ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކުރުމަށް ނަސޭހަތްތެރިވެވަޑައިގެން ޚާއްޞަގޮތެއްގައި ފަތިސް ނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދީ އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިވުން ކަމަށެވެ. ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯވެއްޖެނަމަ ޤައުމަށް ބާއްޖަވެރިކަމާއި އުފާވެރިކަންލިބި ޤައުމު އިތުރަށް ވަރުގަދަ ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
" ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އިސްލާމީ ނޫރާއި ދީނީ އަޤީދާ ވަރުގަދަ ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އިތުރަށް ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރާއިރު މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، އަދި ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ.
"ހަމަ އެހެންމެ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއް ބަންދުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން މިފަދަ ސައިޓުތަކަށް ނުވަދެވޭ ގޮތަށް މުޅިން ބަންދުކޮށްލެވޭނެ ކަން އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ.