Monday, 16 September 2024

15 މިލިއަން ޚަރަދުކުރިކަމަށް އަޑުތައް ފެތުރެމުންދަނިކޮށް، ރައީސްގެ ދެ ދަތުފުޅަށް ޚަރަދުވީ 3.4 މިލިއަން ރުފިޔާކަން ރަސްމީކޮށް ހާމަކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދެ ދަތުރުފުޅަށް ދިވެހި ދައުލަތުގެ ބަޖެޓުން 3.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ސަރުކާރުން މި މައުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، މި މައުލޫމާތު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި މަހުގެ ކުރީކޮޅުއެވެ.

ރައީސް މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. ދެން އެ މަނިކުފާނު ވަޑައިގެންނެވީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާގެ ތަފުސީލު ރައީސް އޮފީހުން މިއަދު ހާމަކުރި އިރު، އެ ތަފުސީލުތަކުން އެނގޭ ގޮތުގައި ދެ ދަތުރުފުޅަށް ޖުމުލަ 3،489.165.12ރ. (3.48 މިލިއަން) ހަރަދުވެފައިވެ އެވެ.

އޭގެ ތެރެއިން ދެ ދަތުރުފުޅުގެ ޓިކެޓް ޖުމުލަ 2،454،555.60ރ. (2.4 މިލިއަން) ހަރަދުވި ކަމަށް އޭގައި ބުނެފައިވެ އެވެ. އެއީ މާލެ-ތުރުކީ-ދުބައީ-މާލެ ޓިކެޓަށެވެ.

ދެ ދަތުރުގެ ޓިކެޓް ތަފުސީލު:

ފަސްޓް ކްލާސް 4 ޓިކެޓް: 683،229.36ރ.
ބިޒްނަސް ކްލާސް 12 ޓިކެޓް: 1،539،239.82ރ.
އިކޮނޮމީ ކްލާސް 12 ޓިކެޓް: 232،086.42ރ.

ތުރުކީ ދަތުރުފުޅަށް: ޖުމުލަ 259،376.80ރ.

ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ތަފުސީލަށް ބަލާއިރު، ތުރުކީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ޖުމުލަ 22 ބޭފުޅުން ވަޑައިގެންނެވި އެވެ. އެ ވަފުދުގެ ބޭފުޅުންގެ ހުރުމާއި ފަރިއްކޮޅު ހަރަދާއި އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސަވައި ދެއްވީ ތުރުކީ ސަރުކާރުންނެވެ.

އޭގެ އިތުރުން އިސްތަންބުލް-އަންކާރާ-އިސްތަންބުލްގެ ފްލައިޓް ދަތުރު ހަމަޖައްސަވައި ދެއްވީވެސް ތުރުކީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ތުރުކީ ދަތުރުގެ އިތުރު ޚަރަދުތައް:

22 ބޭފުޅުންގެ ޕޮކެޓްމަނީ: 217،828ރ. (ބޭފުޅަކަށް އެވްރެޖްކޮށް 9،901ރ.)
އިންސިޑެންޓަލް: 41،548.80ރ.

ދުބާއީ ދަތުރުފުޅަށް: ޖުމުލަ 775،232.72ރ.

ރައީސް އޮފީހުން ހިއްސާކުރި ތަފުސީލުތަކަށް ބަލާއިރު، ދުބާއީއަށް 19 ބޭފުޅުންގެ ވަފުދެއް ވަޑައިގަންނަވާފައިވާއިރު އޭގެތެރެއިން ތެރެއިން 10 ބޭފުޅަކަށް އެކޮމޮޑޭޝަން އާއި ފަރިއްކޮޅު ޚަރަދު ހަމަޖައްސަވައި ދެއްވީ ޔޫއޭއީ ސަރުކާރުން ކަމަށް ޝަހީބު ވިދާޅުވިއެވެ.

ދުބާއީ ދަތުރުގެ އިތުރު ޚަރަދުތައް:

19 ބޭފުޅުންގެ ޕޮކެޓްމަނީއަށް: 182،546ރ.
9 ބޭފުޅުންގެ ފަރިއްކޮޅަށް: 145،944.76ރ.
ޓްރާންސްޕޯޓަށް: 75،488.38ރ.
9 ބޭފުޅުންގެ އެކޮމޮޑޭޝަނަށް: 168،892.06ރ.
ސިމްކާޑުގެ ހަރަދަށް: 26،412.59ރ.
ދުބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރުމަށް: 155،182.72ރ.
އިންސިޑެންޝަލް: 20،766.72ރ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު