Wednesday, 19 June 2024

ޣައްޒާއަށް ދެމުންދާ ޙަމަލާ ހުއްޓުވާ ޤަރާރު އެމެރިކާއިން ވީޓޯ ކުރުމުން ރާއްޖެއިން ކަންބޮޑުވެއްޖެ

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު އެމެރިކާއިން ވީޓޯ ކުރުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެޗްއީ ހޫގޯ ޔޮންއާއެކު ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖެއިން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

އެކަމަށް އިޝާރާތްކުރައްވައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ފަލަސްޠީނުގެ މައްސަލައާމެދު ގޮތެއް ނިންމުމުގައި އދ.ގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަޒީރު ވަނީ ހަނގުރާމަ ހުއްޓާލައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ހުޅުވާލުމަށް ގޮވާލެއްވިކަމަށްވެސް ވިދާޅުވެފައެވެ،

ވަޒީރު ވިދާޅުވެފައިވަނީ، ދިފާޢީ ދާއިރާ، ވިޔަފާރި، އަދި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހިމެނޭ ގޮތަށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރެއްވިކަމަށެވެ.

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ން އިސްވެ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރަށް 13 ޤައުމަކުން ވަނީ ތާޢީދުކޮށްފައެވެ. އެ ޤަރާރާ ދެކޮޅަށް ވޯޓުދިނީ އެމެރިކާއެވެ.

ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ސަލާމަތީ ކައުންސިލްގެ ދާއިމީ ފަސް މެންބަރު ޤައުމުތަކުގެ ތެރެއިން އެއް މެންބަރު ޤައުމު ކަމަށްވާ އެމެރިކާއިން ވަނީ ޙަމަލާތައް ހުއްޓާލުމަށް ދެކޮޅު ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އަނިޔާވެރި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ތުހުމަތުކުރެވޭ އެމެރިކާއިން ވާގިވެރިވެގެން އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 17،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު