Thursday, 12 September 2024

ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދެއްވާ ގޮތަށް ސަރުކާރުން ނިންމަވައިފި

ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ސަރުކާރުން މިގޮތަށް ނިންމަވާފައިވާކަން ހާމަކުރެއްވީ ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ކަންތައްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން މުޙައްމަދު ޝަހީބުއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ. އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޢާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙަވާލުކުރަންޖެހޭކަމުގައި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި،  މީގެ އިތުރުންވެސް ޙައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ޙައްޖުވެރިންނަށް ދީފައިވާ ޚިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށާއި، ދިވެހި ޙައްޖު މިޝަނަށް ލިބިފައިވެއެވެ. އަދި ކުންފުނިތަކަށް ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ޙައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދެއެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ހަމަޖެއްސެވުމުން މި މައްސަލަތަކަށް ޙައްލު ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު