އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ކްލަބްތަކުގެ ސޮއި ހަމަކުރެވިފައިވާ ކަމަށް ހާމަކޮށްފިއެވެ.
އެ މަސައްކަތުގައި އުޅުއްވާ އޮފިޝަލަކު ބުނީ، އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅައެއްބައި ކްލަބްތަކަށް ވުރެ ގިނަ ކްލަބްތަކުން ސޮއިކޮށްފައިވާ ކަމަށެވެ.
އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކްލަބްތައް ހުށަހެޅުމުން، އެ އެސޯސިއޭޝަންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނެއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކްލަބްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފެއްޓެވީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ. އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އޭނާ ވަނީ އިއުލާންކޮށްފައެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުމުން، އެކަމަށް ހާއްސަ ކޮންގްރެސްއެއް ބާއްވައި އެ މައްސަލަ އެޖެންޑާކޮށް ވޯޓަށް އަހަން ޖެހޭނެ އެވެ.
މިހާރު ކުރިއަށްދާ ބައްސާމްގެ ދައުރު ނިމެން ބާކީ ދެން އޯތީ ހަ މަސް ދުވަހެވެ. އޭނާގެ މި ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި ދެވަނަ ދުވަހު އެވެ. އެވެ. އެކަމަކު އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ވެއްޖެނަމަ، މާ ކުރިން އިންތިހާބެއް ބާއްވަން ޖެހޭނެއެވެ.
މީގެ ކުރިންވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ވައްދާފައެވެ. އެގޮތުން، މިއީ ބައްސާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. ބައްސާމްގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުމުން، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި އެވެ. ނިއު ސަސްޕެންޑް ކުރުމުން ދެން އެ މަސައްކަތުގައި އުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލްބެވެ.
ރައީސް ޞާލިޙުގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފްގެ ތާޢީދާއެކު، ކްލަބްތައް ލައްވައި ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅުއްވީ ވިކްޓަރީންނެވެ.
އެހެންނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެއީ ސޮއި ކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުންނެވެ. އެފަހަރު ސޮއި ކުރި ބައެއް ކްލަބްތަކުގެ ތެރޭގައި، ބައްސާމް އަށް ފަހުން އެންމެ ބޮޑަށް ތާއީދު ކުރި، މާޒިޔާ އާއި ގްރީން ސްޓްރީޓްސް، ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ވެސް ހިމެނެއެވެ. އެ ހަތަރު ކްލަބުން ވެސް ސޮއި އަނބުރާ ގެންދިޔަ އެވެ. އެކަމަކު މިފަހަރު އަނެއްކާ ވެސް އޭގެ ތެރެއިން ކްލަބްތަކުން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކޮށްފައެވެ.