Wednesday, 22 May 2024

ފިތުނަތަކުން ދުރުހެލިވެ، ދީނީ މަސްލަހަތު އިސްކުރުމުގައި ޒިންމާދާރުވުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފި

ފިތުނަތަކުން ދުރުހެލިވެ، ޤައުމުގެ ދީނީ މަސްލަހަތު އިސްކުރުމުގައި ޒިންމާދާރުވުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

"ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މަޢުޟޫޢުގެ ރާއްޖޭގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފިތުނުތަކުން ދުރުހެލިވެ، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާ އުފުލުމަށް ގޮވާލައްވާފައެވެ.

"ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވާށެވެ. އެ ފިތުނަ އައިސް ޖެހިދާހުށީ ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއް ނޫނެވެ. އަދި ހަމަކަށްވަރުން ﷲ އީ އުގޫބާތް ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، މާތް ﷲ އަށް އީމާންވުމާއި، ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި ނުބައިކަންތައްތަކުން މުޖުތަމައު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށެވެ.

މިއާއެކު ޚުތުބާގައި ވިދާޅުވީ، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތް الله އަޅުއްވާފައިވާ ޒިންމާއެއް ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުން އެޒިންމާ އަދާކުރަންޖެހޭނެ ކަމަށެވެ.

ހަމައެހެންމެ، އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީވެސް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް މީސްތަކުންނަށް ބާރުއެޅުމާއި، އިސްލާމީ ޝިޢާރުތައް ނެގެހެއްޓުމާއި، މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުންކަމަށް ވިދާޅުވިއެވެ.
"ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އެމީހެއްގެ އަތުން އެކަން މަނާކުރާށެވެ. އަތުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާނަަމަ ދުލުން މަނާކުރާށެވެ. ދުލުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާނަަމަ ހިތުން އެކަމަށް އިންކާރުކުރާށެވެ. މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެެވެ" ޚުޠުބާގައި ވިދާޅުވިއެވެ.

މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ތިމާގެ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ ކަންކަންކަމަށާއި މިކަންކަމާމެދު އަޅާނުލައި ދޫކޮށްލައިފިނަމަ މަންޒިލު މަޤްސޫދަށް ވާސިލުވުމުގެ ކުރިން މުޖުތަމަޢު ހަލާކުވެދާނެކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ، މިފަދައިން ހުރިއިރު ޤައުމަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި މީސްތަކުން އިސްލާމްދީނުން ދުރުކުރުމަށް މަސައްކަތްކުރާ ފަރާތަކާއި މީޑިއާ މެދުވެރިކޮށް ޤައުމު އަޚްލާޤީ މިންގަނޑުން ހަލާކުކުރުމަށް މަސައްކަތްކުރާ ފަރާތްތައް އެފަދަ ކަންކަން ހުއްޓާލާ މާތް ﷲ އަށް ބިރުވެތިވުމަށް ގޮވާލައްވާފައެެވެ.

ޚުތުބާ ނިންމާލަމުންވަނީ މުޖުތަމައުގެ އަމަން އަމާންކަން ޤާއިމްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އާއްމު ފަރުދުން އެއްބާރުލުން ދިނުމަށާއި ގައުމުގެ ދީނީ އިލްމުވެރިން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދިނުމަށްގޮވާލުމުގެ އިތުރުން ސިޔާސީ ލީޑަރުން ޤައުމުގެ ދީނީ މަސްލަހަތު އިސްކުރުމުގައި ޒިންމާދާރުވުމަށް ގޮވާލެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *