އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމް(އައިއެސްއީއެފް) ފަށައިފިއެވެ.
މިކަމާއި ބެހޭގޮތުން އެ މިނިސްޓްރީން ވިދާޅުވީ، މި ފޯރަމް ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.
މި ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ގެ އިތުރުން އެކިއެކި އިންސްޓިޓިއުޓްތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެެވެ.
މީގެއިތުރުން، އިސްލާމީ އިޤްތިޞާދީ ތަރައްޤީއަށް ބާރުއަޅުއްވަމުން މިނިސްޓަރު ވަނީ ޚާއްޞަކޮށް ޒަކާތާއި ވަޤުފާއި ޙައްޖު ކޯޕަރޭޝަންއާއި ބެހޭގޮތުން ރައީސް ޑރ.މުޢިއްޒުގެ މެނިފެސްޓޯ ގައި ހިމަނާފައި ހުރި ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ.
މި ފޯރަމިގައި، އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ އަލްފާޟިލް މުފައްދާލް އިދްރީސް ޚުމްރީ އިސްލާމިކް ނިޒާމާއި އެ ނިޒާމު އުފެދުމުގެ ތަޢާރަފެއް ދެއްވާ، ވަޤުފާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އެކަމުގެ މުހިންމުކަމާއި، ފަންނާއި، ސަޤާފަތާއި، ޙަޟާރަތުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، ވަޤުފުގެ އަސްލު އުސްމާނީ ދައުލަތާ ހަމައަށް ހޯއްދަވައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ގޮތެއްގެ ގޮތުގައި ވަޤުފުގެ ތާރީޚީ ދައރުރާއި ބެހޭގޮތުންވެސް އެބޭފުޅާ އަލިއަޅުއްވާ ލެއްވިއެވެ.
މިފޯރަމް ގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތަކުގެ ތެރޭގައި ޒަކާތު ފަންޑާއި، ހައްޖު ފަންޑާއި، އައުޤާފް ފަދަ ފަންޑުތައް ބޭނުންކުރުމާއި ތަރައްޤީވުން ހިމެނެއެވެ. އައިއެސްއީއެފްގެ މަގުސަދަކީ މި ފަންޑުތަކުގެ ސްޓްރެޓެޖިކް އެޕްލިކޭޝަނާއި، އަހަރުތަކުގެ ތެރޭގައި އެ ފަންޑުތަކުގެ ޓްރާންސްފޯމަޓިވް ދަތުރު ދިރާސާ ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެެވެ.