16 ފެބުރުވަރީ 2025

މަސްއޫލިއްޔަތަކީ ހަމައެކަނި ކަންކަމަށް އަމުރުކޮށް މަނާކޮށް، ބައެއްގެ މައްޗަށް އަތްގަދަ ކުރުމެއް ނޫން

އިސްލާމީ މުޖުތަމައަކީ ފުރިހަމަ ޝާމިލު މުޖުތަމައެއްގެ ގޮތުގައި ވުމަށްޓަކައި އެ މުޖުތަމައުގެ ކޮންމެ މީހަކު ވެސް އެމީހަކު އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހެއެވެ. ކީރިތި ރަސޫލާގެ ދިރިއުޅުއްވުމުން މިކަމުގެ ފުރިހަމަ ނަމޫނާ ދައްކަވާފައިވެއެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވާފައި ވަނީ "ތިޔަބައި މީހުން ކުރެ ކޮންމެ މީހަކީ ވެސް (ކޮންމެވެސް ބައެއްގެ ނުވަތަ ކަމެއްގެ) ބެލެހެއްޓުންތެރިއެކެވެ. އަދި އެމީހަކު ބަލަހައްޓަން ޖެހިފައިވާ ބަޔަކާ ނުވަތަ ކަމަކާ މެދު މަސްއޫލުވާން ޖެހޭނެ މީހެކެވެ." މިކަމުން، މަސްޢޫލިއްޔަތު އުފުލުމުގައި އިސްލާމް ދީނުގައި، މިފަދަ ރިވެތި އަޚްލާޤަށް ބާރުއަޅާ މިންވަރު ހާމަވެއެވެ.

ނަމަވެސް ހިތާމަ ހުއްޓެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ބައެއްމީހުންނަށް މަސްއޫލިއްޔަތުގެ މަފްހޫމް ވަނީ އޮޅިފައެވެ. އޭގެ ޙަޤީޤީ މާނަ ދެނެ ގަތުމަށް ވަނީ ފަސްޖެހިފައެވެ. އެމީހުން ދެކޭގޮތުގައި އެއީ ފަޚްރުވެރި ކަމާއި ޝަރަފްވެރި ކަމެކެވެ. އެއީ ހައިބަތާއި ނަފޫޒާއި ބާރު ލިބޭ ކަމެކެވެ. ހަމައެހެންމެ އެފަދަ މީހުން ދެކޭ ގޮތުގައި، އެއީ ތިމާގެ މުއްސަދިކަން ދެއްކުމަށް ހުޅުވޭ ދޮރެކެވެ. އޭނާގެ އަމާޒަކީ ފިނި ކޮޓަރީގައި، ބިޔަ މޭޒު ދޮށުގައި، ބޮޑު ގޮނޑީގައި އިނދެ، ކަންކަމަށް އަމުރުކޮށް، ކަންކަން މަނާކުރުމެވެ. ދަށުގައި ތިބޭ މުވައްޒަފުންނަށް އަމުރުކުރުމުގައި ވަގުތުތައް ހޭދަކުރުމެވެ. މި ނުބައި މަފްހޫމުގެ ސަބަބުން މަސްއޫލިއްޔަތު ވަނީ ވާދަވެރިކަމުގެ ތެރެއަށް ވަދެފައެވެ. މިހެންވަނީ، އަމިއްލަ އެދުން ބޮޑުވުމާއި ޢަޤީދާ ބަލިކަށިވުމުގެ ސަބަބުންނެވެ. އަމިއްލަ އެދުމާއި ދުނިޔެވީ މަންފާތަކަށް ހެއްލިގެން ދިއުމުން ސަބަބުންނެވެ.

މަސްއޫލިއްޔަތަކީ، ލުއިފަސޭހަ ކަމެއް ނޫނެވެ. އެއީ ހަމައެކަނި އަމުރު ކުރުމާއި، މަނާ ކުރުމަށް އޮންނަ ކަމެއް ނޫނެވެ. އެއީ ބައެއްގެ މައްޗަށް އަތްގަދަ ކުރުން ކަމަށް ނުދެކޭށެވެ. އެހެނަސް އެއީ ފުޅާވެގެންވާ ޒިންމާ ތަކަކެވެ. އަދާކުރަންޖެހޭ ޙައްޤެކެވެ. ނާޖާއިޒު ގޮތުގައި މިކަންކަން ކޮށްފިނަމަ ޤިޔާމަތް ދުވަހުން “ އޭ ސަހަރޯއޭ“ ބުނަން ޖެހޭނެއެވެ. މާތްﷲ އަންގަވާފައިވާ ގޮތަށް، މި މަސްއޫލިއްޔަތު އަދާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެތެވެ. އެ ސުވާލަށް ޖަވާބު ދިނުމަށް ތައްޔާރުވާށެވެ. ރަސޫލާ ހަދީޘް ކުރައްވާފައެވެ. ”ވެރިކަމަށް އިސްކުރެވުނު މީހުން އެކަމަށް އިސްކުރުމަށްވުރެ، ތަރިތަކުގެ މަތިން ވެއްޓުންވެސް މާރަނގަޅު ކަމުގައި އުއްމީދު ކުރާނެކަން ކަށަވަރެވެ. އަދި އެއްވެސް މަސްއޫލިއްޔަތެއް އުފުލަން ނުޖެހުނަމަ މާ ރަނގަޅޭ ބުނާނެއެވެ.“

މަސްއޫލިއްޔަތު އުފުލުމުގެ އަޚްލާޤް ދެމެހެއްޓުމަށްޓަކައި އަދާކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. ކޮންމެ މަސްއޫލިއްޔަތެއް ވެސް އެކަމަކަށް އެކަށީގެންވާ މީހާ އަށް ހަވާލުކުރުމެވެ. ކީރިތި ރަސޫލާ އެކިއެކި ކަންކަން އެކި ބޭފުޅުންނަށް ހަވާލު ކުރައްވާއިރު މަސްއޫލިއްޔަތު އުފުލޭނެތޯ ބައްލަވައެވެ. އެކަލޭގެފާނު ހަދީސްކުރައްވާފައިވަނީ، މަސްޢޫލިއްޔަތަކީ ބޮޑު އަމާނަތެއް ކަމަށެވެ. އަދި އެއީ އާޚިރަތުގައި ދެރަވެ ހިތާމަ ކުރަން ވެސް ޖެހިދާނެ ކަމެއް ކަމަށެވެ. އަދި ހަދީސްތަކުން އެނގޭ ގޮތުގައި ކަންކަމަށް އެކަށީގެން ނުވާ މީހުންނަށް ކަންކަން ހަވާލު ކުރެވުމަކީ ޤިޔާމަތްވާން ކައިރި ވެއްޖެ ކަމުގެ ނިޝާނެކެވެ.

އެހެންކަމުން، އިސްލާމީ ސީރަތުން އިބްރަތް ހޯދައި މަސްއޫލިއްޔަތު އުފުލުމުގެ ރިވެތި އަޚްލާޤާއި ސުލޫކު ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކޮށްގެން މި ސިފަ އެންމެންގެ ކިބައިގައި އަށަގަންނުވަން ޖެހެއެވެ. ކުޑައެއް ބޮޑެއް ނެތެވެ. މައްޗެއް ތިރިއެއް އިސްތިސްނާވެގެން ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު