ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށާއި، ރާއްޖެއަށް ފެންނަ ބަރަހަނާ ވެބްސައިޓުތައް އަންނަ ހަފްތާގެ ނިޔަލަށް މުޅިން ބަންދުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ނާތަހުޒީބު ދޮރުތައް ބަންދުކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި، ޒަމާނީ ދިރާސާތަކުން ދައްކާ ގޮތުގައި އެ ފަދަ ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް، އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށެވެ.
އެހެންކަމުން، ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވޭ ހުރިހާ ދޮރެއްގައި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޕޯން ވެބްސައިޓުތަކަށް ވަނުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކުރުން ފަދަ އެތައް ސަބަބެއް ކުރިމަތިވާ ކަމަކަށްވާތީ ގައުމާއި މުޅި އިންސާނިއްޔާތު ސަލާމަތްކުރުމަށްޓަކައި، އެމަނިކުފާނު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަންގައިގެން މިހާރު ވެސް ވަނީ ރާއްޖެ އަށް ފެންނަ ބަރަހަނާ ސައިޓުތައް ބްލޮކްކުރަން ފަށައިފައެވެ. މިއީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކުގެ އެކްސެސް މި ގޮތަށް ކަނޑާލި ފުރަތަމަ ފަހަރެވެ.
މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.