އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރައްވާ ސުވާލުކުރައްވަނިކޮށް، ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ތަޅުމުގައި އަޑުގަދަކުރައްވަމުން ގެންދެވުމުން އެ މެންބަރުގެ ނަން އިއްވައިފިއެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމެވެ.
މިނިސްޓަރ ސަޢީދު މަޖިލީހަށް ހާޒިރުކުރެއްވީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭގޮތުންނެވެ. އެހެންނަމަވެސް ވަޒީރު ގޮނޑިކޮޅުގައި އިިންނަވަނިކޮށް ޖާބިރު ވަނީ އަޑުގަދަ ކުރައްވަން ފަށްޓަވާފައެވެ.
މޭޒު ކައިރިއަށް ވަޑައިގެންވެސް އަޑުގަދަ ކުރައްވާ ސުވާލުކުރުމުން ހުރަސް އަޅުއްވަމުން ގެންދަވާތީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އަޑުގަދަ ނުކުރައްވާ ނިޒާމަށް ހުރުމަތްތެރިކޮށް ހިތުމަށް ޖާބިރަށް ތަކުރާރުކޮށް ނަސޭހަތް ދެއްވާފައެވެ. ނަމަވެސް އެކަމަށް ޖާބިރު އިޖާބަ ނުދެއްވުމުން އަސްލަމް ވަނީ ޖާބިރުގެ ނަން އިއްވަވާފައެވެ.
އަދި ނަން އިއްވެވުމުން ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުގައި އިށީންނަވައި، އޮށޯންނަވައި އަޑުގަދަ ކުރައްވާފައެވެ. އެހެންކަމުން ރިޔާސަތުން ނިންމެވީ ޖާބިރު މަޖިލިހުގައި ވަޑައިގެން ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިޔަށް ގެންދިޔުމަށެވެ. މިއާއެކު ޖާބިރު ވަނީ މަޖިލިސް ދޫކުރައްވައި އަމިއްލައަށް ބޭރަށް ވަޑައިގެންފައެވެ.