Sunday, 06 October 2024

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިމުމަކަށް ގެންނަވައިފި

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފުތާ 14 ގައި ހިމެނޭ ކަންކަމުގެ ތެރެއިން 4 ހަފްތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށް ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ދެއްކެވި ވާހަކަފުޅުގައެވެ.

ފިރުޒުލް ވިދާޅުވީ، ހަފްތާ 14ގައި އެންމެ އިސްކަން ދެއްވާފައިވާ އެއްކަމަކީ ކުރީ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުންކަމަށެވެ. ސަރުކާރުން މީގެ ކުރިން ހާމަކުރައްވާފައިވާގޮތުގައި ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިިދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ޤާއިމުކޮށްފައިވާކަމަށެވެ. އޭގެތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުތަކުގެ ސާރވޭކުރުމަށް ވެފައިވާ ހައިޑްރޮގްރަފީ ސަރވޭ އެއްބަސްވުމެވެ.

ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުން ބަޔާންކުރާގޮތުން އެ އެއްބަވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުކަމަށާއި، އެއްބަސްވުން ބަޔާންކުރާގޮތުގައި އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އެޤައުމަށް އަންގަން ޖެހޭކަމަށާއި، އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދާކަމަށެވެ. އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމަވައި އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށާއި، ރާއްޖޭގެ ކަނޑުފަޅުގެ މަޢުލުމާތުތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ ސިއްރެއްކަމަށް ދެކި އެގޮތަށް ޢަމަލުކުރަމުން އައިބައެއްކަމަަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެ ފަހިގޮތަކީ އެ ޤާބިލްކަން ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ތެރޭގައި ޤާއިމްކޮށް ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުންކަމަށެވެ.

ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އަސްކަރިއްޔާގައި އެ ޤާބިލްކަން އިތުރުކުރުމަށް ބެޖެޓުގެ ތެރެއިން ޚާއްޞަ މިންވަރެއް ކަނޑައަޅުއްވާ ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައިދެއްވާފައިކަމަށެވެ. އެ ޤާބިލްކަން ޤާއިމްކުރުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާގައި ފެށިގެން ކުރިއަށްދާކަމަށާއި، ކުރިއަށް އޮތްތަނުގައި ހައިޑްރޮގްރަފީ ދާއިރާއިން ކަންކަން ކުރެވޭނީ ސައްތައިންސައްތަ ދިވެހިންގެ ބެލުމުގެ ދަށުން، ދިވެހިންނަށް އެ މައުލޫމާތު އެނގޭގޮތަށްކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި މިހާތަނަށް ބޮޑު ސަރަޙައްދެއް ބަލައި ވަނީ ނިމިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތި މައުލޫމާތު ރަންގަޅެއްނޫން. ތި އޮޅުވާލީ. ރާއްޖޭގެ ހައިޑްރޯގްރެފިކް ސްޓަޑީ ހަދާފައިވަނީ ދިވެހިންނެއްނޫން. ސްޓަޑީތައް ތައް އެހެރީ ފެންނަން. ދޮގު ހެއްޖަސް ބޮޑުވަރު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު