

މިފަދަ ކަންކަން ބަޔާންކޮށް، އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް 2018 އަހަރު ގެނައި އިޞްލާހުގައި ވަނީ، ވަކިކަމެއް ކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000 ރުފިޔާއާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޤާނޫނުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *