Saturday, 22 June 2024

"ތިމާވެށީގެ މައްސަލަތަކަށް ފިޔަވަޅުއެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބައިވަންތަކަން ބޭނުންވޭ"

ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާންޖެހިފައިވާ ތިމާވެށްޓާގުޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިޔަށްދާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަރ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75″ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެޑެޕްޓޭޝަން އޮފް އިކޮނޮމިކް މޮޑެލްސް އެންޑް ރިސޯސް މޮބިލައިޒޭޝަން" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިހުރުމުގެ ޙައްޤަށް ހުރަސްއެޅިގެންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ ކާރިސާތަކުގެ މައްސަލަތަކަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ޙައްޤުތަކާއި ގުޅިފައިވާ މިންވަރު ނޭނގޭ މީހުން ނިސްބަތުން ގިނަކަމީ ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހަޤީޤަތުގެ މައްޗަށް ބިނާވެފައިވާ ހެކިތަކުގެ ބޭނުން ހިފައިގެން މިފަރަގު ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި މާލީ ނިންމުންތައް ނިންމާއިރު އިންސާނީ ޙައްޤުތަކުގެ މައްސަލަތައް އޭގެ ތެރޭގައި ހިމެނުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއެޅުމުގެ ބޭނުންތެރިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ އަދި ވިޔަފާރީގެ މޮޑެލްތައް އެއްގޮތްކުރުމަށްޓަކައި އެކަމުގައި ތަފާތު އެކިބައިތައް އެކުލެވޭ ރޭވުންތައް ހިމަނަންޖެހޭކަމަށާއި އޭގެ ތެރޭގައި އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި އާދަކާދައަށް ބަދަލުގެނައުމާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ހޯދުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިޔަފާރިތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ތިމާވެއްޓާއި ރަހުމަތްތެރިގޮތްތައް ބޭނުންކުރަން ފަށާފައިވާކަމީ މިކަމާމެދު ޢާންމު ވިސްނުން ބަދަލުވާން ފަށާފައިވާ ނިޝާނެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤާނޫނީ އޮނިގަނޑުތަކާއި، އިޖުރާއަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ތިމާވެށީގެ ގޮތުން ދުޅަހެޔޮ މާޙައުލެއް ޤާއިމުވެފައި އޮތުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެއްކަން ރާއްޖެއިން ޤަބޫލުކުރާކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މަލްޓިލޭޓަރަލް އެއްބާރުލުން ކޮންމެހެން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި ވެށްޓާއި ރަހުމަތްތެރިގޮތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަރުވަންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ވަށްމޭޒު ބައްދަލުވުމަކީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަތީ ފަންތީގެ ހަތަރު ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން އެއް ބައްދަލުވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު