Wednesday, 22 May 2024

އުޚުތަށް ބަރުތީލަކުރާ މުތީއެއް!

އަބުވެރި އުޚުތަށް މި ހަދިޔާ ފުދެއެވެ. މިއީ މުތީއެކެވެ. ތިބާގެ ޢަމަލުތައް އަޅަމެންގެ ވެރި އިލާހު ރުހިވޮޑިގަންނަވާ ގޮތުގައި ލެހެއްޓެވުން އެދި އެއިލާހުގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ތިބާގެ ކާމިޔާބާއި ފަލަހަށް އެދެމުއެވެ. ތިބާއަށް މި މުތީ ހަދިޔާ މި ކުރަނީ އެހެންވެއެވެ.

މިއީ ވަގުތީ ތަނެކެވެ. ވަށައިގެންވަނީ ހުވަފެނީ ކަންކަމެވެ. އެހެންކަމުން، ދީނުގެ ކަންތައްތަކަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. ދީނުގެ ކޮންމެ ކަމަކަށްވެސް ރައްކާތެރިވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ރައްކާތެރިވާށެވެ. ފަރުވާތެރިވާށެވެ،

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި، ފަރުޟް ފަސްނަމާދުގެ އަދާކުރާށެވެ. ވަގުތުން ވަގުތަށް އެ ނަމާދުތައް އަދާކުރާށެވެ. އެންމެ ނަމާދެއްވެސް ނާޅާށެވެ. ނަމާދަކީ އިބަ އިލާހު އެންމެ ލޯބިވެވޮޑިގަންނަވާ ޢަމަލެވެ. އަދި ތިބާއާއި އެއިލާހުގެ ޙަޟްރަތާއި ގުޅުވައިދޭ އެންމެ ބޮޑު ވަސީލަތެވެ.

ތިބާގެ ރައްކާތެރިކަމަށް އެދެމުއެވެ. ނިވައިވާށެވެ. ފުރިހަމަ އިސްލާމީ ޖިލްބާބުން ޙިޖާބުވާށެވެ. ހަމަ ޔަޤީނުންވެސް ތިބާގެ ރައްކާތެރިކަމަކީ އެއީއެވެ. ތިބާއަށް އަޅަމުންދާ ވިހަ ކަޅިތައް ދިފާޢުކޮށްދޭނީ އެ ޙިޖާބެވެ. ކަތި ނަޒަރުތަކުން މިންޖުކޮށްދޭނީ އެ ޙިޖާބެވެ.

ދުވަހެއްގެ މުހިއްމުކަން އެންމެ ފުރިހަަމަ ގޮތުގައި ލިއްބައި ދެވޭނެ މަގުން ފިޔަވަަޅުތައް އަޅާށެވެ. ޣީބަބުނުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ޙަސަދަވެރިވުން ފަދަ ހެޔޮކަންތައްތައް ފުހެލާ ކަންތައްތަކާ ގާތްނުވާށެވެ. ފުރުހެލިވާށެވެ. އެހެނީ ފެން އަލިފާން ނިވާފަދައިން އެފަދަ ކަންތައްތައް ހެޔޮކަންތައްތައް ފުހެލައެވެ.

ވަށައިގެން ވަނީ ނުބައި އޮއިވަރުތަކެވެ. އިސްތިޢުމާރީ ނުބައި ރޭވުންތަކެވެ. ހޭލާށެވެ! ހުޅަނގުގެ ފިކުރުތަކަށް ތިބާގެ ނަފްސު ހެއްލުނަ ނުދޭށެވެ. އެއީ އަބާއްޖަވެރިކަމުގެ މަގެވެ. ޝައިޠާނާގެ މަގެވެ. އެ ދައްކަނީ ގޯސް މަގެކެވެ. ނުބައި ދަޅައެކެވެ. ހުޅަނގުގެ މީހުން ކުރާ ކަންތައްތައް ނަކަލު ނުކުރާށެވެ. އެމީހުން ހެވެއް ނޭދޭނެއެވެ. އެމީހުން ހެދުންއަޅާގޮތާއި، ބޮލުގެ އިސްތަށިގަނޑު ހަދާގޮތާއި، ޒީނަތްތެރިވާ ގޮތްތައް ނަކަލު ނުކުރާށެވެ. އެކަންކަމަށް ހިތްކިޔަ ނުދޭށެވެ. ދެއްކުންތެރިކަމުން ދުރުހެލިވާށެވެ. ތިބާގެ ޒީނަތްތެރިކަން ތިބާގެ ފިރިމީހާގެ ކުރިމަތީގައި މެނުވީ ހާމަނުކުރާށެވެ. އެއީ ތިބާގެ ރައްކާތެރިކަމަށްޓަކައެވެ.

ގެއާއި ދަރީން ދޫކޮށް އެއްވެސް ބޭނުމެއްނެތި ގިނަވަގުތު ބޭރުގައި ނޫޅޭށެވެ. އެކަލާނގެ ވަޙީ ބަސްފުޅުގެ މާނައިގަައިވެއެވެ. "އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެތަކުގައި އިޤްރާރުވެ ތިބޭހުށިކަމެވެ.” (ސޫރަތުލް އަޙްޒާބް: 33 ގެ މާނަ).

އޭ އުޚުތާއެވެ. އާޚިރަތް ހަނދުމަކުރުން ހަނދާންނައްތާ ނުލާށެވެ. ފިރިމީހާއަށް ކިޔަމަންގަންނާށެވެ. ދަރިންނަށް އަޅާލާށެވެ. އޯގާތެރިވާށެވެ. ތަރުބިއްޔަތު ކުރާށެވެ. ތިބާގެ ފިރިމީހާއާއި މައިންބަފައިންނަށް ފުރިހަމައަށް ކިޔަމަންވާށެވެ. މުންކަރާތްތަކަށް ދޮރުހުޅުވޭ އެންމެހާ ކަންކަމުން ދުރުހެލިވާށެވެ. ކޭބަލްޓީވީން ދައްކާ ނުބައި މަންޒަރުތަކާއި، ފާޙިޝް މަންޒަރުތައް ޖަހާފައި ހުންނަ މަޖައްލާތަކާއި، ނުބައި މަގަށް ގެންދާ މިޔުޒިކާއި، ފިރިހެނުންނާ މަސްހުނިވުން ފަދަ ފާޙިޝް ޢަމަލުތަކުން ދުރުހެލިވާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *