ރައްޔިތުންގެ ގިނަ ވޯޓު ލިބިފައިވާ ވެރިޔަކު އަޒުލުކުރަން ޖެހޭ ހިސާބަށް ދާން ނުޖެހޭ ކަމަށް، މާލޭ ސިޓީގެ ކުރީގެ މޭޔަރ އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިހެން ވިދާޅުވީ، މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނައިބު ރައީސް އަޒުލް ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން ފާސްކުރުމުާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ.
އެކަމަނާ ވިދާޅުވީ، ރައްޔިތުންގެ ގިނަ ވޯޓު ލިބިފައިވާ ވެރިޔަކު އަޒުލުކުރަން ޖެހޭ ހިސާބަށް ދާކަށް ނުޖެހޭ ކަމަށާއި، މި ވާހަކަ އެމްޑީޕީން ދައްކާނަމަ، އެމްޑީޕީއަށް ވަރަށް ބޮޑަށް މިހާރު އެ އުޅެނީ ކަންކަން ވަރަށް ބޮޑަށް އޮޅުން އަރައިގެން ކަމަށާއި، އަދި ހަމައެއް ލަމައެއް ނެތިގެން ކަމަށެވެ.
"ރައްޔިތުންގެ ގިނަ ވޯޓު ލިބިފައިވާ ވެރިޔަކު އަޒުލުކުރަން ޖެހޭ ހިސާބަށް ދާކަށް ނުޖެހޭ. މި ވާހަކަ އެމްޑީޕީން ދައްކާނަމަ، އެމްޑީޕީއަށް ވަރަށް ބޮޑަށް މިހާރު އެ އުޅެނީ ކަންކަން ވަރަށް ބޮޑަށް އޮޅުން އަރައިގެން. ހަމައެއް ލަމައެއް ނެތިގެން." ޝިފާ ވިދާޅުވިއެވެ.
އާންމު ކޮމެޓީގެ އަގުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނައުމަށް ވަނީ ފާސްކޮށްފައެވެ. އެއީ،
-
ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ވަގުތު މަޖިލީހުގެ މެމްބަރުކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށް ބެލުމަށް؛
-
މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު އެ ދާއިރާތައް ނުގުނުން؛
-
ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާންކުރުން.