Saturday, 22 June 2024

ޤާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލުމަކީ މުޅި ޤައުމަށް ގައްދާރުވުން، ވަރަށް ފިނޑި ނިކަމެތި މީހުން ރާވައި ހިންގާ ކަމެއް: ރައީސް

ޤާނޫނީ ސަރުކާރަށް ލޮޅުން އަރުވާލައި، ޤައުމަށް ކޮންމެ ގޮތެއް ވިޔަސް އާރައި ބާރު ދެއްކުމަށް އުޅުމަކީ ޤައުމަށް ގައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

 އެ މަނިކުފާނު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ޤަވާއިދަށް އިސްލާހެއް ގެންނަން ހުށަހަޅާފައިވަނިކޮށެވެ.

ރައީސް ޑރ. މުއިއްޒު މިރޭގެ ޖަލްސާގައި ވިދާޅުވީ އާރާއިބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި ރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި އާއިލާއަށް ކަނޑައެޅިގެން ގައްދާރުވުން ކަމަށެވެ. އެއީ ވަރަށް ފިނޑި ނިކަމެތި މީހުން ރާވައި ހިންގާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރަވީ ދުވަހާ ގުޅުވާލައްވައި، ރައީސް ވިދާޅުވީ ދޮންބަންޑާރައިންނާއި އެ މަނިކުފާނަށް ވަފާތެރި މަދު މީސްކޮޅުންގެ ތެރެއިން ވެސް ފެނުނީ ތެދުވެރިކަމާއި އަމިއްލަ އެދުމެއް ނެތް އަދި ޤައުމާއި ދީނުގެ ހިމާޔަތުގައި ނުކުންނެވި މަންޒަރު ކަމަށެވެ.

ހޮޅިންގެ ދުއްތުރާތައް ގިނަވެ، އެ ދުވަސްވަރު މި ސަރަހައްދަށް ނުފޫޒުފޯރުވަމުން ގެންދިޔަ ފަރަންސޭސީންނާ ވާހަކަ ދައްކައި، ދޮންބަންޑާރައިންގެ އިސްނެގުމަށް އެ މީހުންނާ އެކު އެއްބަސްވުމެއް ހެދި ކަމަށާއި، އެކަމަކު އެ އެއްބަސްވުން އެކުލަވާލުމުގައި ވެސް ދޮންބަންޑާރައިން ވިސްނެވީ ހޮޅީން މާލެ އަށާއި އަދި ރާއްޖޭގެ އެހެން ރަށްރަށަށް އަރައި ގެއްލުންތައް ދެމުން ދިޔަ ދިއުން ދިވެހި ޤައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ދިވެހި ތާރީހުން އެނގޭ ގޮތުގައި އެ އެއްބަސްވުން ބިނާވެފައި އޮތީ ފަރަންސޭސީންނަށް ދިވެހި ދައުލަތުގެ ބާރުތައް ފަހަނައަޅައި ނުދެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހީންގެ ގަބޫލުކުރުންތަކާއި އުސޫލުތަކަށް ފަރަންސޭސިން ކަމޭހިތަން ޖެހޭ ގޮތަށް. ކުރުކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ދީނާއި ދިވެހި ބިން، ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތާއި ދިވެހީން، މި ހުރިހާ ކަމަކާގުޅޭ ބާރާއި އިހްތިސާސެއްގެ ހައްގު ދިވެހި ދައުލަތުން ކަށަވަރުކުރާ ގޮތަށް. ފަރަންސޭސީންނަށް އެ އިން ކަމަކާ ހިލާފު ނުވެވޭގޮތަށް،" ރައީސް ވިދާޅުވިއެވެ.

އެއީ މީގެ ގާތްގަނޑަކަށް މީގެ 270 އަހަރު ކުރި ނަމަވެސް އޭރު ދުނިޔޭގެ ބޮޑު ބާރަކާއެކު ދިވެހި ދައުލަތުން ގުޅުމެއް އުފެއްދި އިރު، ދައުލަތުން ހިފަހައްޓާފައި ވަނީ ހަރުދަނާ ގޮތްތަކެއް ކަމަށާއި އެއީ ވަރަށް ބޮޑު ފިލާވަޅެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޤައުމެއް ސަލާމަތްކުރުމުގައި ޤައުމީ ލޯބި މުހިއްމުވާ ސަބަބަކީ އެއީ ކަމަށާއި އެ ބައެއްގެ ބާރުގެ ދަށުގައި އެ ބަޔަކު ދިފާއުކުރާ ބިމެއް އޮންނަން ޖެހޭ ކަމަށާއި، އެ ބިން ދިފާއުކުރުމުގެ ރޫހާއި ކެރުމާއި ހިތްވަރާއި ހުނަރާ މަސައްކަތްތެރިކަމުގެ ގާބިލުކަން އެ ގައުމެއްގައި އުފައްދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަކީ ޤައުމު ދެކެ ލޯބިވާ ޖީލެއް ބިނާކުރުން ކަމަށާއި އެކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ދާނެ ކަމަށާއި އެކަމަށްޓަކައި މި ސަރުކާރުގެ ހަފުތާ 14 ތެރޭގައި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ޤައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ސްކޫލް ކުދިންގެ މަންހަޖުގެ ތެރެއަށް ޤައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެއީ ދިވެހި ކުދިންނަށް ދޭ ތައުލީމަކީ ރާއްޖެ އަށް ޓަކައި ދޭ ތައުލީމަކަށް ހަދައި، ދިވެހި ފަސްގަނޑާއި ވަތަން ދެކެ ލޯބިވާ ޖީލެއް އުފެއްދުމުގެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވެއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ދިވެހީންގެ ކިބައިގައި އިހު އޮތް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި މި ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ދިވެހި ގައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާއި އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތައި، ތިމާ އަށް ވުރެ އިސް މީހާ އަށް ގަދަރުކުރާ ގައުމަކަށް ހެދުމަށް ވަރަށް ހިންމަތް ކުރަންޖެހޭ، އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު