54 މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން އިއްޔެ ފާސްކޮށްފިއެވެ.
އެމްޑީޕީ 55 މެންބަރުން މިހާރު މަޖިލީހުގައި ތިިބިއިރު، އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ރައީސް އާއި ނާއިބު ރައީސް އަޒުލު ކުރުމާއި، އަދި މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނެ ގޮތާއި ގުޅޭ ގޮތުންވެސް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.
ކޮމިޓީ ބައްދަލުވުމުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުން އިސްތިއުފާ ދިނުމުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ ހުސްވެފައިވާ ގޮނޑިތަކާ ނުލައި މެންބަރުންގެ އަދަދު ގުނުމަށް ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް މިހާރު އޮތް ގޮތުން، އަދި 19 ވަނަ މަޖިލީހުގެ މިހާތަނަށް ޢަމަލު ކުރެވެމުންވެސް އަންނަ ގޮތުން، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ގުނާނީ އެ ދައުރެއްގެ ޖުމްލައަށް ބަލައިގެންނެވެ. އެގޮތަށް ބަލާ ނަމަ، މި ހިނގާ 19 ވަނަ މަޖިލީހުގައި މެންބަރުންގެ ޖުމްލަ އަދަދަކަށް ވާނީ 87 މެމްބަރުންނެވެ.
މި ބަދަލާއެކު، އެ ކޮމިޓީން ފާސްކުރީ؛ ޤަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ބެލުމަށެވެ. އަދި މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވި އެ ދާއިރާގެ ގޮނޑި ނުގުނުމަށެވެ.
އެހެންކަމުން، ދެން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރުމަށް ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެހެނީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. އަދި ރައީސާއި ނާއިބު ވަކި ކުރެވޭނީ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.
މި ގޮތަށް މަޖިލީހުން ފާސްވެއްޖެނަމަ، މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވުދާނެ އެވެ. އެ ޕާޓީގައި މިހާރުވެސް 55 މެންބަރުން އެބަ ތިއްބެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 އެވެ.
އަދި މަޖިލީހުގެ ގަވާއިދަށް ގެނެވޭ އިސްލާހެއް މެދުވެރިކޮށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާއަކަށް މުޅިން އާ މާނަކުރުމެއް މަޖިލީހުގެ މެމްބަރުންނަކަށް ނުގެނެވޭނެ ކަމަށް ގާނޫނު އަސާސީގައިވެއެވެ. އެހެނީ، ޤާނޫނު އަސާސީ ގައިވާގޮތުން އެކަން ކުރުމުގެ ބާރުލިބެނީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާއިން ހަމައެކަނި ސްޕްރީމް ކޯޓަށެވެ.