Saturday, 15 June 2024

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75″ ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެގޮތުން މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ "ހިއުމަން ރައިޓްސް 75″ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިސްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި އެންމެބޮޑަށް ބާރުއަޅާކަމަކީ ހަމަހަމަކަންކަމަށާ އަދި ބައިބައިވުމަށް ފުރުޞަތެއް ނެތްކަމުގައި ވިދާޅުވެފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަރ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75″ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައި، ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާންޖެހިފައިވާ ތިމާވެށްޓާގުޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައިވާކަމަށް ވިދާޅުވެފައެވެ.

އަދި މި ހަރަކާތުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެހެން ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި އ.ދ.ގެ އިދާރާތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންނެވުމުގެ ކުރިން ޗައިނާއަށް ވަޑައިގެން، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެވަޑައިގެންފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު