ކެހިދޭން މަސައްކަތްކުރެއެވެ. ދެރަނުވާށެވެ.

ޙަޔާތަކީ ތޮށަލި ދުޅައަށް ހިނގާ ކަމެކެވެ. ދިރިއުޅުނުގެ މައިދާނުގައި ދިމާވާނީ ތަފާތު ކަންކަމެވެ. ދިމާވާނީ ތަފާތު މީހުންނާއެވެ. ހެޔޮ އެދޭ މީހުންނާއި ޙަސަދަވެރިންނާއެވެ. އެހެންކަމުން މީހަކު ތިބާއަށް ދެރައެއް ދޭން މަސައްކަތްކުރާކަން އެނގުނަސް ކަންބޮޑު ވުމުގެ ބޭނުމެއް ނެތެވެ.

ހުރިހާ ކަމެއް މޮޅަށް ރާއްވަވައި ތަދުބީރުކުރައްވަނީ އަހަރެމެންގެ ވެރި އިލާހެވެ. ތިބާއަށް ދެރަދޭން މަސައްކަތްކުރާ މީހުން ކުރަން ރާވާ ހުރިހާ ކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ ނޫންހެއްޔެވެ؟ އަދި ތިބާ ދުނިޔެއަށް އުފަންވުމުގެ މާކުރިން ތިބާއަށްޓަކައި އެކަލާނގެ މިންވަރުކުރައްވަވާފައިވާ އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އުނިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
ޤަބޫލުކުރާށެވެ. ތިބާގެ ދިރިއުޅުމުގެ އެންމެހައި ބާރުތަކެއް ވަނީ އެކަލާނގެއަށެވެ؟ ހަމަގައިމުވެސް ތިބާގެ އަތަކު ނޫނެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ބާރެއް ނޫނެވެ. ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ފަދައިން ތިމާގެ ދިރިއުޅުމުގެ އެންމެހައި ބާރުތަކެއް ވަނީ އެކަލާނގެ ޙަޟްރަތުގައެވެ.

މިއަދު ގަދަވެ ހުރިނަމަ މާދަމާ ބޮޑު ބައްޔެއްގައި އުޅެންޖެހުމާއި މިއަދު ތަނަވަސްކަމުގައި ހުރިނަމަ މާދަމާ ދަތިޙާލުގައި އުޅެންޖެހުމަށް މިންވަރުކުރައްވަވަން އެއިލާހު ކުޅަދުންވަންތައެވެ. އަދި އެކަމުގެ ހެކިތައްވެސް ގެންދަވަނީ ދައްކަވަމުންނެވެ. އެެހެން މީހުންނަށް އެއްވެސް މިނަވަރެއްގެ ދެރައެއްދޭން މަސައްކަތްކުރުމުގެ ކުރިން ކަންކަމަށް ވިސްނައިލާށެވެ! ރަނގަޅަށް ވިސްނައިލެވިއްޖެނަމަ އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ދެރައެއް ދޭން އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާނެއެވެ.

ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުންދާއިރު، ޒުވާން އުމުރަކީ ދުނިޔަވީ ކަންކަމަށް މީހާގެ ހިތް ޖައްސުވާ، ދުނިޔޭގެ އެދުންތަކަށް މީހާ އަހުލުވެރި ކުރުވާ އުމުރެއްކަަން ދަންނަންޖެހެއެވެ. ކައިރީގައި އުޅޭ ރައްޓެހިންގެ ކިބައިންވެސް ނުރުހުމުގެ ބަސްތައް ރައްދުވާ ފަހަރު އަންނާނެއެވެ. ތިމާގެ ރަށްޓެހިންގެ މިންގަޑަށް ތިމާ ނުފެތުމަކީ އެއްވެސް ހާލެއްގައި ދެރަވާން ޖެހޭ ސަބަބެއް ނޫނެވެ. މާޔޫސް ނުވާށެވެ. ދެރަ ނުވާށެވެ. ރަޙްމަތްތެރިންގެ ކުރިމަތީގައި ތިބާ ތިއީ ކަޓު ވިސްނުމުގެ މީހަކަށް ވިއަސް، ތިއީ އަރުޝީގެ ހިޔާނޫން ހިޔަލެއް ނުވާ ދުވަހު އެ ޢަރުޝީގެ ހިޔާވެހިކަން ލިބިގެންދާނޭ ސުވަރުގޭގެ އަހުލުވެރިއެކެވެ. އެކަލާނގެ އެންގެވި މަގުގައި ސާބިތުވެ ހުރެއްޖެނަމައެވެ.

އެކަލާނގެ އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ ވަރަށްވެސް މާތް މަޤްސަދެއްގައެވެ. އެ މަޤްސަދަކީ އަޅުގަނޑުމެން ހެއްދެވި އިލާހަށް ކިޔަމަންވެ އަޅުކަންކުރުމެވެ. ދިރިއުޅުމުގައި އިންތިހާއަށް ފަޤީރުކަމާއި ކުރިމަތިލާން ޖެހުނީ ހެއްޔެވެ؟ އަތްމަތި ދަތިވީ ހެއްޔެވެ؟ ތިބާ، އަޅަމެންގެ ވެރި އިލާހުގެ ހަޟްރަތުގައި ރޯ ރުއިން އެކަލާނގެ އައްސަވައެވެ. ރެއާ ދުވާލު ކެނޑި ނޭޅި އަނބިދަރިންގެ ބަނޑުހައި ހޫނު ކަން ފިލުވުމަށްޓަކައި ތިކުރާ މަސައްކަތް އެ ކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެެކަލާނގެ މަގުގައި ސާބިތުވެ ހުރެ އޮހޮރާ ކޮންމެ ދާ ތިއްކަކަށް އެކަލާނގެ އުޖޫރަ ދެއްވައެވެ. އަޖުރު ދެއްވައެވެ. ދުނިޔޭގެ މީހުންގެ ކުރިމަތީގައި ބަލައިގަނެވޭ ފަދަ ޝަޚްސިއްޔަތެއްގެ މީހެއް ކަމުގައި ނުވެދާނެއެވެ. އެމީހުން ހިތް ރުހޭ މީހަކަށް ނުވެދާނެއެވެ. ނަމަވެސް ތިބާގެ ޢަމަލުތައް އެކަލާނގެ ޙަޟްރަތުގައި މާތްކަން ބޮޑުވެގެންވެއެވެ. މާޔޫސް ނުވާށެވެ. ދެރަނުވާށެވެ.

ދަންތުރަތަކަށް ވައްޓާލަން ރާވާ ރޭވުންތައްވެސް މަދެއް ނޫނެވެ. ކެހިދޭން މަސައްކަތްކުރެއެވެ. ދެރަނުވާށެވެ. މާޔޫސް ނުވާށެވެ. ދިރިއުޅުމަކީ އިމްތިހާނެކޭ ބުނާއަޑު އަޅުގަނޑުމެން އެންމެންވެސް އަހަމުއެވެ. އުފަލާއި ހިތާމައަކީ އޭގެ ޒާތުގައި ކޮންމެ އިންސާނެއްވެސް ތަޙައްމަލް ކުރާނެ އެއްޗެކެވެ. ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތައް ގިރާކުރުމަށްފަހުގައި މެނުވީ ކާމިޔާބުގެ އައްސޭރިއަށް ވާސިލް ވެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ. ޤަބޫލުކުރާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު