ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޤައުމީ އެއަރލައިނަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.
މިއަދުގެ ކެބިނެޓުގައި ވަނީ މުހިއްމު ނިންމެވުންތަކެއް ނިންމަވާފައެވެ.
ކެބިނެޓްގެ މިއަދުގެ މުހިންމު ނިންމެވުންތައް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅުއްވާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރައްވަން ފެށްޓެވުން
- މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ނަމުގައި %100 ސަރުކާރު ޙިއްސާވާ ކުންފުންޏެއް އުފެއްދެވުން
- ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖުކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވުން
- ވައިޑް-ބޮޑީ އެއަރކްރާފްޓް ޚިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑް ހަމަޖައްސަވައިދެއްވުން
- ރަމަޟާންމަހު ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވުން