ކުރޫޒު ލައިނާތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ޤަވާޢިދު އިސްލާޙުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުރޫޒު ލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާޢިދު އިސްލާޙުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ކުރޫޒު ލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާޢިދު އިސްލާޙުކުރުމުގެ މަސައްކަތް މިދަނީކުރަމުން. އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން" މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.
ފައިސަލް މިހެން ވިދާޅުވީ، ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނެގޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ގަވައިދު ބަދަލުކުރުމުން ރާއްޖެ އަށް އެފަދަ ބޯޓުތައް އައުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށް ޚަބަރު ފެތުރެމުންދާތީ އެކަމަށް އިޝާރަތްކުރައްވައެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނެފައިވަނީ ރާއްޖެ އަށް އައުމަށް ޕްލޭން ކޮށްފައިވާ ޕެސެންޖަރު ލައިނާތައް މިހާރު އެހެން ގައުމުތަކަށް ޑައިވާޓު ކުރަން ފަށާފައިވާ ކަމަަށެވެ. އެއީ މި މަހުން ފެށިގެން އާ ގަވައިދަަށް އަމަލުކުރަން ފެށުމުން ކުރިމަތިވި މައްސަލައެއް ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވައިދާ އެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހެއްގެ ރޭޓުން ޖީއެސްޓީ އަށް 16 ޕަސެންޓު ދައްކަން ޖެހޭނެއެވެ.