" ޝައިނާ.. ޝައިނާ.. މި ދޮރު ހުޅުވަބަލަ.. ޝައިނާ ޕްލީޒް" ރާހިލްގެ އަޑުގައިވަނީ އާދޭހެވެ. އެރަށުގައި ހުރިއިރު ޝައިނާ ފާހަނަތެރޭގައި އަނބުރައިގަތް ރޭގެ ބިރުވެރި ހަނދާންތައް އޭނާގެ ސިކުނޑީގައި ކޮށްޓަން ފެށިއެވެ. ޝައިނާގެ ފަރާތުން ރައްދެއް ނުލިބި ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއެކު އޭނާގެ ހިތް އަވަސްވެ ސިކުނޑި ހާސްވަމުން ދިޔައެވެ.
ފާހަނައިގެ ދޮރުފަތުގައި ލެގިލައިގެންހުރެ ފުންނޭވާތަކެއް ލަމުންދިޔަ ޝަޢިނާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުންދިޔައެވެ. ފާއިތުވެދިޔަ ބައިގަޑިއެއްހާއިރު ވަންދެން އެ ކަރުނަތައް ހިފަހައްޓައިގެން ހުރުމަށްޓަކައި އޭނާ ކުރަމުންއައި ހިތްވަރު އެކީ ފުނޑުފުނޑުވެެއްޖެ ކަހަލައެވެ. މެޔަށް ބާރުވެ ހާސްވާން ފެށުމާއެކު އޭނާއަށް މަޑުމަޑުން ތިރިވެވުނެވެ. މި ހުރިހައި ދުވަހު އޭނާގެ ހިތުގައި އަޅަމުން އައި ރިހުމަށް ލިބުނު ހަމައެކަނި ފަރުވާއަކީ ރާހިލް އެ ކައިވެނި ނުކުރާނެކަމަށްބުނެ ތަކުރާރުކޮށް ދެމުންދިޔަ ޔަގީންކަމެވެ. ނަމަވެސް ދެއާއިލާގެ އެހާ ބޮޑު އުއްމީދަކާއެކު ކުރެވެން އުޅޭ ކައިވެންޏަކަށް ދެކޮޅުހަދަން ރާހިލްއަށް ކެރޭނެ ބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. މިއަދުވެސް ވާފިޔާގެ ބަހުގެ ކުރިމަތީގައި ރާހިލްގެ އިސްޖެހުނުގޮތް އޭނާއަށް ސާފުކޮށްފެނިފައިވެއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ރާހިލްގާތު ހުރެވުނު ނަމަވެސް އެ ކައިވެންޏަކީ ދެން ނުހުއްޓުވޭނެ ކައިވެންޏެކޭ އޭނަގެ ހިތް ބުނަމުންދިޔައެވެ.
"ޝައިނާ.. ޕްލީޒް ދޮރު ހުޅުވަބަލަ… ކުރިއަށްމިއޮތް ދެ މިނަޓުގެ ތެރޭގަ ޝައިނާގެ ހަބަރެއް ނުވިއްޔާ އަހަރެން މި ދޮރު ވައްޓާލާފަވިޔަސް މިއަދު ޝައިނާ ނެރޭނަން." ރާހިލް ހުއްޓުމެއްނެތި ޝައިނާއަށް ގޮވަމުން ބުންޏެވެ. ގޭގައި މެހެމާނުން ތިބި ވަގުތަކަށްވާތީ އެވަގުތު ބޮޑު ކަންތައްގަނޑެއް ހިންގާކަށް ޝައިނާ ބޭނުމެއްް ނުވިއެެވެ. އެހެންކަމުން މި ނުކުންނަނީ ކަމުގައި ގޮވައިލުމަށްފަހު އޭނާ މޫނުދޮވެލައި ހަމަޖެހިލިއެވެ. ފާހަނައިން ނުކުތްވަގުތު އޭނާއާ ފުރަތަމަވެސް ބައްދަލުކުރީ ރާހިލްގެ ކަންބޮޑުވެފައިވާ މޫނެވެ.
"އިޝީ ޕްލީޒް.. ގިވް އަސް އަ މޯމެންޓް" ރާހިލް އަދިވެސް އެއްފަހަރު އިޝްވާގާތު އެދުނެވެ. އިޝްވާ އެތަނުން ނުކުތީ ޝައިނާވެސް ރާހިލްގެ ވާހަކައަށް އެއްބަސްވެ ބޯ ޖަހައިލުމުންނެވެ. އިޝްވާ ދިޔުމާއެކު ރާހިލް އެންމެ ސިކުންތެއްވެސް ލަސްކުރުމެއްނެތި ޝައިނާ ގެނެސް އެއަތުގެ ތެރޭގައި ފޮރުވައިލިއެވެ. ނަމަވެސް ޝައިނާ ރާހިލްގެ އަތުން ވީއްލިގެން ދުރަށް ހިނގައިގަތެވެ. ރާހިލް ދެންވެސް ހުށިޔާރުކަމާއެކު ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޝައިނާ އެއަތް ފޮޅައިލަންކުރި މަސައްކަތް ނާކާމިޔާބުވީ ރާހިލްގެ ދެއަތުގެ ތެރޭގައި ޝައިނާގެ އަތް ހައްޔަރުކޮށްލުމަށްފަހު ފާރުގައި ޖައްސައިލުމުންނެވެ. ރާހިލްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް މޫނު ކައިރިވި ވަގުތު ޝައިނާ މޫނު އަނބުރައިލީ ލޮލުގެ ތެރެއަށް އަނެއްކާވެސް ބޮނޑިވެގަތް ކަރުނަތައް ރާހިލްއަށް ފޮރުވުމަށެވެ.
"ދޫކޮށްލާ ރާހިލް" ޝައިނާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ. އޭރު ކަރުނަތައް ހުއްޓުވަންކުރި މަސައްކަތް ނާކާމިޔާބުވެ ޝައިނާ ދިގު އެސްފިޔަތައް އެ ކަރުނައިން ފެވެމުންދިޔައެވެ.
"ޕްލީޒް ޑޯންޓް ކްރައި" ޝައިނާގެ ކަރުނަތައް ފެނުމާއެކު ރާހިލްއަށް ހިންދިރުވައިލެވުނެވެ. ދިލަ ރިހުމެއް މޭގައި އުފެދުނުހެން ހީވާން ފެށިއެވެ. "ޕްލީޒް ޑޯންޓް ކްރައި ލަވް.. އައި ބެގް ޔޫ." ރާހިލް އެދުނެވެ.
"ރާހިލް ހެޔޮނުވާނެ… އެންމެ ފަހު ވަގުތާ ޖެހެންދެން އަހަރެން ނުތަޅުވާ ދޫކޮށްލާ… ކަންތައްތައް ވަމުންދާ ގޮތެއް ރާހިލްއަކަށް ނުފެނޭތަ؟ ދެން އިތުރަށް މި ކައިވެންޏެއް ނުހުއްޓުވޭނެ. އިޓްސް އިންއެވިޓަބަލް ރާހިލް" ޝައިނާ ބުންޏެވެ.
"ނޯ. ނޯ އިޓްސް އިމްޕޮސިބަލް.. ޝައިނާ ދޫކޮށްލާފަ އަހަރެން އެ އެލީޝާއަކާ އިންނާނެ ގޮތެއް އެއީ ނެތްގޮތެއް" ރާހިލް ބުންޏެވެ.
"ރާހިލް ހެޔޮނުވާނެ އިތުރަށް ތިހެން އުއްމީދު ނުދީބަލަ. އިތުރަށް އަހަރެންނަށް ބޭކާރު ހުވަފެންތަކެއް ދެއްކުމުގެ ބޭނުމަކީ ކޮބާ؟ މިއަދު ވާފިޔާއްތަގެ ކުރިމަތީ ރާހިލް ބަސްހުއްޓި އިސްޖެހުނު ގޮތް އަހަރެންނަށް ނުފެންނަ ކަމަށްތަ ހީކުރީ؟ އަހަރެންނަށް އެނގޭ ރާހިލް ވާފިޔާއްތަދެކެ ކިހާ ލޯބިވާކަން.. ރާހިލްއަކަށް ނޫނެކޭ ބުނާކަށް ނުކެރޭނެ" ޝައިނާ ރުއިން ހުއްޓޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.
"މަންމައަކަށް ނޭނގޭނެ އަހަރެން ލޯބިވާންވި މީހެއް. މަންމައާ ގުޅުން ކަނޑާލަންޖެހުނަސް އަހަރެން ޝައިނާއާ ވަތްކެއް ނުވާ-"
"ރާހިލް" ޝައިނާ ހިތްހަމަނުޖެހިފައި ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. "ރާހިލްއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ އެއީ ތިމާ ބަނޑުއަޅައި ވިހެއި މައިމީހާ ނޫންތަ؟ ރާހިލްގެ އުމުރުން ތިހާވަރު ވިއިރު ދުވަހަކުވެސް މަންމަގެ ލޯބި އުނިވެފަ ނުވާތީ ރާހިލްއަށް އެއީ ކިހާ މުހިއްމު މީހެއްކަން ނުވިސްނެނީ.. އަހަރެންނަށް އެނގޭ އަހަރެންގެ މަންމަގެ ފަރާތުން އެންމެ އޯގާތެރިކަމުގެ ބަހެއްގެ މިންވަރުވިޔަސް ބުނާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރި މިންވަރު. ރާހިލްގެ ދުލުން ތިހެން ބުނަންވެސް ހެޔޮނުވާނެ." ޝައިނާ ބުންޏެވެ.
"ދެން އަހަރެން ޝައިނާ ރުއްސަން ކުރަންވީ ކީއްތަ؟ އެލީޝާއާ ކައިވެނި ކުރަންވީތަ؟" ރާހިލްއަށް ރުޅިއާދެވުނެވެ. ނަމަވެސް ރާހިލްގެ ސުވާލަށް ޝައިނާގެ ފަރާތުން ލިބިގެންދިޔަ ހިމޭންކަން އޭނާއަށް ޖަވާބަކަށް ފުދުނެވެ. ޝައިނާ ބޭނުންވަނީ ހަގީގަތުގައިވެސް އޭނާ އެލީޝާއާ ކައިވެނި ކުރަން ހެއްޔެވެ؟
"ޝައިނާ މޮޔަވީތަ؟ އަހަރެން އެހެންމީހަކާ އިންނަށް ތި ރުހި ގަބޫލުވަނީ ކީއްވެ؟ އެއްވެސް ވަރަކަށް އަހަރެންނަށް ޝައިނާގެ ލޯބި ހަމަ ހާސިލް ނުކުރެވުނީތަ؟ ހިތުން ރުހުމުން އަހަރެންގެ ޕާޓީ ޕްލޭން ކުރަން ތި ހިފަނީ ޝައިނާއަށް ހަމަ ކެތްވާނެތީތަ؟" ރާހިލް ހިތުގައި ޖެހުނެވެ.
"އަހަރެން ދެން ކުރަންވީ ކީއްތަ؟ މިއަދު އަހަރެން މިދެކުނީ މި ކައިވެންޏަށްޓަކައި ދެ އާއިލާއިން ކުރާ އުއްމީދު. މިއަދު އަހަރެންގާތު ވާފިޔާއްތަ ކުރި އާދޭސް އެނގޭނީ އަހަރެންނަކަށްނު. ރާހިލްއާ ވާހަކަދައްކައިގެން މި ކައިވެންޏަށް އެއްބަސް ކުރުވާށޭ.. ރާހިލްއާ އެލީޝާއާ ގުޅުމަކީ ދައްތަގެ ހާދަ ބޮޑު ހުވަފެނެކޭ.. އަހަރުމެންވީ އެ ހުވަފެން ފުނޑުފުނޑު ކޮށްލަންތަ؟ އެ އުއްމީދުގަ ކޮޅުފައިން ޖަހަންތަ؟" ޝައިނާ ބުންޏެވެ.
"ޝައިނާ ޕްލީޒް. ތި ނޫން ކިތަންމެ ގޮތެއް އޮންނާނެ.. ހިނގާ އަހަރުމެންގެ ވާހަކަ އެމީހުނަށް އަންގަން. އަހަރެންނަށް ޔަގީން މަންމަ ހިތުން ރުހުމުން ގަބޫލުވާނެ.. ޝައިނާއަކީ މަންމައަށް ޖަވާހިރަކަށްވުރެވެސް އަގުބޮޑު ކުއްޖެއް" ރާހިލްގެ ވާހަކައަށް އިންކާރުކުރުމުގެ ގޮތުން ޝައިނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ރާހިލް އައިމް ނޮޓް ވޯތް އިޓް.. ނޮޓް ދެޓް މަޗް .. އައިމް ނޮޓް ވޯތް މޯރ ދޭން އަ ރަޝިއަން އެމްޕްރެސް އެންޑް 50% އޮފް ހަރ އެމްޕަޔަރ"
"އައި ޑޯންޓް ގިވް އަ ޑޭމްން ޝައިނާ" ރާހިލް ޝައިނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ޔޫ އަރ ވޯތް މޯރ ދޭން އެނީއޮފް އިޓް ޓު މީ ލަވް. ޕްލީޒް. އިވަން ދިސް ސިންގަލް ޓިއަރ އޮފް ޔޯޒް އިޒް ވޯތް މޯރ ދޭން ޑައިމަންޑްސް ޓު މީ…" ޝައިނާގެ ކޯތާފަތްމައްޗަށް ވެއްޓިގެންދިޔަ ކަރުނަތިކި އަތުގެ ބޮޑުވައި އިނގިލިން ފޮހެލަމުން ރާހިލް ބުންޏެވެ.
"ސޮރީ ރާހިލް.. އަހަރެންނަކަށް ނުކެރޭނެ. އަހަރެން ބިރުގަނޭ.. ރާހިލް ތި ހަދަނީ މިސްޓޭކަކަށް ވެދާނެތީ.. މިއަދު އެލީޝާގެ ބަދަލުގަ އަހަރެންް ޚިޔާރު ކޮށްފިނަމަ ރާހިލް ފަހުން އެކަމާ ހިތާމަ ކުރާނެ ދުވަހެއް އަތުވެދާނެތީ.. ސޯ ޕްލީޒް އެކްސް ކިއުޒް މީ.." ޝައިނާ އިސް ޖަހައިލުމަށްފަހު ރާހިލް ދުރަށް ކޮށްޕައިލަން މަސައްކަތްކުރިއެވެ. ރާހިލްއަށް ހީވީ މީހަކު އޭނާގެ ކަންކަށިމަތީ އެތިފަހަރެއް ވީއްލައިލިހެނެވެ.
"އަރ ޔޫ ލީވިންގް މީ؟" ރާހިލް ސުވާލުކުރިއެވެ.
"ރާހިލް ޕްލީޒް. މިއީ އެހާ ބޮޑު ކަންތައްގަނޑަކަށް ނުހަދަބަލަ. ރާހިލްއަށް އަހަރެންގެ މަތިން ހަނދާން ނައްތާލާކަށް އެހާ އުނދަގޫ ކަމަކަށްނުވާނެ. އަހަރެންގެ ކުރިން އައި ކިތަންމެ ކުދިންނެއްވެސް ހަމަ ހަނދާން ނައްތާލީނު. މިއަށްވުރެ މާ ގާތްކޮށް ހިނގައިދިޔަ ގުޅުންތައްވެސް ރާހިލް ހަނދާން ނައްތާލީނު. އެ ހުރިހާ ކަމެއް ހަނދާން ނައްތާލެވޭއިރު އަދި އަހަރެންމީ ކާކު؟ ރާހިލްއަށް މާދަންވެސް އެލީޝާދެކެ ލޯބިވެވޭނެ… އަހަރެން ބޭނުމީ ވަކިވާން" ޝައިނާގެ އަޑުގައިވަނީ ސާބިތުކަމެވެ.
"ޝައިނާ ޕްލީޒް. ތި ދައްކަނީ މުޅިންވެސް މާޒީގެ ވާހަކަ" ރާހިލް ބުންޏެވެ.
"ދެންވެސް ރާހިލްއަށް އެކަންވާނެ. ބަލަ މާޒީއަކީ މުސްތަގްބަލްގެ މޫނުބަލާ ލޯގަނޑޭ ބުނެއެއްނޫންތަ؟" ޝައިނާ ބުންޏެވެ.
"ތިބުނީ؟" ރާހިލްގެ ބުމަ ގޮށްޖެހިގެންދިޔައެވެ.
"މިބުނީ އަހަރެން މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނޭ. އަޑެއްނީވޭތަ؟" ޝައިނާ އަނެއްކާވެސް ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު ހިނގައިގަތެވެ. މިފަހަރު ރާހިލްއަށް ރުޅި އިސްކުރެވުނެވެ. ޝައިނާ އެދެމީހުންގެ ގުޅުމާމެދު އެހާ އަވަހަށް އުއްމީދު ކަނޑައިލީތީ ސިކުނޑިއަށް ވެރިވި ވަސްވާސްތަކާއެކު ރާހިލްއަށް ހަރުކަށިވެވުނެވެ. ދުރު ފިޔަވަޅުތަކެއްގައިގޮސް ޝައިނާއާ އެއްވަރު ކޮށްލަމުން އެ އަތުގައި ހިފައި އަނބުރައިލުމަށްފަހު ކައިރީގައި ހުރި އަލަމާރިއަށް ޝައިނާގެ ހަށިގަނޑު ތަތްކޮށްލިއެވެ.
"ޝައިނާއަށް ހަމަ ތިވާހަކަ ގަބޫލު ކުރެވޭތަ؟ އަހަރެންނަށް އައި ބަދަލު ނުފެންނަނީތަ؟ އަހަރެން ޝައިނާއާހެދި މޮޔަވެފަހުރިވަރު ނުފެންނަނީތަ؟ މައްސަލައެއްނެތް.. ޝައިނާ ތިބުނީ ތެދެއް ކަމުގައި ވަންޏާ އަހަރެންނަށް ކެތްކުރެވިދާނެ.. އަހަރެންނަށް ޝައިނާގެ މަތިން ހަނދާން ނައްތައިލެވިދާނެ. އެކަމަކު ޝައިނާއަށް އެކަން ވާނެތަ؟ ޝައިނާއަށް އަހަރެންމަތިން ހަނދާން ނައްތާލެވިދާނެތަ؟" ޝައިނާގެ އުޅަނބޮށީގައި ހިފަހައްޓައިލައިގެންހުރި ރާހިލްގެ އަތަށް ބާރުލެވެމުން ދިޔައެވެ. އެ އަތުގެ އިނގިލިތަކުން ޝައިނާގެ ހަންގަނޑުގައި ކުރެހުން އެޅެމުންދިޔައެވެ.
"ރާހިލް.. އަހަރެންނަށް ތަދުވެ—"
"އަހަރެންނަށްވެސް ތަދުވެޔޭ.. ނޭނގުނަސް މިހިތުގަ ހާދަ ވޭނެއް އަޅައޭ.. ޝައިނާއަށް އަހަރެން ދޫކޮށްލާފަ ދާން ތިހާ ފަސޭހަވީތީ މިހިތް ހާދަ ޝަކުވާއެއް އެބަ ކުރެޔޭ.." ރާހިލް ޝައިނާގެ އަތަށް ކުޑަކޮށް ދޫދިނެވެ.
"ޝައިނާއަށް އަހަރެން އެހެން މީހަކާއެކު ދެކެން ކެތްވާނެތަ؟" ރާހިލް އެދެމެދުގައިވާ ދުރުމިން ނައްތައިލައި ޝައިނާގެ ކަންފަތާއި ކައިރިވެލަމުން އަހައިލިއެވެ. "އަހަރެންގެ މި އަތް.. އެހެން މީހެއްގެ ގައިގައި ބީހެން ޝައިނާއަށް ކެތްވާނެތަ؟" ރާހިލް އަތުގެ ނުފުށުން ޝައިނާގެ މުލައްދަނޑީގައި ފިރުމައިލަމުން ޝައިނާގެ ކަނދުރައިގައި ބޮސްދިނެވެ. ރާހިލްގެ ހޫނު ނޭވާ ކަރުދަށުން އިހުސާސްވާން ފެށި ހިނދު ޝައިނާއަށް ދެލޯ މަރައިލެވުނެވެ.
"ޓެލް މީ.. ޝައިނާއަށް ކެތްވާނެތަ ޝައިނާ ތި ހުރި މަގާމުގަ އެހެން އަންހެނަކު ބަހައްޓަން؟ މި އިހުސާސްތައް އަހަރެންގެ ފުށުން އެހެން މީހަކަށް ކުރުވާނެކަން އިނގިހުރެ.. ކެތްވާނެތަ އަހަރެން ޝައިނާދެކެ ވާ ލޯބި އެހެން މީހެއްދެކެ ވާތަން ދެކެން؟" ރާހިލްގެ އަތުގެ ފިރުމުންތަކާ އެއްވަރަށް އެ ތުންފަތުގެ ބީހުންވެސް އަވަސްވިއެވެ. އެހަރަކާތްތަށް ހުއްޓުމެއް ނައި ނަމަވެސް ޝައިނާއަށް ރާހިލް ދައްކަމުންދިޔަ ވާހަކަތަކާމެދު ވިސްނެން ފެށިއެވެ. އޭނާ އެވަގުތު އެ ހުރި މަގާމުގައި އެހެން އަންހެނަކު ހުރެދާނެކަމުގެ ހިޔާލުން އޭނާއަށް އުނދަގޫވިއެވެ. އެއަތުން އެހެން ހަށިގަނޑެއްގައި ބީހޭނެކަމުގެ ހިޔާލާއި އެ ތުންފަތުގެ ހޫނުން އެހެން ހަށިގަނޑެއްގެ ހިއްސުތައް ރޯކޮށްފާނެކަމުގެ ހިޔާލުން ހިތުގައި ހަސަދައިގެ އޮއެވަރެއް ދަތުރުކުރިއެވެ. އެގޮތް އޭނާ ބޭނުމެއްނޫނެވެ. ރާހިލްގެ ލޯބި އެހެން މީހަކާ ހިއްސާ ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެފަދަ ހިޔާލެއް ހިތަށް ވެރިވިޔަސް އޭނާގެ ހިތް ކުދިކުދިވާހެން ހީވާއިރު ހަގީގަތުގައި އެކަން ހިނގައިފިނަމަ އޭނާ އެކަމަކަށް ކެތްކުރާނީ ކިހިނެއް ހެެއްޔެވެ؟ ޖަޒުބާތުގައިޖެހި ގޮތް ހުސްވެފައިވާހާލު ޝައިނާއަށް ގިސްލެވެން ފެށިއެވެ. އެ އަޑު އިވުމާއެކު ރާހިލް ހާސްވެފައިހުރެ ދުރަށް ޖެހިލަމުން ޝައިނާގެ މޫނަށް ބަލައިލިއެވެ. ޝައިނާ އެންމެ ސުކުންތެއްވެސް ލަސްކުރުމެއްނެތި ރާހިލްގެ ގައިގައި އޮޅުލައިގަތެވެ.
"އައި ލަވް ޔޫ…" ޝައިނާގެ ފަރާތުން އިވިގެންދިޔަ ތިން ލަފްޒުން ރާހިލްއަށް ސިހުން ލިބުނެވެ. އެއީ ޝައިނާގެ ފަރާތުން އިވުމަށް އޭނާ ކިހާ އިންތިޒާރެއް ކޮށްފައިވާ ތިން ލަފްޒުހެއްޔެވެ. އުއްމީދު ކަނޑައިލައިފައި ވަނިކޮށް އޭނާއަށް ޝައިނާގެ ފަރާތުން ލިބިގެން އެ ދިޔަ އުއްމީދުގެ ސަބަބުން ރާހިލްއަށް އާދަޔާ ހިލާފު ހަމަޖެހުމެއް ލިބުނެވެ. ގަބޫލު ނުކުރެވިފައިހުރެ އޭނާއަށް ޝައިނާ ގަޔާއި ދުރުކޮށްލަމުން އެ ދެލޮލަށް ބަލައިލެވުނެވެ.
"ވަރަށް ލޯބިވޭ.. އަހަރެން ދޫކޮށްނުލައްޗޭ" ޝައިނާ އަނެއްކާވެސް ރާހިލްގެ ގައިގައި ބައްދައިލިއެވެ. ރާހިލް ހިނިތުންވެލިއެވެ.
"އިތުބާރު ކުރޭ.. އަހަރެން ދުވަހަކުވެސް ޝައިނާ ދުލެއް ނުކުރާނަން.. އެއަށްވުރެން މާބޮޑަށް އަހަރެން ޝައިނާދެކެ ލޯބިވޭ" ރާހިލް ބުންޏެވެ.
*************
"އަހަރެންނަކަށް ނޭނގެ ކުއްލިއަކަށް އެލީޝާގެ ހިޔާލު ބަދަލުވާންވި ސަބަބެއް.. އަހަރެންނަށް ހަމަ ޔަގީން އެދުވަހު އެލީޝާވެސް ހުރީ މި ކައިވެނި ކުރާގޮތަކަށް ނޫންކަން" ކާރުގެ ބްލޫޓޫތާއި ކަނެކްޓް ކުރެވިފައިވާ ފޯނުން ރިއާންއަށް ގުޅައިގެން އިނދެ ކާރު ދުއްވަމުންދިޔަ ރާހިލް ކަންބޮޑުވެފައި ބުންޏެވެ.
"އަހަރެންވެސް ގައިމު އިނިން މިއަދު އެ ހުރިހާ ވާހަކައެއް ދެއްކި އިރު. އަހަރެންނަށް ހީވަނީ އެހެން އެކަކަށްވުރެވެސް ބޮޑަށް އެލީޝާހެން މިކަން ބޭނުންވެފަ ހުރީ… ދެން އަޅެ ރާހިލް ތިވާހަކަ ދައްކަބަަލަ" ރިއާންގެ ވާހަކައާ އެއްބަސްވަމުން ރާހިލް ފޯނު ކަނޑައިލުމަށްފަހު ކާރުން ނުކުތެވެ. އޭރު އޭނާގެ ކާރު ޕާކު ކުރެވިފައިވަނީ އެލީޝާމެން އުޅޭ ލަގްޜަރީ އިމާރާތުގެ ޕާކިންގް ލޮޓްގައެވެ. އެލީޝާއާ ބައްދަލުކުރުމަށްޓަކައި އޭނާ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އެ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި މަސައްކަތުމީހާ ގާތު އެލީޝާއަށް ގޮވައިލަން އެދެމުން އޭނާ ގޮސް އެ އިމާރާތުގެ ޓެރަހަށް އެރިއެވެ. ސަރާސަރަށް ފެތުރިފައިވާ އިމާރާތްތަކަށް ނަޒަރު ހުއްޓައިލަމުން ރެއިލިންގްގައި އަތް އަޅުވައިލިއެވެ. އިރުކޮޅެއްފަހުން އޭނާގެ ގާތުގައި އައިސް ހުއްޓުނީ އެލީޝާއެވެ. އެލީޝާ މަޑުމަޑުން ރާހިލްގެ އަތްމަތީގައި އަތް ބާއްވައިލިއެވެ. ކައްޓެއް ޖެހިހެން ރާހިލް އެ އަތް ފޮޅުވައިލިއެވެ.
"ހަބަރުދާރު އަތް ނުލާތި! އަދި މާ ހެޔޮ މީހަކަށްވެގަނެގެން އަހަރެންގާތު ފުރަތަމަ މި ކައިވެންޏަށް އިންކާރު ކުރިއެއްނު. ހުރިހާވެސް ނުބައަކީ ހަމަ ކަލޭ! ކަލޭ ބޭނުމިއްޔާ މި ކައިވެނި ހުއްޓުވޭނެ. ހީކުރީތަ އަހަރެންނާ ކައިވެނި ކޮށްގެން އަހަރެންގެ ފަރާތުން މޮޅުތަކެއްވާނޭ؟ މި ކައިވެންޏަކުން ކަލެއަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ" ރާހިލް އެލީޝާއަށް އިޝާރާތްކޮށް ވާހަކަދެއްކިއެވެ. އެލީޝާގެ ފަރާތުން ބަދަލުގައި ލިބުނުހާވެސް އިޝާރާތަކީ ކުށްވެރިއެއް ފަދައިން އިސްޖަހައިލުމެވެ.
"ރާހިލް. އަހަރެން ކިޔާ އެއްޗެއް އަޑު އަހާބަ" އެލީޝާ ރާހިލްއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ރާހިލް އެކަން މަނާކޮށް ފަހަތައް ޖެހުނެވެ.
"ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެން ބޭނުމެއްނޫން.. އަހަރެން ކަލެއަށް މި ދެނީ ދެ ދުވަސް! ދެ ދުވަސްތެރޭ ކަލޭ މިކަން ހުއްޓުވާނެ ގޮތަކަށް ހުއްޓުވަންވީ.. އޭގެ ފަހުން ކަން ކުރަންޖެހޭނެ ގޮތް އެނގޭނީ އަހަރެންނަށް" ރާހިލް ދުރަށް ހިނގައިގަތެވެ.
"ރާހިލް.. ރާހިލް މަޑުކޮށްބަލަ ޕްލީޒް" ދުވެފައި އައި އެލީޝާ ރާހިލްގެ އަތުގައި ހިފަހައްޓަމުން ރާހިލްގެ ފައިކައިރިއަށްތިރިވިއެވެ. ރާހިލްއަށް ސިހިފައި ފައި ދުރުކޮށްލެވުނެވެ.
"ރާހިލް.. ޕްލީޒް ހެލްޕް މީ.." އެލީޝާ ކަރުނުން ފުރިފައިވާ ދެލޮލާއެކު އާދޭސް ކުރިއެވެ. އެބުނި އެއްޗެއް ދޭހަކުރަން އުޅޭފަދަ ގޮތަކަށް ބުމަ ގޮށްޖަހައިލަމުން ރާހިލް އެލީޝާއަށް ބަލައިލިއެވެ.
***************
ރާހިލްއާއެކު ކުރިއަށްދިޔަ ކޯލް ނިންމައިލުމަށްފަހު ބެލްކަނިން ނުކުތް ވަގުތު ސިޓިންގްރޫމްގައި އިން ޒީވާފެނި ރިއާންއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާ ރާހިލްއަށް ގުޅައިގެންހުރެ ބޭރަށް ނުކުމެލީ ޒީވާ ކޮޓަރިއަށް ވަނުމުންނެވެ. ނަމަވެސް ޒީވާ ނުކުތް އިރެއް އަދި އެދެމީހުންގެ ވާހަކައިން ޒީވާއަށް އަޑު އިވުނު މިންވަރެއް ރިއާންއަކަށް ނޭނގުނެވެ. އޭނާ އެކަމާ ކަންބޮޑުވިއެވެ.
"ޒީވް. ނުނިދަންތަ؟" ރިއާން ހާސްކަން ފޮރުވައިލަމުން އަހައިލިއެވެ.
"ހްމްމް. ފިލްމެއް ބަލާލަން ނުކުތީ. ރިއާން ބަލާނަންތަ؟" ޒީވާ އަހައިލިއެވެ.
"ދެން އެހެން ފަހަރަކުން ދޯ؟ ވަރަށް ނިދިއާދޭ އެބަ" ރިއާން އާދައިގެމަތިން ޒީވާގާތު މަޑުކުރުމަށް އިންކާރުކުރިއެވެ.
"އޯކޭ ގުޑްނައިޓް" ޒީވާ މާބޮޑު ފަރުވާލެއްނެތި ބުންޏެވެ. ރިއާންގެ ފަރާތުން ލިބެމުން އަންނަ ފަރުވާކުޑަކަމާއި ބީރައްޓެހިކަމަށް އޭނާ އާދަވެފައިވާ ކަހަލައެވެ. ނަމަވެސް އޭނާއަށް ހައިރާންކަމެއް ލިބުނީ ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ރިއާންއައިސް އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ސޯފާގައި އިށީންނުމުންނެވެ.
"ޒީވް؟ ހީވޭތަ މިއީ ހަމަ އެންމެ ރަނގަޅުގޮތްހެން؟ މިބުނީ އެލީއާއި ރާހިލްގެ ކައިވެނި. އަދި އެލީއާ ދިމާވިތާ މާ ދުވަހެއްވެސް ނުވެއެއްނު" ރިއާން ބޭނުންވީ ޒީވާގެ ހިޔާލު ހުރިގޮތެއް ބެލުމަށެވެ.
"ހްމްމް. ކޮބާ މައްސަލައަކީ؟ ދޮންބެއަކީ އަންހެނެއްގެ ގޮތް ދަސްކުރަން މާ ގިނަދުވަހެއް ނަގާ މީހެއް ނޫނެއްނު؟ އެހެންނޫނަސް އަހަރެމެން މިއީ ބައެއްގެ ކައިވެންޏަކަށް ފާޑުކިޔަން ކޮންބައެއްދޯ؟ އަނެއްކާ އެލީއަކީ ނުލާހިކު ސްވީޓް ގަރލްއެއް. އަހަރެން ވަރަށް ލައިކްވޭ" ޒީވާގެ ވާހަކައަށް ރައްދުދިނުމުގެ ބަދަލުގައި ރިއާން ހިމޭންކަން އިހްތިޔާރުކުރިއެވެ. އެ ހިމޭންކަމުން ޒީވާއަށް އުނދަގޫވިއެވެ.
"ކިހިނެއްވީ؟ ދޮންބެއާ އެލީއާ މައްސަލައެއް ޖެހުނީތަ؟ އަހަރެންނަށް އިވުނޭ ދެންމެ ރިއާން ދޮންބެގާތު އެލީއާ ކޮންމެވެސް ވާހަކައެއް ދައްކާށޭ ބުނި އަޑު. އެކަމަކު އެކަހަލަ ކުދި ކުދި މައްސަލަ ޖެހޭނެ. ދޮންބެ ކައިރި ބުނޭ އެހާ ވަރަށް އަޅާނުލާށޭ." ޒީވާ ރިއާންގެ އަތުގައި ހިފަހައްޓައިލިއެވެ. މިފަހަރު ރިއާން ހިނިތުންވެލުމަށްފަހު ޒީވާގެ ވާހަކައަށް ބޯ ޖަހައިލިއެވެ. ބަދަލުގައި ޒީވާވެސް އެ ހިނިތުންވުން ރައްދުކޮށްލިއެވެ. ރިއާންއަށް ހީވީ ހިނދުކޮޅަކަށް ޒީވާގެ ހިނިތުންވުމުގެ ޖާދޫގައި އެ އަތުތެރޭގައި އޭނާގެ ހިތް ފިއްތައިލެވުނުހެނެވެ. އޭނާ އަވަސް އަވަހަށް ދުރު ބަލައިލަމުން ނޭވާ ހަމައަކަށް އަޅުވައިލިއެވެ.
"ޒީވް އާންމުކޮށް ކޮންކަހަލަ ފިލްމެއްތަ ބަލަނީ؟ މިރޭ އަހަރެންވެސް ފިލްމް ބަލަން އިންނާނީ ކަންނޭނގެ. ކޮން ފިލްމެއް ބަލާނީ؟" ރިއާން ރިމޯޓު އަތަށް ހެޔޮވަރުކޮށްލިއެވެ.
"އައްދޭ. ދެންމެ އައިސްގެން އުޅުނު ނިދިގަނޑު މިހާރު ދިޔައީތަ؟" ޒީވާ ސަމާސާ ރާގެއްގައި ބުންޏެވެ.
"ދައްކާ ވާހަކަ. މިތަނުން ބިރުވެރި ފިލްމެއް ބަލާލާއިރަށް މި ނިދި ފިލައިދާނެއްނު" ރިއާންވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
"ދެން ނޫން އަޅެ. އަހަރެންނަކަށް ނުކެރޭނެ ބިރުވެރި ފިލްމު ބަލާކަށް" ޒީވާ ރިމޯޓު އަތުލިއެވެ.
"އެއްކަލަ ފިނޑި ކުކުޅު" ރިއާން އެމީހުން ކުޑައިރު ޒީވާއާ ދިމާލަށް ކިޔައިއުޅޭ ނަމުން މުހާތަބު ކުރިއެވެ.
"ހެވޭ. ކުޗް ކުޗް ހޯތާ ހައި ބަލާނީ.." ޒީވާ ބުންޏެވެ.
"އައްޗީޑި" ރިއާން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ.
"ހުއް. ކުރިން ރިއާންގެވެސް ފޭވްރިޓެއް ދޯ. ދެން މިހާރު އައްޗީޑި ވީ؟ ޕްލާސްޓިކް! ޑަބަލް ޓޭޕް. ޖަސްޓް ލައިކް ރާހުލް." ޒީވާވެސް ވަކި ދުލެއް ނުދިނެވެ. އެދެމީހުންގެ އިހުގެ ދުވަސްތައް އަލުން އިއާދަ ވެފައިވި ކަހަލައެވެ.
"ޕިސް. ތި ދައްކަނީ މާ ކުރީގެ ވާހަކައެއްނު. އަންޖަލީ ބަދަލުވިޔަސް ޒީވް ބަދަލެއްނުވޭ ދޯ." ރިއާން ޗޮކެއް ކަނޑައިލަމުން ބުންޏެވެ.
"މައްސަލައެއް ނެތް. ކުޗް ކުޗް ހޯތާހައި ނުބެލިޔަސް ރޮމޭންސް ޖޯންރާގެ ފިލްމެއް." ޒީވާ ހުށަހެޅިއެވެ.
"ޕްލީޒް ނޮޓް ބޮލީވުޑް. ޔޯރ ބްރަދަރ ކްރިއޭޓްސް އިނަފް ޑްރާމާ އިން މައި ލައިފް" ރިއާން ބުންޏެވެ.
"އޯކޭ ފައިނަލް ޑީލް! ހޮލީވުޑްގެ ރޮމޭންޓިކް ފިލްމެއް. ޓެން ތިންގްސް އައި ހޭޓް އަބައުޓް ޔޫ އޯކޭ؟ އޯކޭ ނޫނަސް ދެން މި އަޅުވަނީ" ޒީވާ އަހައިލިއެވެ.
"ފެއަރ އިނަފް" ރިއާން ކޮނޑުއަރުވައިލަމުން ޒީވާގެ ހިޔާލާ އެއްބަސްވިއެވެ.
***************
ކުރިމަތީގައިވާ ލެޕްޓޮޕުން އަލަށް ހުޅުވޭ ރިސޯޓުގެ އެންމެ ފަހުގެ ފޮޓޯތައް ފެންނަމުންދިޔަ ނަމަވެސް ޝައިނާގެ މާބޮޑު ޝައުވުވެރިކަމެއް އެ ފޮޓޯތަކަށް ދެވިފައިވާތަނެއް ނުފެނެއެވެ. ރިސޯޓު ރީބްރޭންޑް ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކަށް އޭނާ ވާނެއެވެ. ނަމަވެސް މިއަދު އެކަމާގުޅޭ މަޝްވަރާތަކަށް އޭނާގެ އެއްވެސް ޝައުގެއް ނެތެވެ. އޭނާގެ ހިޔާލުތައް ވަނީ އެހެން މިސްރާބަކަށް ގެއްލި ހުސްވެފައެވެ.
"ޝައި.. ޝައި.. ޝައި!!!" ޝައިނާގެ ކެބިންގެ ހުޅުވައިލެވިފައިވާ ދޮރުގައި ޓަކިދިން ކުއްޖާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. ފުންވިސްނުމެއްގައި އިން ޝައިނާއަށް ސިހިފައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ.
"ކީކޭ އަފޫ؟" ޝައިނާ އަހައިލިއެވެ.
"ޝައި.. ހުރިހާ ކަމެއް ރަނގަޅުތަ؟" ޝައިނާ އެ ސުވާލުގެ ބަދަލުގައި ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އެހެންކަމުން އެކުއްޖާ އެތަނަށް އައި އަސްލު ސަބަބު އޮޅުންފިލުވައިދިނެވެ. "އެކަކުވެސް ނެތީމާ ފްލޯރ ތަޅުލަންކަމަށް.. ޝައި ލަސްވަންދެން އިންނަންޏާ ތަޅުލާފަ ނީމް އަށް ތަޅުދަނޑި ދީފަ ދައްޗޭ" ޝައިނާ އަނެއްކާވެސް ބޯ ޖަހައިލިއެވެ.
އެކުއްޖާ ދިޔުމުން އޭނާވެސް މާ ގިނައިރަކު އެތަނުގައި މަޑުކުރާކަށް ނޫޅުނެވެ. އެތަނުގައި އިނަސް އެވަގުތު އޭނާއަށް މަސައްކަތަށް ސަމާލުކަން ދިނުންވާނީ ނާދިރު ކަމަކަށެވެ. އެހެންކަމުން ވަގުތު ބޭކާރުނުކޮށް އޭނާވެސް އޮފީހުން ނުކުތީ އިރު ހުއްޓާ ގެއާ ހަމައަށް ދެވޭތޯއެވެ. ހަމަ ނުކުތްތަނާހެން އޮފީހުގެ ކުރިމައްޗަށް ވާގޮތައް ސައިކަލު މަޑުކޮށްލައިގެން އިން ރާހިލް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ މިދިޔަ ހަފްތާއެއްހާ ދުވަހުވެސް ރާހިލްގެ އާދައެވެ. ކޮންމެ ދުވަހަކުވެސް އޭނާ އޮފީހުން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެތަނުގައި އިނދެއެވެ. ރާހިލްގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. އެ އިސްތަށިގަނޑުގައި ތަރުތީބެއްނެތެވެ. އޮފީހަށްދާ ރަސްމީ ގަމީހާއި ފަޓުލޫނުއި ހުރި ނަމަވެސް ޓައި ވަނީ ދޫކޮށްލެވިފައެވެ. އަބަދުވެސް ތަރުތީބުކޮށް ހުންނަ ރާހިލްގެ އެ ތަރުތީބު ގެެއްލިފައިވާ ސިފައިގައި ޝައިނާއަށް ހިތްގައިމު ގޮތެއްހުއްޓެވެ. ނަމަވެސް އެންމެ އަވަސް ނަޒަރަކަށް ފަހު އޭނާ އެހެން ކޮންމެ ދުވަހެކޭވެސް އެއްފަދައިން ރާހިލްއަށް ފުރަގަސްދެމުން ހިނގައިގަތެވެ.
"ޝައިނާ.. ޝައިނާ ޕްލީޒް މަޑުކޮށްބަ.. ޝައިނާ.. އަހަރެން ވާހަކަދައްކަން ބޭނުން އެންމެ ފަހަރަކު އަޑު އަހާލަބަ ޝައިނާ.. ޕްލީޒް.. ޝައިނާ.." ރާހިލް ގޮވަގޮވާ އޮއްވައި ޝައިނާގޮސް މަގުގެ ކަންމަތީގައި އޮތް ޓެކްސީއަށް އެރިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޮފީސް ނިމޭވަގުތު ހިނގާލައިފައި ދިޔުމަކީ އޭނާއަށް މާ އުނދަގޫ ކަމަކަށްނުވި ނަމަވެސް އޭނާ މިހާރު ޓެކްސީގައި ދާން އާދަކޮށްފައިވަނީ ރާހިލްގެ ކިބައިން ސަލާމަތްވުމަށެވެ. ޓެކްސީ ދުއްވައިލި ވަގުތު ލޯ މަރައިލި ޝައިނާގެ ހިޔާލަށް އައީ މީގެ ހަފްތާއެއް ކުރިން އޭނާއާއި ރާހިލްގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމެވެ.
"އަހަރެންނަކަށް ނޭނގެ ރާހިލްއަށް މިކަމާ ދޭތެރޭ އެއްޗެކޭ ނުބުނެވިގެން ތި އުޅެނީ ކީއްވެގެންކަމެއް… ކުރިންވެސް އަހަރެން ގާތު ތި ކައިވެންޏެއް ނުކުރެވޭނޭ ބުނީ އެލީޝާ ތިކަން ހުއްޓުވާނެ ކަމަށް ބަރޯސާ ވެގެންތަ؟ އެލީޝާގެ ބަހަށް އިތުބާރު ކޮށްފަތަ؟" ހިތްހަމަނުޖެހިފައިހުރެ ޝައިނާ ކައިރީގައި އިން ރާހިލްއާ ދުރަށް ޖެހިލިއެވެ. އެދެމީހުން ތިބީ ޝައިނާމެން ގޭގެ ބޮޑު ކޮޓަރީގައި ބެހެއްޓިފައިވާ ސޯފާގައެވެ.
"ޝައިނާ ޕްލީޒް.. އަހަރެން ބުނެފީމެއްނު… އަހަރެން މަސައްކަތް ކުރާނަމޭ" ރާހިލް ބުންޏެވެ.
"ކިހިނެއްވީ؟ ވާހަކައިގެ ރާގު ބަދަލުވީ ކީއްވެ؟ ކުރިން ދިން ޔަގީންކަން ޝައްކަށް ބަދަލުވީތަ؟ އެލީޝާއެކޭ ހަމަ އެއްގޮތަށް ރާހިލަށްވެސް ނޫނެކޭ ބުނުމުގެ އިޙްތިޔާރު އެބަ އޮތެއްނު؟" ޝައިނާއަކަށް ނުވިސްނުނެވެ. ރާހިލްގެ ފަރާތުން އެކަމަށް ރައްދެއް ނުލިބުނެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން ކަކުލުގައި އަތް ވިއްދައިލިއެވެ.
"ޝައިނާއަކަށް ނޭނގޭނެ. އަހަރެން ނާޝިދުއަށް އިތުރު ދަރަންޏެއް ދަރާކަށް ބޭނުމެއްނޫން.. އަހަރެން މިއީ އޭނަގެ ކުރިމަތީގަ ބަސްބުނަން ކާކު؟ އޭނަ އަހަރެންނާ ދޭތެރޭ ނުވިސްނި ކަމަށްވިޔަސް އަހަރެންގެ މަންމައަށް އޭނާ ކޮށްދިން ކަންތައް އަހަރެން ހަނދާނެއް ނުނެތެޔޭ.. އަހަރެންނަށް އުމުރު ދުވަހު ކޮށްދިންހާ ކަމަކަށް އޭނާ ކަލަގޮވާ ބަދަލުދޭން ބުންޏަސް އޭނާ އަހަރެމެންނަށް ކޮށްދިން ކަންތަކާ ނުބައްދަލު… އަހަރެންގެ އުފަން ބައްޕަ އަހަރެންގެ ކުރިމަތީ މަންމައަށް ކޮށްފަ ހުރި އަނިޔާ އެނގޭނީ އަހަރެންނަކަށްނު.. އުމުރުން..އުމުރުން އެންމެ ހަތަރު އަހަރުގެ ހަނދާންތައް އަދިވެސް އަހަރެންގެ ސިކުނޑިން ފޮހެވިގެން ނުދާއިރު އެކަމުން މަންމައަށް ކިހާބޮޑު އަސަރެއް ކުރާނެ.. އެންމެ ކުޑަމިނުން މަންމަ ޒީއަށް ބަލިވެއިންއިރު ކުރި އަނިޔާއޯ؟ އެ ހުރިހާރެއަކު މަންމައާއެކު ހޮސްޕިޓަލުގަ އިން މީހަކީ އަހަންނޭ… އަހަރެންނާއި މަންމަ އެ ގެއިން ނެރެ އެއްލާލިއިރު މަންމަގެ އުނގުގަ ކިރުތުނބުން ނުވީއްލޭ ދަރިއެއް އަޮތްކަންވެސް އޭނާ ހަނދާނެއް ނެތް. މަންމައާ މުޅިން ބީރައްޓެހި މާލޭގަ އެހާލެއްގަ އުޅެނިކޮށް ނާޝިދު އަހަރެމެނަށް އެހީވީ.. އަހަރެންނަށް އޭނާ ކިތަންމެ ގޯހަސް މަންމައަށް އޭނާއަކީ ހެޔޮ ފިރިއެއް" ރާހިލް އިނީ ހަމަ ރަނގަޅަށްވެސް ހަދާނެ ގޮތް ހުސްވެފައެވެ. ޝައިނާއަށް ރާހިލްގެ ހާލަތު ވިސްނެއެވެ. އެއީ ހުދު ވާފިޔާގެ ދުލުންވެސް އޭނާގެ ކުރީގެ ފިރިމީހާއާ ބެހޭގޮތުން އޭނާއަށް ކިޔައިދިން ވާހަކަތަކެކެވެ. ނަމަވެސް އޭނާއަކަށް ރާހިލް ދައްކަން އުޅޭ ވާހަކައެއް ނުވިސްނުނެވެ.
"ތިބުނީ ރާހިލް ދެން މި ކައިވެނި ކުރާނީއޭތަ؟ ކުރިންވެސް ރާހިލް ތިހެން ބުނިނަމަ. އެލީޝާއަކާ ނީންނާނަމޭ ކިޔައިގެން އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ރާހިލްގެ މާޒީ އޮތީ ހަމަ ތިހެނެއްނޫންތަ؟ ނާޝިދުގެ ހެޔޮކަން ހަނދާންވީ ހަމަ ކުއްލިއަކަށްތަ؟" ޝައިނާގެ ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ.
"ޝައިނާއަކަށް ނުވިސްނޭތަ؟ އޭރު އެލީޝާ—"
"އާނ އަހަރެންނަކަށް ނުވިސްނޭ.. އަހަރެންނަކަށް ނުވިސްނޭ ރާހިލް އަހަރެންނަކަށް ނުވިސްނޭ.. ކުއްލިއަކަށް އެލީޝާ ރާހިލްއާ ކައިވެނި ކުރަން ބޭނުންވީ ކީއްވެ؟ ހުރިހާ ކަމެއް ރަނގަޅަށް ދަނިކޮށް މިހެން ވާންވީ ކީއްވެ؟ ތިކަމުގަ ކޮންމެވެސް އެހެން ނުބައެއް އެބައުޅޭ.. އަހަރެންނަށް ސިއްރުކުރަނީ ކޮންކަމެއް؟" ޝައިނާގެ ރުޅިވެރިކަން ކަރުނައިގެ ސިފައިގައި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އެ މަންޒަރު ބަލަން ނުހުރެވުމާއެކު ރާހިލް އައިސް ޝައިނާގާތު ހުއްޓުނެވެ.
"ޝައިނާ ޕްލީޒް. އަހަރެން ޝައިނާ ދުލެއް ނުކުރާނަމޭ.. އެލީޝާއާ ވާހަކަދައްކާނަން.. އެލީޝާއަށް ވިސްނަދޭނަން.. ޖަސްޓް ގިވް މީ އަ ފިއު ޑޭޒް" ރާހިލް ބުންޏެވެ. އޭނާހުރީ ނާޝިދު އޭނާއަށްދިން އިންޒާރާމެދުވެސް ކަންބޮޑުވެފައެވެ. ނާޝިދުގެ ހިތުގައި އޭނާގެ މައްޗަށް ދަރިއެއްގެ ކުލުނު ނެތްއިރު އޭނާގެ ހިތްވަރު ނެތިކޮށްލަން ޝައިނާއަށް ކޮންމެފަދަ ކަމެއް ކުރާކަށްވެސް ނާޝިދު ފަސްނުޖެހޭނެކަން އެނާއަށް އެނގެއެވެ. ސިޔާސީ ނުފޫޒުގެ ބޭނުންކޮށް ޝައިނާފަދަ އެކަނިވެރި ކުއްޖެއްގެ މުސްތަގްބަލަށް ހުރަސްއެޅޭ ކަމެއް ނާޝިދު ކޮށްފާނެ ކަމަށް އޭނާގެ ހިތް ބިރުގަތެވެ. ނަމަވެސް އެލީޝާގެ ވާހަކައިން އޭނާއަށްވަނީ މި ހުރިހާކަމެއް ނާޝިދު ބޭނުންވާގޮތަށް ޖުރުމަށްފަހު އޭނާއަށް އަވަހަށް ސަލާމަތްވެވޭނެ ކަމުގެ އިޝާރާތެއް ލިބިފައެވެ. އެއްނަނުގައި ދެބުޅި ޖަހާނޭ ފުރުސަތު ލިބިފައެވެ.
"ކިހާ ދުވަހެއް؟ އަހަރެންގެ ރާހިލް އަހަރެންނަށް ލިބޭނީ ކިހާ ދުވަހަކުން؟" ޝައިނާ ކަރުނަތައް ފުހެލައި ރާހިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ޖަސްޓް އަ ފިއު މަންތްސް ލަވް. އެހެންނޫނަސް އަހަރެން ޝައިނާއަކާ ދުރެއްނުވާނަމޭ.. ޝަައިނާއަކަށް އަހަރެންނެއް ނުގެއްލޭނެ" ރާހިލްގެ ވާހަކަ ނުނިމެންދެން ޝައިނާ ނޫނެކޭ ބުނެ ބޯ ހޫރަން ފެށިއެވެ.
"ރާހިލްއަށް ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ރާހިލް ހީކުރީ އަހަރެންނަކީ މީހެއްގެ ފިރިއަކާ ގުޅުން ބާއްވާވަރުގެ ވިޔާނުދާ މީހެއް ކަމަށްތަ؟" ޝައިނާ ހިތްހަމަނުޖެހިފައި ދުރަށް ޖެހިލިއެވެ.
"ޝައިނާ ޕްލީޒް.."
"އަހަރެން މި އަހަނީ އެންމެ ފަހު ފަހަރަށް…. ރާހިލްއަށް މި ކައިވެނި ހުއްޓުވޭނެތަ؟" ޝައިނާ ރާހިލްއާ ކުރިމަތިލިއެވެ.
"އަހަރެން މަސައް–" އެހިސާބުން ޝައިނާ އަތްދަމައިިލައި ވާހަކަ ހުއްޓައިލުމަށް އިޝާރާތް ކުރިއެވެ. އޭނާ ބޭނުންވަނީ ޔަގީންކަމެވެ. އިތުރު އުއްމީދެއް ނޫނެވެ. މަސައްކަތްކުރާތަން ދެކޭކަށް ނޫނެވެ. އެ ޔަގީންކަން ނުދެވޭނެހާ ހިނދަކު އޭނާ ރާހިލްއާ ދައްކާނެ އިތުރު ވާހަކައެއް ނެތެވެ.
"ލަވް—"
"އަހަރެންނާ ދުރުގަހުރޭ. ސްޓޭ އަވޭ ފްރޮމް މީ!!" ރާހިލް ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ޝައިނާ ބަދަލުގައި ފަހަތަށް ފިޔަވަޅެެއް އަޅައިލުމުންނެވެ. އިތުރަށްއެތަނުގައި މަޑުކުރުނެއްނެތި އެދިޔަގޮތަށް ގޮސް އޭނާ ކޮޓަރިއަށްވަދެ ދޮރު ތަޅުލައިފިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ޝައިނާ ތިބުނީ ރަނގަޅަށް. މީހެއްގެ ފިރިޔަކާ ގުޅުމެއް ނުބާއްވާތި. އަނބިމީހާއަށް އަނތްބެއްގެ ހައްގު ނުދޭނިއްޔާ ރާހިލްވެސް އެލީޝާ އާއި ވިޔަސް ކައިވެނި ކުރާނެކަމެއް ނެތް. ހަމަ އެގޮތައް ރިއާންއަށް ވެސް މިގޮވާލަނީ ޒީވާއަށް އަނތްބެއްގެ ލޯބި ނުދެންޏާ ކައިވެނި ރޫޅާލަން. މިފިރިހެނުން ހީކުރާ ގޮތެއް ދޯ. ވާހަކަ ވަރަށް ހަބޭސް އިނގޭ.
އަދިކިރިޔާ މިއެނގުނީ ށައިނާ ރާހިލްދެކެވަރަށްލޯބިވާކަން
ވަރަށްރީތި މިބައިވެސް