18 ޖަނަވަރީ 2025

އިހަވަންދިއްޕޮޅުގެ "އައިހެވަން" މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެއްޖެ

އިޤްތިޞާދީ އިންޤިލާބީ ކުރިއެރުމެއް ގެނުވާނެ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންތަކުގެ މައި މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ކުރިއަށްގެންދަން ޕްލޭންކޮށްފައި އޮތް، އިހަވަންދިއްޕޮޅުގެ އައިހެވަން މަޝްރޫޢު މިސަރުކާރުން ކުރިއަށް ގެންދަވާނެކަމަށް އިޤްތިޞާދާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ އިޤްތިޞާދީ ވަޒީރުކަމުގައި ކުރިން ހިންގެވުމަށް ނިންމެވި އައިހެވަން މަޝްރޫޢު ކުރިއަށް ގެންދަވާނެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އައިހެވަން މަޝްރޫޢު ހިންގުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

"އެސަރަހައްދުން ބަންކަރިންއާއި ހުރިހާ ޚިދުމަތެއް ދިނުމަށް ސަރުކާރު މިއޮތީ ތައްޔާރަށް. ރާއްޖޭގެ އެހެން ބަނދަރަކުންވެސް އެހެން ދިމާލަކުންވެސް ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ދޭންޖެހޭ ޚިދުމަތަކުން ރާއްޖޭގެ އިޤްތިޞާދަށް އެކަމުން ފައިދާވާކަމަށްވަންޔާ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ކުރިއަށް ގެންދާނަން. ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ޢަޒުމެއް އަޅުގަނޑުމެންގެ އެބައޮތް. އިހަވަންދިއްޕޮޅު އިރާދަކުރެއްވިއްޔާ ފަށްޓާނަން." އިޤްތިޞާދާއި، ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އައިހެވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާއެއް ކޮށްފައި ކަމަށާއި، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިންއާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވާ ކަމަށާއި، މި މަޝްރޫއުގެ ޢަމަލީ މަސައްކަތްތަކާއެކު ރާއްޖެއަށް ބޮޑު ޢާމްދަނީއެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިހަވަންދިޮއްޕޮޅުގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މީގެ ކުރީގެ ހުރިހާ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން، ސަޢީދު ވަނީ ބަންކަރިންއާއި ކޮމާޝަލް މަޝްރޫއުތައް ހިމެނޭހެން ވަރަށް ފުޅާކޮށް އެ މަޝްރޫޢު އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އިޤްތިޞާދީ އިންޤިލާބެއް ގެނުވާނެ އައިހެވަން މަޝްރޫޢަކީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައިވެސް އިޤްތިޞާދީ ތަޞައްވުރުގައި ހިމެނުއްވި އެންމެބޮޑު އެއް މަޝްރޫޢެވެ. އެސަރުކާރު ނިމުނުއިރު އޭރުގެ މާސްޓަރ ޕްލޭން އޮތީ ނިމިފައެވެ. އޭރުވެސް މި މަޝްރޫޢު ހިންގުމުގެ އެންމެ އިސްކޮށް މަސައްކަތްކުރެއްވީ މިހާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު