15 ޖަނަވަރީ 2025

ފުށިދިއްގަރުފަޅު ހިއްކަން ފަށައިފި، އެއީ ރަސްމާލެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅުހިއްކުމުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައި ދެއްވައިފިއެވެ. އެ މަޝްރޫއު އެމަނިކުފާނު ފައްޓަވައި ދެއްވީ އެ ފަޅުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފުށިދިއްގަރު ފަޅުން ހުޅުމާލެ ދެފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ ސަރަހައްދެއް ލިބިގެންދާނެއެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަަށް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ. ފުށިދިއްގަރު ފަޅު ހިއްކައި އެތަނުގައި ރައްޔިތުން ގެދޮރުވެރި ކުރުމަކީ ހިންގުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެކެވެ. އެމަނިކުފާނު ދެވަނަ އަށް އެންމެ އިސްކަމެއް ދެއްވާ ވައުދަކީ ވެސް ފުށިދިއްގަރުފަޅު ހިއްކުމެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ އެންމެބޮޑެތި މައްސަލަތައް ފިޔަވައި އެމަނިކުފާނުގެ ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާކަމަކީ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން މުޅިރާއްޖޭގައި ޕްލޭންކޮށްގެން ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ފުރުޞަތުތައް ހުޅުވާލައްވައި މަސައްކޮށްދެއްވާނެކަމަށާއި އޭގެތެރޭގައި ރާއްޖޭގެ އުތުރާ ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަތް އާބަންސެންޓަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުންފަދަ ލުއިފަސޭހަތައް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، "ރަސްމާލެ" މަޝްރޫޢާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްޤީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ޙައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ލިބޭނެކަމެެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުޞަތު ލިބޭނެގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެއާ މާލެއާ ދެމެދު ޤާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުނދަގޫ ނުވާނެގޮތަށް ފުށިދިއްގަރާ އެންމެކައިރީ އޮތް ފަޅުގައި އެއަރ ސްޓްރިޕެއް ޤާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާއިއެކު ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު މާފަންނު ގަޑިބުރު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެދުވަހުން ފެށިގެން 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅުގައި ބިންހިއްކުމުގެ މަސައްކަތް ފަށްޓަވާނެކަމުގައި ވިދާޅުވެފައެވެ. މިއަދަކީ އެހެން ވިދާޅުވިތާ 30 ވަނަ ދުވަސްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މި ސަރުކާރަކީ ވަޢުދެއް ވެއްޖެނަމަ އެވަޢުދެއް ވީގޮތަށް ފުއްދަވާނެ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު