Wednesday, 22 May 2024

2018 ގައިވެސް މެންޑޭޓް ފާސްކުރުމަށް ހުށަހެޅީ ވަޒީރުންނަށް ރުހުންލިބުނު ފަހުން: ބަންޑާރަ ނައިބު

ސަބަބުތަކަށްޓަކާ މަޖިލީހުން އަމަލުކުރަމުން އައި އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު ވިދާޅުވީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުން މިއީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ.

"މީގެ ކުރިން މަޖިލީހުން އަމަލުކޮށްފައިވަނީވެސް އެގޮތަށް. 2018 ވަނަ އަހަރު ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާފައިވަނީ 22 ނޮވެމްބަރ 2018 ގަ. މަޖިލީހުން ރުހުން ދީފައިވަނީ 4 ޑިސެމްބަރުގައި. އެފަހަރު މެންޑޭޓް ފާސްކުރުމަށް ހުށަހެޅީ ވަޒީރުންނަށް ރުހުންލިބުނު ފަހުން 13 ޑިސެމްބަރ 2018 ގަ. ސިޔާސީ ސަބަބުތަކަށްޓަކާ މަޖިލީހުން އަމަލުކުރަމުން އައި އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް." ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، މިނިސްޓްރީތަކުގެ މެންޑޭޓަށް މި ސަރުކާރުން ގެނައި ބަދަލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައި ނުވުމުން، ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލް ކުރި މައްސަލަ އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ނިޒާމީ ނުކުތާއެއް ނަންގަވައި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމާ މެދު ހުރި ގާނޫނީ ބައެއް މައްސަލަތައް ފާހަގަކުރެއްވި އެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، އެ ނިޒާމީ ނުކުތާ ބަލައިގެންފައެވެ. އެއާއެކު، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލިއެވެ. 

މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް، 15 ވަަރަކަށް މިނެޓަށް ޖަލްސާ މެދުކަނޑާލުމަށް ފަހު، އަސްލަމް އިއުލާން ކުރެއްވީ، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ރިޕޯޓު މިއަދުގެ އެޖެންޑާއިން އުނިކުރުމަށް ނިންމެވި ކަމަށެވެ. އަދި އެ ރިޕޯޓް ގަވައިދާ އެއްގޮތަށް އެކުލަވާލުމަށް އެ ކޮމިޓީއަށް އަނބުރާ ފޮނުވުމަށް ނިންމެވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *