އަންނަ ހަފްތާއިން ފެށިގެން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހިލޭ

އަންނަ ހަފްތާއިން ފެށިގެން އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފުރިހަމަކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން 4 ހަފްތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، އާސަންދައިން މެޑިކަލް ޗެކްއަޕްތައް ހެދުމަށްޓަކައި ތަފާތު އެކި ޕެކޭޖްތައް ތައާރަފްކުރެވިގެންދާނެ ކަމަށެެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ސަރުކާރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން މި ޚިދުމަތް ލިބެން ފަށާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ވަކިވަކި އުމުރު ފުރާތަކަށްވެސް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރެވިގެންދާނެ ކަމަށާއި، އަދި 2024 ވަނަ އަހަރު ފުރަތަމަ ކުއާޓަރ ދެވަނަ ކުއާޓަރއިން ފެށިގެން މި ޕެކޭޖްތައް ފުޅާކުރެވި، ގިނަ ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

އޭނާ ފާހަގަކުރެއްވީ، މެޑިކަލް ޗެކަޕް ހެދުމުގެ އިތުރުން އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޙިދުމަތްތައް، އާސަންދަ މެދުވެރިކޮށް މިއަދުން ފެށިގެން ލިބެން ފަށާނެކަމަށެވެ.

އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯ.އެސް' ފަރުވާ އާސަންދައިން ދިނުމަށް ނިންމި ނިންމުމަކީ، ދަރިމައިވުމުގެ ފަރުވާއާއި އައިވީއެފް އާސަންދައިން ލިބޭނެގޮތް ފަހިކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމުގެ އެއްބައިކަން ފާހަގަކުރައްވަމުން، އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ މުހިންމުކަން ކެބިނެޓުން ފާހަގަކުރައްވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. ސިއްޙީ ޚިދުމަތްތެރިންނާއި ޢާންމުންގެ ތެރޭގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޙާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ ސަރުކާރުން ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *