Monday, 07 October 2024

މަޤާމާއި ރޭންކުގެ ތަފާތު ދަސްކުރަންޖެހިފައި

މަޤާމާއި ރޭންކު އެއީ ދެ އެއްޗެއްކަން ނޭނގުމުގެ ސަބަބުން ވަރަށް ބޮޑެތި އޮޅުންތައް އަރައި ތަންތަނުގެ ހައިރާކީ އޮޅޭތަން ފެންނަން ފަށައިފިއެވެ. އަދި އެދެކަމަކީ އެކައްޗެއް ކަމަށް ހީކޮށް، އެކަމަށް ހަޖޫޖަހަމުންވެސް އެބަދެއެވެ.

ކުރުކޮށް ބުނާނަމަ މަޤާމަކީ ވަޒީފާއަށް ކިޔާނަމެވެ. މިސާލު: މިނިސްޓަރެވެ. ސްޓޭޓް މިނިސްޓަރެވެ. މިނިސްޓަރުގެ ނައިބެއެވެ. އެޑްވައިޒަރެވެ.

ރޭންކްއަކީ މަޤާމުގެ ފެންވަރު ނުވަތަ ދަރަޖައެވެ. މިސާލު: އެެޑްވައިޒަރު ޢައްޔަން ކުރެއްވީ މިނިސްޓަރުގެ ފެންވަރުގައެވެ. ނުވަތަ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ނުވަަތަ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

މަޤާމުތަކަށް ރޭންކު ކަނޑައަޅަނީ މުސާރައާއި އެލަވަންސްގެ ފަރަޤު ދެނެ ގަތުމަށެވެ. ސިޔާސީ ނޫން މަޤާމުތަކުގައި ނަމަ މަޤާމުގެ ޝަރުޠު ކަނޑައެޅުމަށްޓަކައެވެ.

ސިވިލް ސާވިސްގެ އޮނިގަނޑަށް ބަލާއިރު، ޕްރައިމަރީ ޓީޗަރ ކަމުގެ މަޤާމުގެ ރޭންކަށް ބަލާލަމާ ހިނގާށެވެ. މި މަޤާމުގައި ރޭންކު ބޭނުންކުރަނީ ރޭންކު 1، ރޭންކު 2، ރޭންކު 3 މި ގޮތަށެވެ. މުސާރަ ކަނޑައެޅެނީ ރޭންކަށް ބަލައިގެންނެވެ. އެއް މަޤާމެއް ވިޔަސް ރޭންކުގެ ތަފާތުން ނިސްބަތުން މުސާރައާއި އެލަވަންސްއަށް  ބަދަލު އާދެއެވެ. ނަމަވެސް މަޤާމަކީ ޕްރައިމަރީ ޓީޗަރ އެވެ.

ރޭންކް

މުސާރަ

ރޭންކް 1

9،214.00 ރުފިޔާ

ރޭންކް 2

11،564.00 ރުފިޔާ

ރޭންކް 3

12،409.00 ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް، މުޙައްމަދު ޠަލާލް، ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ. މަޤާމަކީ މިނިސްޓަރ ކަމެއް ނޫނެވެ. އޭނާގެ މަޤާމަކީ މިނިސްޓަރ ކަމުގައި ބަލައި މުޚާޠަބެއް ނުކުރެވޭނެއެވެ. އެ މަޤާމުގެ ރޭންކަކީ މިނިސްޓަރ ގެ ފެންވަރެވެ. މުސާރައާއި އެލަވަންސް ކަނޑައެޅޭނީ އެ ރޭންކާ އެއްގޮތަށެވެ. އަދި އޭނާ އަދާކުރައްވަމުން ގެންދަވަނީވެސް މިނިސްޓަރ ކަމުގެ ޒިންމާއާއި މަސްޢޫލިއްޔަތެއްވެސް ނޫނެވެ.

އެންމެ ފަހުން ޢައްޔަންކުރެއްވި ދެ އެެޑްވައިޒަރުންނަށް ބަލާލާއިރު، ޢައްޔަން ކުރެއްވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށެވެ. މިނިސްޓަރުންގެ ގޮތުގައެއް ނޫނެވެ.
މި ދެބޭފުޅުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ. އަދި، ދެ ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ. އެހެންކަމުން އެ އޮތީ ރޭންކުގެ ރޮނގު ވަރަށް  ސާފުކޮށް ދަމާލެވިފައެވެ.

އެހެނީ، އެއް މިނިސްޓްރީއެއްގައި ދެ ވަޒީރުން ނުވަތަ މިނިސްޓަރުންނެއް ނުތިއްބަވާނެއެވެ. ތިއްބަވާނީ އެ ރޭންކުގެ ނުވަތަ އެ ފެންވަރުގެ ބޭފުޅުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު