ގުޅީގެ އިޚްތިޞާޞުން ފުށިދިއްގަރުފަޅު ވަކިކުރައްވައިފި

މާލެއަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނެސް، އެރަށުގެ އިޙްތިޞާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުގެ މަތިން ކ.ގުޅީގެ އިދާރީ އިޚްތިޞާޞަށް ބަދަލު ގެނައުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އެގަރާރު ގެޒެޓުކުރައްވާފައެވެ.

ފުށިދިއްގަރުފަޅު މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ އެންމެ ބޮޑު ތަސައްވުރެވެ. އެއީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެންނެވުމުގެ ގޮތުން ހިންގަވާނެ އެންމެ ބިޔަ ބޮޑު މަޝްރޫޢެވެ. ޒަމާނީ ތަރައްޤީގެ ކުރި ބޯށިތައް ފެނިގެންދާނެ އުދަރެހަކަށް އެ މަޝްރޫޢުވެގެންދާނެ ކަމާ މެދު ޝައްކެތް ނުކުރަމެވެ. މާލެ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި މުޅިން އާ ސިޓީއެއް އެ ތަނުގައި ގާއިމްކުރެވިގެންދާ މަންޒަރު ބަލަން މިތިބީ ކެތްމަދުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަޝްރޫޢު އިޢުލާން ކުރައްވަމުން ވިދާޅުވީ، ހައުސިން ފުލް ސޮލިއުޝަނެއް ލިބޭނެ މަޝްރޫއުއަކީ ފުށިދިއްގަރު މަޝްރޫޢު ކަމަށެވެ. 20 އަހަރަށް ޕްލޭން ކުރެވިގެން ހިންގާ މި ބިޔަ މަޝްރޫޢުވެގެންދާނީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އޮތް ހައްލު ކަމުގައެވެ.

ފުށިދިއްގަރުފަޅު ތިންމަސްދުވަހުގެ ތެރޭގައި ހިއްކަން ފަށައި، 8 މަސްދުވަހުން ނިންމެވުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. މި ޕްރޮޖެކްޓްގައި 1280 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ.

އެމަނިކުފާނު އިޢުލާންކުރައްވާފައިވަނީ ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ފްލެޓް ދޫކުރުމަށެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ކަނޑައެޅުއްވިއެވެ. ނަމަވެސް ބަޖެޓު ދިރަސަކުރުމުގެ މަރުހަލާގައި ވަނީ ކޮމިޓީން އެ ފައިސާ އުނިކޮށްފައެވެ.

ރައީސް މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ވެރިކަމާ ޙަވާލުވެވަޑައިގެން ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ފުރަތަމަ ތަޤްރީރުގައި ވެސް ފާހަގަ ކުރެއްވީ އެ މަޝްރޫޢުގެ މުހިއްމު ކަމުގެ ވާހަކައެވެ.

"މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ،" ހުވާކުރުމުގެ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤްރީރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު