Thursday, 12 September 2024

އައު ސަރުކާރަށް މަހެއް، ހަމަ ސަތޭކަ!

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހީންނާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި ކުރަން ހުރި ކަންކަން ބައިވަރެވެ. ޑިމޮކްރެޓިކް އުސޫލުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރަކާ މަތިކުރެވެއެވެ. ދިވެހި ދައުލަތުގެ މިނިވަންކަން ދިފާޢު ކުރުމަށެވެ. ދިވެހީން އެތަންތަނުން ރޯދި ހޯދައި ބަނޑުފުރާނަ މުއްތިކުރާ ކަނޑުފަޅު ދިވެހީންނަށް ރައްކާރިކޮށްދިނުމަށެވެ. ދިވެހީންގެ ގޮތްފޮތް ސަލާމަތްކުރުމަށެވެ. ހަމަ އެހެންމެ ދުނިޔެ ދެކެމުން މިދާ 21 ވަނަ ޤަރުނުގެ ހަލުވި ތަރައްޤީ އެ ދުވެލީގައި ދިވެހީންނާ ހަމައަށް ގެނެސްދީ، ތިޔާގިކަމާއި ހަމަޖެހުމާއި ހިތްފަސޭކަން ކަށަވަރުކޮށްދިނުމަށެވެ. އެ ކަމަށް ޓަކައި ދިވެހީން އެ މީހުންގެ ދައުލަތް ސަރުކާރަކާ ހަވާލުކުރަނީ އުންމީދީ ވަޢުދުތަކަކަށް އިތުބާރުކޮށްފައެވެ. މިއީ އެމަނިކުފާނުގެ ފަލްސަފާއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރު ރައްޔިތުންނަށް އަމާނާތްތެރިވާންވާނެއެވެ.  ވަޢުދަށް ޙުރުމަތްތެރިކޮށް ހިތަށް ވާނެއެވެ. ޤައުމުގެ ތަރައްޤީއަށް ޓަކައި މިވެނި އެވެނި މަޝްރޫޢުތަކެއް ހިންގާނަމޭ ބުނެފި ނަމަ އެ ކަންކަން ކޮށް ނިންމާފައިވަނިކޮށް ރައްޔިތުންނަށް ފެންނަންވާނެއެވެ. އޭގެ އުފަލާ ހިތްހަމަ ޖެހުމާ ފަސޭހަކަން ރައްޔިތުންނަށް ލިބިލިބި އޮންނާންވާނެއެވެ." ވަޢުދަށް ޙުރުމަތްތެރިކޮށް ހިއްތަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރަށް އަވަސް ކަޅިއެއް

އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރެއެވެ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.

"އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި." ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިޤުތިޞާދު ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައިވާ ކަން އެމަނިކުފާނު ދެކެވަޑައިގަތެވެ. ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން ކަމުގައިވުމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވުމަށާއި، އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެމަނިކުފާނު ކަމަރު ބެންނެވިއެވެ.

ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލަ ކަން ޤަބޫލުފުޅު ކުރެއްވިއެވެ.

" މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ." އެމަނިކުފާނު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ މަސައްކަތްތެރިކަމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެ، "ޢިލްމުގެ ނޫރު ބަބުޅާ ކޮންމެ ހިތަކީ، އެފަދަ ކޮންމެ ނިތަކީ، އަޅުގަނޑުމެންގެ ގާތުގައި، އުޖާލާ ތަރިއެއް." ކަމުގައި ދެކެވަޑައިގެންނެވިއެވެ. ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުކޮށް، އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދުށުމަށް އެދިވަޑައިގެންނެވިއެވެ.

ކަނބަލުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ޒުވާނުންނާއި ކަނބަލުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދޭނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެ ކަމަށް ވިދާޅުވިއެވެ. " ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢު. މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢު. ދިވެހީންގެ ކެރުމާއި، ޢަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫޢު." ކުރިއަށް ގެންދަވާނެ ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ!" ވިދާޅުވިއެވެ.

ޤައުމީ ދިދައަށް އިޝާރާތްކުރައްވައި، "މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!" ކަމުގައި ވިދާޅުވެ، ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރުމަށާއި، ދިވެހީން ދިވެހީންގެ ރިވެތި އަޚުލާޤު ދައްކުވައި ދިނުމަށް އެދިވަޑައިގަންނަވަމުން އެމަނިކުފާނުގެ އިފްތިތާޙީ ތަޤްރީރު ނިންމަވާލެއްވިއެވެ.

ފުރަތަމަ 14 ހަފުތާގެ މަގު ޗާޓަށް ނަޒަރެއް

މިނިވަންކަމާއި ސިޔާދަތު

  • ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތްް ވަނީ ވެރިކަމާ ޙަވާލުވެވަޑައިގެން، ފުރަތަމަ ދުވަހު އެ މަސައްކަތް ފައްޓަވާފައެވެ.
  • ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އިސްލާމްދީނާއި ޤައުމިއްޔަތު

  • މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުން – ޙާޞިލުކުރެވިފައި.
  • ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ އާލާކޮށް އިޔާދަ ކުރުމަށް ބޭނުންވާ މަޝްރޫޢުތައް އެކަށައަޅައި، އެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިބްތިދާއީ މަސައްކަތްތައް ފެށުން – ނިމިފައި.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީ

  • ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުން – ނިމިފައި
  • ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން – ނިމިފައި
  • ތިލަމާލެ ބުރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން – ނިމިފައި

އިޤްތިޞާދާއި ތިމާވެށި

  • ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު)ގެ މާއްދާތަކެއް ނިމިދިޔަ ސަރުކާރުން ސަސްޕެންޑުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ޣައިރު ޒިންމާދާރުކޮށް ފައިސާ ޗާޕުކުރަމުންދިޔަދިޔުން ހުއްޓާލުން – ނިމިފައި
  • ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު)ގެ މާއްދާތަކެއް ނިމިދިޔަ ސަރުކާރުން ސަސްޕެންޑުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ޤާނޫނު އެކީގައި އިޔާދަކޮށްދިނުމަށް ރައްޔިތުންގެ މަޖަލީހަށް ހުށަހެޅުން – ނިމިފައި
  • ނިމިދިޔަ ސަރުކާރުން ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް 'ރީފައިނޭންސް’ކުރުމުގެ މަސައްކަތް ފެށުން – ނިމިފައި
  • ދައުލަތުގެ ބަޖެޓުގައި ދަނޑުވެރިކަމުގެ ދާއިރާޔަށް ކަނޑައަޅާ މިންވަރު މިހާރަށްވުރެ ބޮޑުކުރުން – ނިމިފައި

އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު

  • ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެނުން އިތުރުކުރުމުގެ މަސައްކަތް ފެށުން – ނިމިފައި

ޞިއްޙީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމަޢު

  • ’އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން – ނިމިފައި
  • ’ޕްރިވެންޓިވް ހެލްތު ކެއަރ’ގެ ނިޒާމު ފުޅާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމެނުން – ނިމިފައި
  • 5 އަހަރުގެ ޒަޢާމަތުގައި، 1000 ފަޤީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ފުރުސަތު ފަހިކޮށްދިނުމާގުޅޭ ޚާއްޞަ ސިޔާސަތު އެކުލަވާލައި އިޢުލާނުކުރުން – ނިމިފައި
  • ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ވަޢުދާ ޚިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތައް މާފުކުރުން – ނިމިފައި
  • ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުން – ނިމިފައި
  • ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން – ނިމިފައި
  • ބޭރު ޤައުމުތަކުގައި ހޮސްޕިޓާ ބަދަލުކުރަން ނަގާ ފީ، އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުން – ނިމިފައި
  • ’އައިވީއެފް ޓްރީޓްމަންޓް' ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން – ނިމިފައި
  • ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން 1 އަހަރަށް ފަސްކޮށްދިނުން – ނިމިފައި

ސަރުކާރުގެ ސިޔާސަތާއި ޤާނޫނީ އިޞްލާޙު

  • މަސްވެރިކަމަށް ޚާއްޞަ ވުޒާރާއެއް އުފެއްދުން – ނިމިފައި
  • ދަނޑުވެރިކަމަށް ޚާއްޞަ ވުޒާރާއެއް އުފެއްދުން – ނިމިފައި
  • ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގުން ހަރުދަނާކުރުމަށް ޒިންމާވާ ޚާއްޞަ ވުޒާރާއެއް އުފެއްދުން – ނިމިފައި
  • ކުޅިވަރަށް ޚާއްޞަ ވުޒާރާއެއް އުފެއްދުން – ނިމިފައި
  • ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއެއް އުފެއްދުން – ނިމިފައި
  • ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ އެންމެހާ މަދަނީ ހައްޤުތައް ލިބިދޭކަން ކަށަވަރުކުރުމަށް، ބަންޑާރަނައިބުގެ އޮފީހުގައި ޚާއްޞަ ޔުނިޓެއް ޤާއިމުކުރުން – ނިމިފައި

14 ހަފުތާއަށް ކަނޑައެޅުއްވި ހުރިިހާ ލަނޑުދަނޑިއެއް ވަނީ ޙާޞިލުކޮށް ނިންމަވާފައެވެ.

މިއަދުގެ ކެބިނެޓް ޖަލްސާގައި ވަނީ މުހިއްމު ނިންމުންތަކެއް ނިންމަވާފައެވެ.

ކެބިނެޓްގެ މިއަދުގެ މުހިންމު ނިންމެވުންތައް

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅުއްވާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރައްވަން ފެށްޓެވުން
  • މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ނަމުގައި %100 ސަރުކާރު ޙިއްސާވާ ކުންފުންޏެއް އުފެއްދެވުން
  • ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖުކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވުން
  • ވައިޑް-ބޮޑީ އެއަރކްރާފްޓް ޚިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑް ހަމަޖައްސަވައިދެއްވުން
  • ރަމަޟާންމަހު ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވުން

އެހެންކަމުން އައު ސަރުކާރުގެ ދުވެލި ރަނގަޅު ކަމުގައި ފާހަގަކޮށްލަންޖެހެއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ އަޅުގަނޑު ވެއްޖެ ވަޢުދަކަށް އަޅުގަނޑު އަމާނާތްތެރިވާނަންކަން. މިސާލަކަށް، އިހަށް ދުވަހު ފާއިތުވެގެން މި ދިޔައީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ އަމާޒު. އެއީ ހަތަރު ހަފުތާގެ ތެރޭގައި ހާޞިލުކުރާނެކަމަށް އަޅުގަނޑު ވަޢުދުވި ކަންކަން."  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެ މުއްދަތުގެތެރޭގައި ނިންމާނެކަމަށް ކެންޕޭނުގައި ދެންނެވި ހުރިހައި ކަމެއް އެ މުއްދަތުގައި ނިންމަން ކަނޑައެޅިވަރަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް، ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އެ ދައުލަތަށް އެންގިން. އަދި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށް އެބަދޭ. އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ޔަޤީންކަމަކީ އިންޑިޔާ ސިފައިން އަނބުރާ ރާއްޖެއިން ގެންދާނެކަން. އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވާ ކަށަވަރުކަމަކީ އިރާދަކުރެއްވިއްޔާ ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެންދާނެކަން. އިރާދަކުރެއްވިއްޔާ އެކަން ޙާސިލް ކުރާނަން." ދިވެހިން އެންމެ ކަންބޮޑުވާ މައްސަލައަށް އިޝާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ތަކުރާރުކޮށް ޔަޤީންކަން ދެއްވަނީ، ވަޢުދަށް ޙުރުމަތްތެރިކޮށް ހިތައި، ދިވެހިރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދެއްވާނެ ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު