ހިތް އެދޭހާ ކަމެއް.. (ތިރީސްދެވަނަބައި)

މެންދުރުގެ ވަގުތެވެ. ފެމިލީ ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެންހުރި ރާހިލްގެ ނިއްކުރީގައި ދާތިކިތައް ވިދަ ވިދާ ހުއްޓެވެ. ބަލައިލައިފި މީހަކަށް އެ ދާތިކިތަކުގެ އަސްލަކީ ތާރު އަޅާއިފައިވާ ބޮޑު މަގަށް ދެމުންދިޔަ އަވީގެ ސަބަބުން ޖައްވުގައި ކެކެމުންދިޔަ އުދާސް ހޫނު ކަމުގައި ހީވެދާނެއެވެ. ނަމަވެސް ކަން އޮތީ އެހެނެއްނޫނެވެ. އެއީ ނުތަނަވަސްކަމާއި ހާސްކަމުގެ ނިޝާނެކެވެ. މިއަދު އެ ކޯޓުން އޭނާ ނުކުންނަ އިރު އޭނާވާނީ މީހެއްގެ ފިރިއަކަށެވެ.

"ތި ހަމަ ޖެހިބަަލަ.. އަހަރެން ޑްރައިވަރަށް ގުޅައިފީމޭ.. ޝައިނާ މިހާރު އެބައާދޭ"  އޭނާގާތު ހުއްޓިލައިގެންހުރި ރިއާން ރާހިލްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ރިއާންއާއި ޝިމާންގެ އިތުރުން އޭނާގެ ދެ ރައްޓެއްސަކު އެތަނުގައި މަޑުކޮށްގެން ތިއްބެވެ. އެއީ އޭނާ ހެކިވެރިންގެ ގޮތުގައި ފޮނުވި ދެ ރައްޓެހިންނެވެ. އެވަގުތު އެތަނަށް މަޑުކޮށްލި ކަޅުކުލައިގެ ކާރުން ފޭބި ޝައިނާ ފެނުމާއެކު އެންމެ ފުރަތަމަ އޭނާއަށް ޝައިނާ ފެނުނު ދުވަހެކޭ އެއްފަދައިން އޭނާ ލައިލައިހުރި ނޭވާވެސް ހުއްޓުނެވެ.

ގަދަފެހިކުލައިގެ ސެޓިން ފޮތިން ފަހައިފައިވާ ސާދާގޮތެއްހުރި ޕާކިސްތާން ހެދުން ޝައިނާގެ ރީތިކަން އިތުރު ކޮށްދީފައިވެއެވެ. ހެދުމުގައި އަޅައިފައިވާ ރަންކުލައިގެ ފަރުމާއާ ގުޅޭ ރަން ތަނޑިބައެއް އަތުގައި އަޅައިފައިވާއިރު އިސްތަށިގަނޑު ވަނި ރީތި ގޮތަކަށް ފުނާއަޅައި ފަހަތަށް ދޫކޮށްލެވިފައެވެ. މޫނުގައި ކޮށްފައިވަނީ ލުއި އެހެނަސް ރީތި މޭކަޕެކެވެ. ޝައިނާ އައިސް ރާހިލްގެ ކުރިމަތީގައި ހުއްޓިލަމުން ކިހިނެއްތޯ އަހާލާފަދަ ގޮތަކަށް ބުމަ އަރުވައިލިއެވެ. އަދި ކުޑަކޮށް އެނބުރިލާ ހެދުން އެއްކޮށް ރާހިލްއަށް ދައްކައިލިއެވެ. ނަމަވެސް ޝައިނާގެ ރީތި ކަމަށް ކުރާނެ ތައުރީފެއްގެ ގޮތުގައި ކުފޫހަމާވާނެ އެންމެ ލަފްޒެއްވެސް ރާހިލްގެ ދުލަކަށް ނައެވެ.

"ސާބަސް. ތި އަނގަހުޅުވައިގެން ހުއްޓާ މެއްސެއް ވަދެދާނެ" އިޝްވާ އައިސް ރާހިލްގެ ގައިގައި ޖެހިގަންނަމުން ބުންޏެވެ. ޝައިނާ ގޮވައިގެން ކޯޓަށް ވަނުމުގެ ކުރިން ރާހިލްއަށް އޭނާ ލައިފައިވާ ކަޅުކުލައިގެ ގަމީހާއި ފަޓުލޫނަށް ބަލައިލަމުން އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެފަދަ ދުވަހަކަށްޓަކައި ޝައިނާ އުއްމީދު ކުރިވަރަށް އޭނާއަށް ތައްޔާރު ނުވެވޭކަން އިހުސާސްވުމާއެކު އޭނާ ދެރަވިއެވެ.

"އަހަރެން ކައިރިވެސް ރީތިވެގެން އަންނަން ބުނި ނަމަ" ރާހިލް ޝައިނާގާތަށް ޖެހިލަމުން ބުންޏެވެ.

"ދެން ރަނގަޅުވާނޭ.. ޔޫ ލުކް ޕްރިޓީ ގުޑް. ކޮންމެ އެއްޗެއް ލިޔަސް މައި ހެންޑްސަމްއާ ގުޅެއެއްނު" ޝައިނާވެސް ހިނިތުންވެލަމުން ބުންޏެވެ.

ކިތަންމެ އާދައިގެ ގޮތަކަށް ކުރެވުނު ކައިވެންޏެއް ކަމަށްވިޔަސް ކޯޓުން ނުކުތްއިރު ދެމަފިރިންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ. އެއްވެތިބި މަދު ރަހްމަތްތެރިން ކީ މަރުހަބާއާއެކުވެސް ދެމީހުން ތިބީ ހިތްހަމަޖެހިގެންނެވެ. ރާހިލްއާއި ޝައިނާގެ ލޮލުން ފެންނަމުންދިޔައީ އެކަކު އަނެކަކަށްޓަކާއި އޮތް އިންތިހާ ލޯތްބެވެ. ރާހިލް ޝައިނާއާ ހަތަރުކަޅި ހަމަކޮށްލަމުން އެދެމީހުންގެ ގުޅުވައިލެވިފައިވާ އަތް ހިއްލައިލަައި ޝައިނާގެ އަތުގައި ބޮސްދިނެވެ.

"އެންމެފަހުން ޝައިނާ އަހަރެންގެ މީހަކަށްވީ. މިސިޒް ރާހިލް.. މިއީ އަހަރެން ހާދަ އިންތިޒާރެއްކުރި ދުވަހެކޭ" ރާހިލް ބުންޏެވެ.

"ބުނަން. މިއީ ރާއްޖެ.. މިއީ މުސްލިމުން.. ކޮންމެހެން ފަރަންޖީން އުޅޭހެން މިސިޒް އާ ފިޒިކްސްއާ އޭތިމީތި މިތަނަށް ވައްދަން އުޅޭނެ ކަމެއްނެތް.." ޝައިނާ ކަޅިއަޅައިލަމުން ބުންޏެވެ. ރާހިލް ލުއި ހީނލުމަކާއެކު ޝައިނާގެ ވާހަކައަށް އެއްބަސްވަމުން ބޯ ޖަހައިލިއެވެ.

"އަނ. މިއޮތީ އަހަރެން ފަރާތުންދޭ ކައިވެނީގެ ހަދިޔާ" ރިއާން އައިސް ރާހިލްގެ ކޮނޑަށް އަތްވައްޓާލުމަށްފަހު ދިއްކޮށްލީ ފަތްޖަހާލައިފައިވާ އޭ4 ސައިޒްގެ ކަރުދާސްގަނޑެކެވެ. ރާހިލް ބުމަގޮށްޖަހައިލަމުން އެ ގަނޑު ނިއުޅައިލިއެވެ. އޭގައިވަނީ ހުޅުމާލޭގެ އަތިރިމައްޗާއި ވީ ފަރާތުގެ ގެސްޓްހައުސްއެއްގެ ދެދުވަހުގެ ހުރުމަށް ހައްދައިފައިވާ ރިޒަރވޭޝަނެކެވެ. ރާހިލްއަށް އެ ފެނުމާއެކު ޕަކަޕަކަލާފައި ހޭންފެށިއެވެ. އޭރު ޝައިނާގެ މޫނު ލަދުން ވިލާތުބައްޓެއްހާ ރަތްވެއްޖެއެވެ.

"ޕިސް ޕިސް.. ޗެކިން ޓައިމް ހަވީރު ހަތެރެކޭ.. އަދި ރޭވެސް ނުވަންދެން އަހަރުމެން ގޮސް ކީއްކުރާނީ ދޯ ވައިފް؟" ރާހިލް ހިނިގަނޑު ކޮންޓްރޯލް ކުރަމުން ކައިރީގައިހުރި ޝައިނާގެ ކޮނޑަށް އަތްވައްޓައިލައި ގަޔާ ކައިރިކޮށްލިއެވެ.

"ދެން ރާހިލް" ޝައިނާ ދެލޯ ބޮޑުކޮށްލަމުން ރާހިލްގެ މޭގައި ބޮނޑިއެއް އެޅީއެވެ.

"އަތްދޯތް.. މިހިރީ މިހާރުވެސް އަތްފައި ހެލޭވަރު. ދެން މީނައާއެކު އެކަނި ތާކަށްގޮސްގެން މިރޭ ވާންވާއިރަށް އަހަރެންގެ ހާލަކީ ކޮބާކަށް ވިސްނާލަ" ރާހިލް އަދިވެސް ހުރީ ދިމާކުރުމުގެ މޫޑެއްގައެވެ.

"ކުރާނެ ކަމެއް އެނގޭނީ އެ ބަޔަކަށް.. އަހަރެން ވިސްނީ ދެމީހުން ވަކިން ވަގުތު ހޭދަކޮށްލަން ބޭނުންވާނޭ… މިހާރުވެސް ކިރިޔާ ގަޔަށްބޮލަށް އަރައިނުގަނެ ތި ތިބެނީ.. ދުވާލު ޗެކިން ވިޔަސް މިރޭ ޗެކިންވިޔަސް އަހަރެންނަށް ކީއް؟ މިއީ ފުޅިބައްތި ނިވާލީމަ އަނދިރީގަ ކުރާކަމެއް ކުރަންތިބޭ ޒަމާނެއް ނޫނެއްނު" ރިއާން ހިނިއައިސްފައިހުރެ ރާހިލްގެ ކޮނޑުގައި ހިފައި ކޮށްޕައިލަމުން ދުރަށް ހިނގައިގަތެވެ.

"މި ރިއާންވެސް މިހާރު ހާދަ އަނގަގަދަ ވެއްޖެއޭދޯ.. މީހަކު ނުބުނާނެ ރިއާންއޭވެސް" ޝައިނާ ކިރިޔާ ރާހިލްއަަށް އިވޭވަރަށް ބުންޏެވެ.

"އަހަރެން ޒީ އޭ ކިޔައިގެން ދިމާ ނުކުރާނެކަން އެނގޭތީ މާ އަނގަގަދަވެގެން އެ އުޅެނީ.. ހިނގާ ދަމާ ދޯ.. ފޮޓޯ ނަގާލާފަ ކުޑަކޮށް ދުއްވާލާފަ ދާއިރު އޮންނާނީ އިރުއޮއްސިފައެއްނު" ރާހިލް ރިއާންދިން ކަރުދާސްގަނޑު ފަތްޖަހައިލުމަށްފަހު ވޮލެޓަށްލިއެވެ.

"ދެން ފުރަތަމަ ގެއަށް ގޮސްފަ… އަހަރެން މި ހެދުމާއެއްކޮށްތަ ދާންވީ؟" ޝައިނާ ބޮޑާހާކަން ފެށިއެވެ.

"އުހޫން. މިއަދު ދެން ދުރަށް ދެވޭނީ އަހަރެން މިއަތުން ދޫކޮށްލި އިރަކުން" ރާހިލް ޝައިނާގެ އަތަށް ބާރުކޮށްލަމުން ބުންޏެވެ. "އެހެންނޫނަސް ތި ހެދުން ކިހާ ރީތި.. ހީވަނީ ރާނީއެއްހެން. އަހަރެންގެ ރާނީ.. ހިނގަން އުނދަގުލިއްޔާ އެންމެ ފިޔަވަޅެއްވެސް އަޅަން ނުޖައްސާ އަހަރެން ގެންގުޅެފާނަން" ރާހިލް ޝައިނާ އަތްދަނޑިމައްޗަށް ހިއްލާލަށް މަސައްކަތްކުރިއެވެ. ނަމަވެސް ޝައިނާ ތެޅިގަނެފައި އަވަހަށް އެކަން މަނާކުރިއެވެ.

"ނޫން ނޫން. ޕިސް ޕިސް ޔާރައްބީ.. ތިކަހަލަ ކަމެއް ނުކުރާތި މި މާލޭ މަގުމަތީގަ. އަހަރެން ލަދުން މަރުވެދާނެ." ޝައިނާ ހެމުން ހެމުން ރާހިލްއާއެކު ކުރިއަށް ހިނގައިގަތެވެ.

***********

އާދައިގެ މަތިން ކާރޫބާރޫ ބޮޑު މާލޭގެ އެތެރެ މަގުތަކުން ރެކިގަނެގެން ބޮޑުތަކުރުފާނު މަގަށް ނުކުމެ ހަވީރު ފިންޏަށް ދުއްވަންދާ ޖޯޑުތަކުގެ ތެރޭގައި އިޝްވާއާއި ޝިމާންގެ ޖޯޑު ގުނައިލެވޭނެއެވެ. މިއަދުވެސް މަންޒަރު ތަފާތެއްނޫނެވެ. ނަމަވެސް ހުޅަނގުފަރާތަށް އޮއްސެމުންދިޔަ އިރުގެ ރަންވިލާތަކުން ފަވާލެވިފައިވާ އުދަރެހަށް ގެއްލިފައި އިން ޝިމާންގެ ސިކުނޑި މިއަދު ވަނީ އިޝްވާއާ މާބޮޑަށްވެސް ދުރުގައެވެ. އިޝްވާ ދައްކާވާހަކައަށް އޭނާއަށް ސަމާލުކަން ދޭން ދަތިވެފައިވެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދެމުން އައި ހައިޖާނުގެ ފަހަތުގައިވާ ސަބަބަކީ އިޝްވާ ފިޔަވައި އިތުރު މީހެއްނޫނެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާއަށް އަންނަ ކޮންމެ ބަދަލެއް ދެނެގަތުމުގައި އިޝްވާ ހުށިޔާރުވެފައިވާ މިންވަރެވެ. އެހެންކަމުން ޝިމާންގެ މިޒާޖަށް އައިސްފައިވާ ބަދަލުގެ ފަހަތުގައިވާ ސިއްރު ދެނެގަތުމަށްޓަކައި އިޝްވާ މަސައްކަތް ފެށިއެވެ.

"މާނު.. މާނު.. މާނު އޭ.. ހުއްޓަބަ މިތަނަށް.. އެބަ އަންނަން އައިސްކްރީމް ގަނެގެން.. ބޭނުންތަ؟" އިޝްވާގެ އެދުމަށް ޝިމާން ތޮށިގަނޑާއި މާ ދުރުނޫން ހިސާބަކަށް ސައިކަލު ހުއްޓައިލިއެވެ. އިޝްވާ ދުވެލައިފައިގޮސް ކައިރީގަހުރި ތަނަކުން އައިސްކްރީމް ގަނެގެން އައި އިރު ޝިމާން ތޮށި ގަނޑު މަތީގައި އިށީނދެލައިގެން އިނެވެ. އޭނާއަށާ ބަލައިލައިފި މީހަކަށް އޭނާ އިނީ ފުންވިސްނުމަކަށް ގެއްލިފައިކަން ޝައްކެއް ނުވާނެއެވެ.

"އަންން. މީގާ ހިފާބަލަ.. މާނޫ.. މިއަދު އެއްކޮށް ކިހިނެއް ވެފަތަ ތި ހުންނަނީ؟" އިޝްވާގެ ސުވާލަށް ރައްދު ދިނުމުގެ ގޮތުން ޝިމާން ކަމެއް ނުވާކަމުގައި ބުނަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"މާނު… އަހަރެންނަށް އެނގޭ ކަމެއް ވެފަކަން ތިހިރީ.. ސިސް މެރީކުރި ދުވަސްވީމަ މާ އިމޯޝަނަލް ވެވެނީ ދޯ" އިޝްވާއަށް ހީވީ ޝައިނާގެ ކައިވެނީގެ ދުވަސްކަމަށް ވުމާއެކު ޝިމާންއަށް ތަންކޮޅެއްބޮޑަށް ޖަޒުބާތީ ވެވުނީ ކަމުގައެވެ. ޝިމާން އެވާހަކަ ދޮގު ކުރާކަށް ނޫޅުނެވެ. ހިނިތުންވެލަމުން އިޝްވާގެ ސުވާލަށް ބޯ ޖަހައިލިއެވެ.

"ނޭނގެ.. ސިސް ކައިވެނިކުރަން ތައްޔާރީތައް ވާން ފެށީއްސުރެން ހަމަ ހިތަށް އަރަނީ.. މަންމަމެން ދުނިޔޭގަ ހުރި ނަމައޭ.. މިއީ މަންމަވެސް ބައްޕަވެސް ކިހާ ދެކެން އުއްމީދުކުރި ދުވަހެއް.. އެމީހުން ބަނޑުއަޅައި ވިހެއި ދަރިއެއް ކަމުގަ ނުވިޔަސް އަހަރެންނަށްވުރެވެސް ބޮޑަށް ސިސްދެކެ ލޯބިވި.. ފަހަރެއްގާ…" ޝިމާންގެ ވާހަކަ މެދުކަނޑައިލިއެވެ.

"ފަހަރެއްގާ؟" އިޝްވާ އެވާހަކަ ކުރިއަށް ގެންދިޔުމަށް އިޝާރާތް ކުރިއެވެ.

"ފަހަރެއްގާ މަންމަމެން ތިބިނަމަ ބޭބެއަށް އެކަހަލަ ގޮތަކަށް ސިސްއާ ކައިވެނި ކުރާކަށް ނުކެރުނީސް… ދުނިޔެއަށް ސިއްރުން.. ބަލަ ކައިވެންޏަކީ ފާފައެއްތަ؟ އަހަރެންނަކަށް ނޭނގޭ.. ބޭބެ ސިސްއަށް ހެޔޮކޮށް ހިތާކަން އެނގޭތީ މިވީހާ ދުވަހުވެސް މަޑުން ހުރީ އެކަމަކު އަހަރެންނަށް އެއްވެސް ވަރަކަށް މި ކައިވެނި ޕޮޒިޓިވް ކޮށެއް ނުނެގޭ.. ހީވަނީ ސިސްގެ ލޯބި ނާޖައިޒް ގޮތުގަ ބޭނުންކޮށްގެން ކުރާ މެނިޕިއުލޭޝަނެއްހެން.. ހައްތާވެސް ސިސްގެ އުފާވެރިކަމަށް އެޅޭ ހުރަހަކަށްވާން ނޭދޭތީ އަހަރެން ދޫ ހިމޭންކުރީ.. މީހުން ލޯތްބަކީ ކަނުއެއްޗެކޭ ބުނާ ސަބަބު އަދި މި އެނގުނީ.. ކާކު ހީކުރާނީ ސިސްކަހަލަ ދުރުވިސްނޭ މީހަކު މިވަރު މޮޔަކަމަކަށް އެއްބަސްވާނޭ؟" ޝިމާން ބުންޏެވެ.

"ޝިމާން.. އިތުބާރު ކުރޭ.. އެއީ އަހަރެންނަށް އަތުގެ ބަނޑުފުށްހާ ބޮޑަށް ގޮތް އެނގޭ އަހަރެންގެ ދޮންބެ. ދޮންބެ ސިސް ދެކެ ވާލޯތްބާމެދު އަހަރެންނަކަށް ޝައްކެއްނެތް. އިރާދަކުރެއްވިއްޔާ ސިސް ހުންނާނީ އުފަލުގަ" އިޝްވާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން ޝިމާން ބޯ ޖަހައިލިއެވެ. އެހެނަސް އޭނާގެ ސިކުނޑި ހާސްކުރާ އެހެން ސަބަބެއްވެސް އެބައޮތެވެ. އެހެނަސް އެއީ އެވާހަކަދެއްކުމަށް އެންމެ މުނާސަބު ވަގުތެއް ނޫންކަމަށް ބަލައި އެވާހަކަ ފަސްކޮށްލިއެވެ.

**********

ކީކާޑު ޖައްސައިލުމުން އިވިގެންދިޔަ "ބީޕް"ގެ އަޑާއެކު ހުޅުވުނު ދޮރުން އެތެރެއަށް ނަޒަރު ހުއްޓައިލި ޝައިނާ ދެލޯ ބޮޑުކޮށްލަމުން ފިޔަވަޅުތައް މަޑުޖައްސައިލިއެވެ. އެނދުމަތީގަޔާއި އެނދާ ހަމައަށް ދާން އޮތް ރާސްތާގައި ފަތުރައިލެވިފައިވާ ރަތްފިނިފެންމަލުފިޔައިގެ ދޫލައާއި އެ ދޫލައިގެ ދެފަރާތުގައި ބަހައްޓައިފައިވާ އުއްބަތިތަކުގެ ރަންއަލިން ކޮޓަރި ޖަރީކުރެވިފައިވާއިރު އެ މާހައުލުން ބުނެދެން އުޅެނީ ކީކޭކަން އޭނާއަށް އެނގުނެވެ. ލަދުންހުރެ ތުންފަތުގައި ދަތް އަަޅައިލަމުން ޝައިނާ ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. ޝައިނާގެ ފަހަތުގައިހުރި ރާހިލްއަށް ކޮޓަރީގެ އެތެރެ ފެންނަވަރުވީ އަދި ކިރިޔާއެވެ. ހަމަފެނުމާއެކުހެން އޭނާ ޕަކަޕަކަލާފައި ހޭންފެށިއެވެ. ޝައިނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ދެން ޕިސް. މި ރާހިލް އަދި މިކަހަލަ ގަޑީގަ ވަރަށް ގޯސްވާނެ" ޝައިނާ ފަހަތަށް އެނބުރިލައި ރާހިލްގެ އަތުގައި ޖެހިއެވެ.

"ސޮރީ ސޮރީ.. އަޅެ އަހަރެން ހީކުރާނެތަ ރިއާން މިވަރު ކުރާނެކަމަކަށް؟" ރާހިލް ބުންޏެވެ.

"ޕިސްޕިސް. ރިއާންވެސް މިހާރު ހާދަ ލާނެތްވެއްޖެއޭދޯ" ޝައިނާ ކޮޓަރީގެ އެތެރޭގައިވާ މާހައުލުގެ ފުރިހަމަކަން ފޯނުގައި ރައްކާކުރުމަށްޓަކައި ފޮޓޯނަގަން ފެށިއެވެ. އޭރު ރާހިލް ކޮންމެވެސް ދިމާލަކަށް ގޮސް ގެއްލިއްޖެއެވެ. ޝައިނާ އޭނާ ނެގި ފޮޓޯތަކާއި އެތަނުގައި އިނދެ ނެގި ސެލްފީތައް ބަލަން އެތަށް އިރަކު އިނުމަށްފަހު އެނދުން ތެދުވިއެވެ. އޭރުވެސް ރާހިލް ފާހަނައިން ނުނިކުމެއެވެ. އޭނާ ފޫހިގޮތަކަށް ތުން އަނބުރައިލުމަށްފަހު ކައިރީގައިހުރި ސައިޑް ކަބަޑު މަތީގައި އޮތް މާބޮނޑި ނަގައި އެއިން ވަސްބަލައިލިއެވެ. ކޮޓަރީގައިވާ އުއްބަތިތަކުން ދުވަމުންދިޔަ ވެނީލާ ވަހާއެކުވެ އެ މާތަކުގެ ވަސް ވަނީ ފަނޑުވެފައެވެ. އެހެންކަމުން މާބޮނޑި ކުރިން އޮތް ތަނުގައި ބޭއްވި ވަގުތު ފާހަނައިގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. އުނުގައި ތުވާލި އޮޅައިލައިގެންހުރެ ނުކުތް ރާހިލްއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޝައިނާ އަނެއްކާވެސް ފޯނަށް ބަލައިލިއެވެ. އެވަގުތު ރާހިލް ފަހަތުން އައިސް އޭނާގެ ގައިގައި ބައްދައިލުމަށްފަހު ފޯނު ނަގައި ދުރުގައި ބާއްވަން މަސައްކަތްކުރިއެވެ.

"ދެން ރާހި—"

"ދެން މިރޭ ހަމަ ހުސް ފޮޓޯ ނެގުމުގަތަ؟ އަހަރެންނަށްވެސް ކުޑަކޮށް ސަމާލުކަންދީބަލަ" ރާހިލް ޝަކުވާކޮށްލަމުން ޝައިނާގެ ކަރުދޮށުގައި މޫނު ފޮރުވައިލިއެވެ.

"އަހަރެ—"

"ޝްޝްޝް.. ލައްކަދުވަހު ދުރުގަ ހުރެ އަހަރެންގެ ހިތް ތަޅުވައިފީމެއްނު.. އަތް ޖެހޭ ނުޖެހޭ ހިސާބުގަ އުދުހެ އުޅެފީމެއްނު.. މިރޭ މިއަޮތީ އަހަރެންގެ މުށުތެރެއަށް ގެނެސްފަ. ދެން އެހާ ފަސޭހައިން ދުލެއް ނުކުރެވޭނެ" ރާހިލްގެ ސަމާސާކޮށް ބުނަމުން ޝައިނާގެ ހަށިގަނޑުގައި އިތުރަށް ބާރަށް ބައްދައިލިއެވެ. ރާހިލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެހިތުގައި ޝައިނާއަށްޓަކައިވާ ލޯތްބާއި ޖަޒުބާތު އެ އަޑުން އެކަނިވެސް ހާމަވަމުންދިޔައެވެ.

"ދެން އަހަރެން ނިދާލަންވެސް ބޭނުން" ޝައިނާ ލަދުން އިސްޖަހައިލިއެވެ. ފަހަތުގައިހުރި ރާހިލްއަށް ނުފެނުނު ކަމުގައިވިޔަސް އޭނާގެ މޫނަށްވަނީ ލަދުން ޖަންބުކުލަ ވެރިވެފައެވެ.

"މިރޭ ތިކަހަލަ ބަހަނާ ދައްކާފަ އަހަރެންނާ ދުރަށްދާން މަސައްކަތްނުކުރޭ" ރާހިލް ބުންޏެވެ.

"ދެން ބަލާބަ. ތިއީ އެއްވެސް ގޮތެއްނޫން.. ރާހިލް ތިއައީ ފެންވަރާ ތާޒާވެގެން. އަހަރެންނަކަަށް އެ ފުރުސަތެއް ނުދޭ. އައި ސްމެލް ރާހިލް" ޝައިނާ ތުންދަމައިލަމުން ޝަކުވާ ކުރިއެވެ. ބަދަލުގައި ރާހިލްގެ ފަރާތުން އިވުނީ ލުއި ހީނލުމެއްގެ އަޑެވެ. ނަމަވެސް އެ އަޑާއެކު ޝައިނާގެ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރިހެން ހީވިއެވެ.

"ޔެސް ޔޫ ސްމެލް ބިއުޓިފުލް ލަވް. ނަތިންގް ބީޓްސް ޔޯރ ސްމެލް. ޗޮކްލެޓްސް.. މައި ފޭވްރިޓް"  ރާހިލް ޝައިނާގެ ކަނދުރާއިން ވަސްބަލައިލަމުން ބުންޏެވެ.

ރާހިލްގެ ހޫނު ނޭވާ އިހުސާސްވުމާއެކު ޝައިނާއަށް ލޯ މަރައިލަމުން ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހައިލެވުނެވެ. އެހަރަކާތާއެކު ރާހިލްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަހަލައެވެ. ޝައިނާގެ ހަށިގަނޑުގައި ބީހެމުންދިޔަ ރާހިލްގެ އަތުގެ ހަރަކާތްތަށް އަވަސްވިއެވެ. އެ ކަނދުރާގައި ބީހެމުންދިޔަ ރާހިލްގެ ހޫނު ނޭވާތައް އަވަސްވަމުންދިޔައެވެ. އަދި އެއިން ކޮންމެ އަވަސްވުމަކާއެކު ޝައިނާގެ ހިތުގެ ތެޅުން ދެގުނައަށް އަވަސްވަމުންދިޔައެވެ.

ރާހިލްގެ އަތުގެ އިނގިލިތަށް ފަރިތަކަމާއެކު ޝައިނާގެ ހެދުމުގެ ގޮށްތަކާއި ކުޅެލައި, އެހެދުން ހަށިގަނޑާއި ވަކިކޮށްލިއެވެ. އަދި ލޯތްބާއެކު ޝައިނާ އަތްދަނޑިމައްޗަށް ހިއްލައިލައިގެން ގޮސް އެނދުގައި ބާއްވައިލިއެވެ. ނަމަވެސް ޝައިނާގެ މޫނުމަތިން އާދަޔާހިލާފު ނުތަނަވަސްކަމެއްފެނި ރާހިލްގެ ހަރަކާތްތައް މަޑު ޖައްސައިލިއެވެ. ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލިއެވެ؟

"ރާހިލް.. އަހަރެންނަށް އެނގޭ ރާހިލް ވަރަށް ގިނަ ކުދިންނާ–" ކުއްލިއަކަށް ޝައިނާ ދައްކަން ފެށި ވާހަކައިގެ ސަބަބުން ރާހިލްގެ މޫޑު ހަރާބުވިއެވެ. ބޭ އިހްތިޔާރުގައި ފޫހި ގޮތަކަށް ކަޅި އަނބުރައިލަމުން ދުރަށްދާން އުޅުނު ވަގުތު ޝައިނާ އަވަސްއަވަހަށް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

"ދަނީތަ؟" ޝައިނާ ކަންބޮޑުވެފައި އަހައިލިއެވެ.

"ބައެއް ވާހަކަތައް ދައްކަން ވަކި ގަޑިތަކެއް ހުންނާނެ" ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ. ކޮންމެހެން މާޒީގެ ވާހަކަތައް މިކަހަލަ ގަޑިއެއްގައި ދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

"ނޯ ނޯ ރާހިލް.. އަހަރެން ބުނީ.. އަހަރެން.. އަހަރެންނަށް އެމީހުނާ އެއްވަރަށް ނޭނގުނިއްޔާ….. އަހަރެން.. އިޓްސް މައި ފަސްޓް ޓައިމް އެންޑް އައި.. ރާހިލް.. ރާހިލް އަހަރެންނާ އެނގޭ ސިސްއަށް އެގޮތަށްވި ރޭގަ އިޓް ހަރޓް ހަރ އަ ލޮޓް.. އަހަރެން"

ރާހިލްގެ ނިތަށް ގިނަވެފައިވި ރޫތައް ފިލައިގެންދިޔައެވެ. ޝައިނާ މިވަރަށް ވާހަކަ ގިނަވެ ޖެހިލުންވެގެން އުޅޭ ސަބަބު އޭނާއަށް ދެނެގަނެވިއްޖެ ކަހަލައެވެ. އެމީހުންގެ މިހާރުގެ ހާލަތާއި ޝިޔާނާގެ ފުރާނަ ގެއްލުނުރޭގެ އެހާރުގެ ހާލަތާއި އެއްގޮތް ކުރީތީ އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް އެއީ ޝައިނާ ގޯސް މާނައެއްގައި ދެއްކި ވާހަކައެއް ނޫންކަން އޭނާއަށް އެނގުނެވެ. ޝައިނާފަދަ ހިތި މާޒީއެއް އޮތް ކުއްޖަކާއެކު ހުންނާނެ ގޮންޖެހުންތައް އޭނާއަށް ގަބޫލުކުރެވެއެވެ. ޝައިނާގެ މޫނުމަތީގައިވަނީ ނުރުހުން ނޫންކަމާއި ހާސްކަން ކަމުގައި ދެނެގަތެވެ. ރާހިލް ހިނިތުންވެލަމުން ލޯތްބާއެކު ޝައިނާގެ މޫނުގައި ފިރުމައިލިއެވެ.

"ޔޯރ ސިސްޓަރ.. އެހާލަތާއި މިހާލަތު ހާސްތަން ތަފާތެއްނު ލަވް.. އެންޑް ޕްލީޒް.. އަބަދުވެސް ހަނދާންކުރައްޗޭ.. ޝައިނާގެ ފަރާތުން އަހަރެންނަށް ލިބޭ އުފަލާ ހިތްހަމަޖެހުން ހޯދައިދެވޭވަރު އެކަކުވެސް ނޫޅޭނެ" ރާހިލް ލޯތްބާއެކު ޝައިނާގެ ނިތްކުރީގައި ބޮސްދިނެވެ.

"އައި ލަވް ޔޫ" ޝައިނާ ބުންޏެވެ.

"އައި ލަވް ޔޫ މޯރ މައި ބިއުޓިފުލް ވައިފް.. އަހަރެންނަށް އިތުބާރުކުރޭ.."  ރާހިލްގެ ވާހަކަ ގަބޫލުކުރާ ފަދައަކުން ޝައިނާ ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ. ކޮޓަރީގައި ހިފައިލައިފައިވާ އޭސީގެ ފިންޏާއެކުވެސް ދެ ހަށިގަނޑުގައިވާ މަސްތުގެ ހޫނުން މާހައުލު އުދާސްކުރުވަައިފިއެވެ. ރާހިލްގެ ކޮންމެ ހަރާކާތެއްވެސް ބަހައްޓަމުންދިޔައީ ޝައިނާއަށް ނުތަނަވަސްކަމެއް އައިސްދާނެފަދަ ކޮންމެ ކަމަކަށް ވިސްނައިގެނެވެ. އަލަތު ދެމަފިރިންގެ ކޮންމެ ބެލުމެއް ކޮންމެ ލަފްޒެއްް ބުނެދެމުންދިޔައީ އެކަކު އަނެކަކަށްޓަކައި ދެހިތުގައިވާ މިންނުކުރެވޭހާ ލޯތްބެވެ.

************

ދަންވަރުގެ ވަގުތެވެ. އަރާމު ނިންޖަކުން ޝައިނާއަށް ހޭލެވުނީ ކަރުހިއްކައި ފެންބޮވައިގަތުމުންނެވެ. ގަޑި ބަލައިލިއިރު ދަންވަރު ތިނެއްޖެހުމާ ގާތްވެއްޖެއެވެ. އޭނާއަށް ނިދުނުއިރު ގާތުގައި އޮތް ރާހިލްގެ ހިލަމެއް މިހާރަކު ނެތެވެ. އެކަންވީ އޭނާއަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އެ ހައިރާންކަން މާޔޫސްކަމަށް ބަދަލުވީ ގަޑިއެއްހާއިރު ފާއިތުވެގެންދިޔައިރުވެސް ރާހިލްގެ ހިލަމެއް ނުވުމުންނެވެ. ރާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައި އިންނަން ބޭނުންވިކަމުގައިވިޔަސް ލިބިފައިވާ ލޮޑުކަމާއޭކު އަނެއްކާވެސް ނިދީގެ ތެރެއަށް ފީނައިގަނެވިއްޖެއެވެ. ނަމަވެސް ހިތަށް ލިބިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރަނގަޅަށް ނިދޭގޮތް ނުވުމުން މާގިނައިރެއްނުވެ އަނެއްކާވެސް ހޭލެވިއްޖެއެވެ.

ފަތިސްނަމާދުކޮށް ނިންމައިލުމަށްފަހު ޝައިނާ ދެންވެސް ރާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައި އިނެވެ. ކުރިން ފާއިތުވެދިޔަ އެއްގަޑިއިރު ދެ ގަޑިއިރަށްވެ ދެ ގަޑިއިރު ތިންގަޑިިއިރަށް ބަދަލުވެއްޖެއެވެ. އާދުވަހަކަށް އަރައިގެން އައި އިރުގެ އަލި ކުޑަދޮރުތަކުން ފާއްދައިލައި ކޮޓަރިތެރެ ދިއްލައިލައިފިއެވެ. އަދިވެސް ރާހިލްގެ ހަބަރެއް ނުވެއެވެ. ފޯނުކޯލެއް ނުލިބުނު ތަނުގައި މެސެޖެއްވެސް ކޮށްލައިފައިނެތެވެ. އެހެންކަމުން ރާހިލް އުޅޭތަނެއް ބެލުމަށްޓަކައި ޝައިނާ އިސްވެ މެސެޖު ކުރިއެވެ.

"ސޮރީ ލަވް.. އެލީ މާބޮޑަށް ހޮޑުލާފަ ބަލިކޮށް އުޅޭތީ އެލީއާއެކު ހޮސްޕިޓަލަށް އައީ. މެންދުރަށް ދެވޭތޯ ބަލާނަން" ރާހިލްގެ ޖަވާބު ފެނުމާއެކު ޝައިނާގެ ނިތަށް ރޫތަށް ގިނަވިއެވެ. ރާހިލް އޭނާގާތަށް ނާދެވޭނެ ސަބަބެއްކަމުގައި އެލީޝާގެ އުޒުރެއް ދައްކަން ކެރުނީތީވެސް އޭނާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކައިވެނީގެ ފުރަތަމަރޭ އޭނާ އެކަނިމާއެކަނި ބީރައްޓެހި ތަނަކަށް ދޫކޮށްލުމަށްފަހު އެލީޝާ ކައިރިއަށް ރާހިލް ދާން ޖެހުނީ ކޮން ހައިސިއްޔަތަކުންބާއެވެ. ވީފޫއްސާއެކު އެތަނުގައި އެންމެ މިނެޓެއްވެސް އިތުރަށް މަޑުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.

**********

އޮފީހަށް އާދެވުމާއެކު ރިއާން އޭނާގެ އެސިސްޓެންޓް ހޯދުމަށްޓަކައި އަވަސްވެގަތެވެ. ހެނދުނުގެ ދަންފަޅި އޮފީހުން ބޭރުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން އޭނާ ބޭނުންވީ މަންދުރުފަސް އޮފީހުގެ ކަންކަމަށް ހުސްކޮށްލުމަށެވެ.

"މެންދުރު ފަހަށް އެއްވެސް މީޓީންގެއް ރާވައިގެން ނުވާނެ. މިހާރަށް ރާވައި ނިމިފަ ހުރި ކަމަކިއްޔާވެސް އެހެން ދުވަހަކަށް ފަސްކޮށްލާ.. އެއްވެސް މުހިއްމުކަމެއް އެބަ އޮތްތަ؟" ރިއާން ކެބިންއަށްވަދެ ގޮނޑީގައި ހަމަ ޖެހިލަމުން އޭނާގާތު ހުރި ނީމްއާ މުހާތަބު ކުރިއެވެ.

"ނޫން ސަރ. މިއަދު ބޭރުގެ އެއްވެސް ފަރާތަކާއެކު ބައްދަލުވުމެއް ނެތް.. އެކަމަކު އިންޓަރނަލް މީޓިންގެއް އެބައޮތް" ރިއާން ދިން އިރުޝާދުތައް ފޮތުގައި ނޯޓުކުރަމުންދިޔަ ނީމް ހަލުވިކަމާއެކު ބުންޏެވެ.

"އެއީ ކޮންކަމަކާ ގުޅިގެން؟" ރިއާން އަހައިލިއެވެ.

"އާ އަހަރާ ދިމާކޮށް ހުޅުވޭ ރިސޯޓު. ދެން އޭގެ ދެތިން ދުވަަސްފަހުން ކުންފުނީގެ އަހަރީދުވަސްވެސް އަންނާތީއާއެކު ކަމާގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމެއް" ނީމް ތަފްސީލުކޮށްދިނެވެ.

"ހޫމް.. ތި ކަންކަމަށް އަދި މަހެއްހާ ދުވަސް އެބަ އޮތް.. އެހެންނޫނަސް ތި ހުރީހާ އިވެންޓެއްގެ ކަންކަން މަރކެޓިންނާ ގުޅިގެން ހިންގަނީ ޝައިނާއެއްނު… އެހެންވީމަ ތިއިން ވާހަކައެއް ދެއްކޭނީވެސް މާދަމާ ޝައިނާ ޗުއްޓީއިން ނުކުތީމަ.. ތިކަން ފަސްކޮށްލާ" ރިއާން ބުންޏެވެ.

"ސަރ.. ޝައި ހުރީ ޗުއްޓީގަތޯ؟ މިއަދުވެސް ޝައި އޮފީހަށް އައެއްނު؟" ނީމްގެ ސުވާލާއެކު ރިއާންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ.

"ވަޓް؟ ޝައިނާ އޮފީހަށް ނުކުތްތަ؟" ރިއާންއަކަށް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ނީމްއަކީ ކަމެއް ޔަގީން ކުރުމަށްފަހު ނޫނީ އޭނާގާތު އެވާހަކައެއް ބުނާނެ ކުއްޖެއްވެސް ނޫނެވެ. ރިއާން ވިސްނާލާ ފަދައަކުން ބޯ ޖަހައިލިއެވެ.

"ޝައިނާ އުޅެންޏާ އަންގާލަބަ މިކޮޅަށް ޖައްސާލަން.. ބަޓް ޔާ.. ދެންމެ ތި ކީ މީޓިންގް ފަސްކޮށްލާ އިނގޭ" ރިއާންގެ ބަހަށް ބޯ ޖަހައިލުމަށްފަހު އެކުއްޖާ އެތަނުން ނުކުތްތާ ފަސްމިނަޓުވެސް ނުވަންދެން ޝައިނާ އައިސް ރިއާންގެ ކެބިންގެ ދޮރުގައި ޓަކިދިނެވެ.

"ވަދޭ.. އިށީނދޭ.. އޮފީހަށް އައީތަ؟" ރިއާން ކުރިމަތީގައިހުރި މޮނީޓަރުން ދެލޯ ވަކިކޮށްލުމެއްނެތި އަހައިލިއެވެ.

"ލައްބަ. ވަކި ކަމަކުތޯ ގޮވާލެއްވީ؟ " ޝައިނާ ރިއާންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނެވެ.

"ކީއްވެ މިއަދު އޮފީހަށް ނުކުތީ؟ އަހަރެން ހީކުރީ ޝައިނާ ޗުއްޓީގަ ކަމަށް… ރާހިލް ކޮބާ؟" ރިއާންގެ ސުވާލަށް ޝައިނާ ވަކި ޖަވާބެއް ނުދިނެވެ. ނަމަވެސް އެ ހިމޭންކަމުން ރިއާންއަށް އެ ސުވާލުގެ ޖަވާބު އެނގުނެވެ. އެއާއެކު އޭނާގެ ފުރިހަމަ ސަމާލުކަން ޝައިނާއަށް ދިނެވެ.

"ޝައިނާ… އަހަރެން އެހީ ރާހިލް ކޮބާހޭ" ރިއާން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

"ނޭނގެ. ބިޒީވާނޭ ބުނި.." ރިއާންއަށް މާގިނަ ތަފްސީލުތަކެއް ދޭކަށް ޝައިނާ ބޭނުމެއްނުވިއެވެ.

ޝައިނާގެ ޖަވާބާއެކު ރިއާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވެގެންއުޅޭގޮތް ސީދާ ނޭނގުނު ނަމަވެސް ރާހިލްގެ ފަރާތުން މިހާ އަވަހަށް ގޯހެއް ހިނގައިފިކަން ރޭކައިލިއެވެ.

"އަހަރެން އޭރުވެސް ޝައިނާގާތު ބުނިން އެހެން މީހަކާ ރާހިލް ކައިވެނި ކުރަން އުޅޭކަން އެނގިހުރެ މިކަން ކުރުމަކީ ޝައިނާއަށް ފަސޭހަ ކަމަކަށް ނުވާނޭ.. އެންމެންކީހާ އެއްޗަކަށް ޝައިނާ ދިނީ ބީރު ކަންފަތެއް.. ރާހިލްގެ ތި ދިރިއުޅުމަކީ އެހެން އެންމެނަށް ފޮރުވިފައިވާ ދިރިިއުޅުމެއް. ދުނިޔޭގެ ކުރިމަތީގަ، އާއިލާގެ ކުރިމަތީގަ ރާހިލްގެ ވާންއުޅޭ އަނބިމީހާއަކީ އެލީޝާ.. ރާހިލް ކޮބާ؟" އެކުވެރިޔާގެ އުޅުން ހުރިގޮތާމެދު ރިއާންހުރީ ކަންބޮޑުވެފައެވެ. ނަމަވެސް ރިއާންގެ ވާހަކައާމެދު ޝައިނާ ހިތްހަމަ ނުޖެހުނެވެ. ރިއާންއަކީ އޭނާގެ ވެރިޔާއެއްކަމަކު އަދި ރާހިލްގެ ރަހުމަތްތެރިއެއް ކަމަކު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކަށް ފާޑުކިޔުމުގެ ހައްގެއް ރިއާންއަކަށް ނޯންނާނެއެވެ.

"އޭނައަށް ގުޅާބަަލަ. ގުޅައިގެން ގެއަށް ދޭ.. މިއަދު ޝައިނާ ކޮންމެހެން އޮފީހަށް—"

"ނޫން" ރިއާންގެ ވާހަކަ ޝައިނާ މެދުކަނޑައިލިއެވެ. ރިއާންއަށް އެބުނި އެއްޗެއް ދޭހަކުރަން ނޭނގިފައި އިނދެ ބުމަ ހިއްލައިލެވުނެވެ.

"ނޫން.. އަހަރެން ރާހިލްއަކަށް ނުގުޅާނަން.. އެކަމަކު ރިއާންވެސް ތިގޮތަށް އަހަރެންގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ކޮމެންޓެއް ކުރީތީ އަހަރެންވެސް އިރުކޮޅަކަށް މުވައްޒަފެއްގެ ތަރަހައިން އެއްކިބާވެ ރިއާންގެ ދިރިއުޅުމަށް ކޮމެންޓެއް ކުރާނެ ފުރުސަތެއް ދެއްވާ" ޝައިނާގެ ވާހަކައަށް އެންމެ ރަނގަޅޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"މިފަހަކަށް އައިސް އަހަރެންނާ ރާހިލްގެ ކަންކަމުގަ ރިއާން ބަސްކިޔާކަން އަހަރެންނަށް ވަރަށް ފާހަގަކުރެވޭ.. އަހަރެންނަށް އެނގޭ ރާހިލްއަކީ ރިއާންގެ ކިހާ ގާތް ރަހްމަތްތެރިއެއްކަން.. އަދި ގަބޫލުކުރަން ރާހިލްއާ އަހަރެން ކައިވެނި ކުރުމަކީ ރިއާންއާާ އަހަރެންނާ ދޭތެރޭ މުވައްޒަފަކަށްވުރެ ގާތްކޮށް ދެކެވިދާނެ ކަމެއްކަން.. އެކަމަކު ރިއާންވެސް ހަނދާން ބަހައްޓަން ޖެހޭނެ ޒީވާއަކީ އަހަރެންގެ ކިހާ ގާތް އެކުވެރިއެއްކަންވެސް. އެހެނޭ ކިޔާފަ އަހަރެން ދުވަހަކުވެސް ރިއާންގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ރިއާންއަކާ ސުވާލުކޮށްފައެއް ނޯންނާނެ.. އަހަރެން މިއަދު އޮފީހަށް އައީތީ ރިއާން އެހާ ކަންބޮޑުވާންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނުނު.  ރިއާންވެސް ކައިވެނީގެ ފުރަތަމަ ދުވަހު ހުރީ އޮފީހުގައެއް ނޫންތަ؟ ރާހިލްގެ އުޅުމަށް ފާޑުކިޔޭވަރު ހާލަތެއްގަހުރި މީހެއްނޫން ރިއާންއަކީ.. އަހަރެންނާ އެނގޭ އަހަރެންނާ ރާހިލްގެ ގުޅުމަކީ ދުނިޔެއަށް ސިއްރުން އާއިލާއަށް ސިއްރުން ކުރިއަށްދާ ގުޅުމެއް ކަމަށްވިޔަސް އަހަރެންގެ ފިރިމީހާގެ ފަރާތުން އަހަރެންނަކަށް އެއްވެސް ލޯތްބެއް އަޅާލުމެއް އުންޏެއް ނުވާނެކަން.. އެކަމަކު ރިއާންއަށް އެހެން ބުނެވެން އެބައޮތްތަ؟ މިއީ ކޮންމެހެން ޒީވާ އަހަރެންގާތު ކިޔައިގެން އެނގޭ ކަންތައްތަކެއްނޫން. ޒީވާއަކީ އިއްޔެއަކު މިއަދަކު އަހަރެންނާ ދިމާވި މީހެއްނޫން.. ޒީވާގެ ހިނިތުންވުމުގެ ފަހަތުގަ ފޮރުވިފައިވާ ހިތާމައާއި އެކަނިވެރިކަން ދެނެގަތުމަކީ އަހަރެންނަށް މާ އުނދަގުކަމެއްނޫން.. އެނގޭ ޒީގެ ކައިވެންޏަކީ ލޯބިން ކުރެވުނު ކައިވެންޏެއް ނޫންކަންވެސް. އެކަމަކު އެހެނޭ ކިޔާފަ އެގޮތް ބަދަލުވާކަށް ނުވޭތަ؟ މިއީ ހަމަ ޒީއަށް ހައްގު މިންވަރުތަ؟ ޑަޒް ޝީ ޑިޒަރވް ދިސް؟ ނިކަން ރިއާން ބުނެބަލަ.. ރިއާންގެ ސަބަބުން ޒީވާގެ މޫނަށް ހިނިތުންވުމެއް ގެނުވި ދުވަހެއް.. އެހެންވީމަ އަހަރެންގެ ފިރިމީހާއާ ދިމާލަށް ރިއާން އެއްޗެކޭ ބުނެވެންވާނީ ރިއާންގެ އަމިއްލަ އުޅުން އިސްލާހުކޮށްފަ." ޝައިނާގެ ވާހަކަދެއްކުމުގައި ހުރި ރާގާއި ބަސްމަގުން ރިއާންއަށް ސިހުން ގެނުވިއެވެ. ނަމަވެސް އެ ވާހަކަތަކާމެދު އޭނާއަށް ވިސްނައިލެވުނެވެ.

"ރިއާން ހިތްހަމަ ނުޖެހޭގޮތަށް ވާހަކައެއް ދެއްކުނުނަމަ އަހަރެން މާފަށް އެދެން. އަދި އަހަރެންނާމެދު ފިޔަވަޅު އެޅި ނަމަވެސް އަހަރެންގެ ފަރުވާލެއްނެތް. ނަމަވެސް މިއީ އަހަރެންނަށްވެސް ބުނުން ހައްގު މިންވަރުކަން ގަބޫލު ކުރެވޭތީ މިވާހަކަ މި ދެއްކީ. މީ އޮފީހުގެ މާހައުލު.. އިތުރުކަމެއް ނެތިއްޔާ އަހަރެން ދެން ގޮސްލީ.. ގުޑް ޑޭ ސަރ" ޝައިނާ ތެދުވެ ދޮރާއި ހިސާބަށް ދިޔައިރުވެސް ރިއާން އިނީ ގަބުވެފައެވެ. އެދެއްކި ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައެވެ. އޭނާ ބަލަބަލަހުއްޓާ ޝައިނާ ކެބިންގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ދޮރު ކުރިމަތީގައިހުރި ރާހިލް ރިއާންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެހާމެ އަވަހަށް އެ ދޮރު ލެއްޕި އެދެމީހުން އޭނާގެ ލޯމަތިން ގެއްލުމާއެކު ރިއާން އަނެއްކާވެސް ހިޔާލުތަކަށް ގެއްލުނެވެ.

ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައިހުރި ރާހިލް ފެނުމާއެކު ޝައިނާ ތުންއަނބުރައިލަމުން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ރާހިލް ދުވެފައިގޮސް ޝައިނާއާ އެއްހަމަކޮށްލިއެވެ.

"ލަވް މަޑުކޮށްބަ.. އައިމް ސޮރީ.. ޝައިނާއަށްވެސް އެނގެއެއްނު އެލީޝާގެ ބަލިވެއިންކަން އެނގޭ މާ ގިނަބަޔަކު ނޫޅޭކަން… ޝައިނާ މާ ހަމަޖެހިލައިގެން ނިދާފަ އޮތީމަ އަހަރެން އުނދަގޫ ނުކުރީ.. ހިއެއް ނުކުރަން އެހާ ލަސްވާނެ ކަމަކަށް.. ސޮރީ" ރާހިލް ޝައިނާގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ.

"އިޓްސް އޯކޭ ރާހިލް.. އޮފީސް ނިންމާފަ މިވާހަކަ ދައްކަން މަޑުކޮށްލާ" ޝައިނާ ލޮލުގެ ހިމަކޮޮޅުން ދުރުގައި އިން ނީމްއަށް ބަލައިލަމުން ބުންޏެވެ.

"އައިމް ސޮރީ އިނގޭ.. ނިމޭ ގަޑިއަށް ގުޅާލާނަން.. އޯލްރެޑީ މިސްޔޫ ސޯ މަޗް" ރާހިލް ކުޑަކޮށް ގުދުވެލުމަށްފަހު ޝައިނާގެ ކަންފަތްދޮށުގައި ބުންޏެވެ. ޝައިނާ ލޯ އަޅައިލުމަށްފަހު ލިފްޓަށް އެރުމުން ރާހިލްވެސް ހެވިފައިހުރެ ރިއާންގެ ކެބިންއަށް ވަނެވެ. އެއާއެކު ރިއާން އޭނާއާ ދިމާލަށް ލޯ އަޅައިލި ގޮތްފެނި ރާހިލްއަށް ދެފިޔަވަޅު ފަހަތައް އަޅައިލެވުނެވެ.

"ކިހިނެއްވީ ބިރެއް ފެނުނު ފާޑަށް ތި ބަލަނީ؟" ރާހިލް އަހައިލިއެވެ.

"ބަލާނެއެއްނު. ރާހިލްއޭ ކިޔާފަ އެއްޗެކޭ ބުނެލި ކަމަށްޓަކާ ރާހިލްގެ އަންހެނުން އެ ދިޔައީ އަހަރެންނަށް އަހަރެންގެ ފެންވަރު އޮޅުންފިލުވަދީފަ ވިއްޔަ" ރިއާންގެ ވާހަކައަށް ރައްދުދިނުމުގެ ގޮތުން ރާހިލް ހިނިގަނޑެއް ޖަހައިލިއެވެ. " ތިހޯދީ ހަމަ ޖަވާހިރެއް އެނގޭ" ރިއާންވެސް ހިނިގަނޑަކާއެކު ބުންޏެވެ.

"އެކަމަކު ބުނަން. އެއީ އަހަރެންގެ ޖަވާހިރެއް އެނގޭ.. މާ ފާޑުފާޑަށް ކަޅި ނާޅައްޗޭ" ރާހިލް ސަމާސާ ރާގެއްގައި ބުންޏެވެ.

"އަހަރެން ކީއްކުރަން އަޅާ ކަޅިއެއް؟ ހަނދާންނެތުނީތަ އަހަރެން މިހާރުވެސް މެރިޑްކަން؟ އަދި އެވެސް ޓު ޔޯރ ސިސްޓަރ" ރިއާން ވައަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް ރިހި އަނގޮޓި ދައްކައިލިއެވެ. އެއީ ރަންކިޔުނުގެ ހަފްލާގެ ތެރެއިން ޒީވާ އޭނާގެ އަތުގައި އަޅުވައިދިން އަނގޮޓިއެވެ.

"ޔަކް. ޕްލީޒް ޑޯންޓް ރިމައިންޑް މީ. ދެއިރު ދެދަޅައަށް ކާ ބޭހެއްހެން އަހަރެންގެ ކޮއްކޮއާ ރިއާންގެ ރިލޭޝަންޝިޕް ސްޓޭޓަސް އަހަރެންނަށް ކިޔާ ނުދިނަކަސް ފުދޭނެ" ރާހިލް ގޮނޑިން ތެދުވެ ހިންދެމިލަމުން ބުންޏެވެ. "އަހަރެން ދެން ގޮސްލީ.. ޝައިނާ ވީތަނެއް ހޯދަމުން އަސްލު މި އާދެވުނީވެސް. މިރޭ ގުޅާބަލަ ކޮފީއަކަށް"

ރާހިލްގެ ވާހަކައަށް ބޯ ޖަހައިލަމުން ރިއާން މަސައްކަތުގެ ތެރެއަށް ވަދެ ގެއްލުނެވެ. ނަމަވެސް ހުއްޓުމެއްނެތި ސިކުނޑީގައި ތަކުރާރުވަމުންދިޔަ ޝައިނާގެ ވާހަކަތައް އޭނާއަށް އުނދަގޫ ކުރަމުންދިޔައެވެ. ޒީވާއާމެދު އިހުމާލް ވެވިއްޖެކަމުގައި ހީވާން ފެށިއެވެ.

"އެކަމަކު އެހެން ހީވާންވީ ކީއްވެ؟ އަހަރެން ޒީވާއަކަށް އިހުމާލެއް ނުވަން!! އަހަރެންގެ ފަރާތުން އެއްވެސް އުއްމީދެއް ޒީވާއަކަށް ނުދެން!! ޒީވާގެ ފަރާތުންވެސް އަހަރެން އެއްވެސް ކަމެއް އުއްމީދެއް ނުކުރަމެއްނު؟ މި ކައިވެންޏަކީ އެއްވެސް ހަގީގަތެއްނެތް ކައިވެންޏެއް؟ ޝައިނާ އެހެންބުންޏަކަސް ޒީވާގެ އުފާވެރިކަމާމެދު އަހަރެން ވިސްނާކަށް ނުޖެހޭނެ" ރިއާން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް އެވާހަކަތައް ގަބޫލު ކުރުމަށް އޭނާގެ ޟަމީރު ދެކޮޅުހެދިއެވެ.

ރިއާން ފޯނު ނަގައި ޒީވާއަށް މެސެޖުކުރުމަށް ތައްޔާރުވެލިއެވެ. ނަމަވެސް އެންމެފަހު މެސެޖުގައިވާ ތާރީހު ފެނުމާއެކު އޭނާ ފަސްޖެހުނެވެ. އެއީ މީގެ ތިންދުވަސް ކުރީގެ ތާރީހެކެވެ. ރާހިލްގެ ކައިވެނީގެ ކަންތައްތަކުގައި އުޅެން ޖެހުމުގެ އިތުރުން ދުވާލު ޑިއުޓީ އޮންނަ ހަފްތާތަކުގައި އޭނާ އާންމުކޮށް ޒީވާއަށް މެސެޖުކޮށް ނޫޅޭތީއާއެކު އޭނާއާ ޒީވާ ވާހަކަ ނުދެކެވޭތާވެސް ދެތިން ދުވަސްވީއެވެ. ހެނދުނު އޭނާއަށް ހޭލެވެނީ މާ ކުރީބައިގަ ބަހަށް އަރައިގެން ޒީވާ ދާތަނަކަށް ދާ ފަހުންނެވެ. ރޭގަނޑު ގެއަށް ދެވެނީވެސް ޒީވާ ނިދަން ވަންނަހާ ލަސްކޮށްފައެވެ. އެހެންކަމުން ޒީވާގެ އުފަންދުވަސް އޭނާގެ ހަނދާނުން ހަމަ ރަނގަޅަށްވެސް ކައްސައިލީއެވެ. އާނއެކެވެ. ޒީވާ އެންމެފަހުން އޭނާއަށް މެސެޖުކޮށްފައިވާ ތާރީހަކީ ޒީވާގެ އުފަންދުވަހުގެ ތާރީހެވެ.

"ހައި އައި އޭމް އަ އިޔަރ އޯލްޑަރ ޓުޑޭ" ކޭކެއްގެ އިމޯޖީއަކާއެކު ފޮނުވައިފައިވާ އެ މެސެޖުގައި ޒީވާ ލިޔެފައިވެއެވެ. ނަމަވެސް ރިއާންއަށް އެމެސެޖު ބަލައިނުލެވުނު ތަނުގައި ޒީވާއަށް އުފަންދުވަހުގެ ތަހުނިޔާވެސް ފޮނުވައިލެވިފައެއް ނުވެއެވެ. އެއީ އޭނާއާ ޒީވާގެ ދެމެދުގައި އުފެދެމުންއައި ރަހްމަތްތެރިކަމަށްވެސް ބުރޫއަރާނެފަދަ ކަމެކެވެ. ރިއާންއަށް ހާސްވެފައި ތުނބުޅީގައި އަތްހިންގައިލެވުނެވެ. ޒީވާއާ ބައްދަލުވުމުން ދައްކާނެ ވާހަކައަކާމެދު ވިސްނެމުންދިޔައެވެ. އޭނާއަށް ދެއްކޭނެ ބަހަނާއެއް އެބައޮތް ހެއްޔެވެ؟ ހަނދާންނެތުނީއޭވެސް ބުނެވޭނީ ޒީވާ ހަނދާން ނުކޮށްދިންނަމަ ނޫންހެއްޔެވެ.

ރިއާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ޒީވާގެ ޑިއުޓީ ނިމެން އަދި ބާކީ ހަގަޑިއިރު އެބައޮތެވެ. އެހާއިރުވަންދެން މަޑުކުރުން ނޫންގޮތެއްނެތެވެ. ނަމަވެސް މިހާރު އޭނާގެ މަސައްކަތުގެ ރޫހުވެސް މުޅިން ގެއްލިއްޖެއެވެ. އެހެންކަމުން އިތުރަށް އެތަނުގައި މަޑުކުރަން ނަހަދައި އޭނާ ނިންމީ ގެއަށް ދިޔުމަށެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

 1. ޕިސް ޕިސް…. މިހިރަ ރިއާންއެއް ދޯ. ޒީވާ ތިތަނުން ސަލާމަތްވެގެން އެހެން ކަމެއް ކުރަން އުޅޭ. އޭގެ އަނެކަކަށް ތޯއްޗެ ރާހިލްވެސް ވާން މިއުޅެނީ. އަންޔާސިސް… ކަވަރ ފޮޓޯގަ މިތިބީ ޝައިނާ އާއި ރާހިލްތަ..

  1. . ޔެސް ނޫރް. އެހެންކަމަށް ބަލަމާ ދޯ😅. ކެރެކްޓަރ ތަކުގެ ތައާރަފު އަންޔާގެ އިންސްޓަގްރާމް ޕޭޖުންވެސް ފެނިލައްވާނެ.

 2. އަސްލުވެސް ރިއާންއަށް ވުރެ އުފަލުގަ ޒީ ގެންގުޅޭނެ ފައިސަލްވެސް. ޝައި ބުނީ ހަމަ ރަނގަޅަށް. ތީ ޒީއަށް ހައްގު މިންވަރެއް ނޫން. ހީކުރީ މެރީކުރީމަ ރިއާންއަށް ލޯބި ވެވޭނެކަމަށް. ތިންދުވަސްވާއިރު ނުފެނުނީމަ އެއްގެއެއްގަ އުޅޭއިރު ދެބީރައްޓެހިންވެސް ހާލުބަލާލާނެ ކަންނޭނގެ. އަންޔާ މިދެމީހުންގެ ގުޅުމަށް ބަދަލެއް ބޭނުންވޭ. މެރީކުރި ފަހުން މިހާރު ކޮންދުވަހެއް. ގުޅުން ކުރިއަށް ނުގެންދަންޏާ ކޮންމެވެސް އެހެންކަހަލަ ބަދަލެއްވިޔަސް ގެނެސްބަލަ. ރިއާންގެ މިފިނިހަކަ ސްޕީޑްގަ ތިބެތިބެ ބަލިވެއްޖެ.�

 3. ށައިނާ ތިހެދީހަމަރަނގަޅަށް ދެންރިއާންއަށް
  ޒީއާދޭތެރޭ ނުވިސްނައެއް ނުހުރެވޭނެކަންނޭގެދޯ
  ވަރަށްރީތިމިބައިވެސް އެކަމް އެންމެރީތި
  ހިސާބުންވިއްޔަ ތިނިންމާލީ

 4. އަވަސް ކޮށްބަލަ ވާހަކަ. ފޫހި ވެގެން ކިޔުން ހުއްޓާލުމުގެ ކުރިން ވާހަކަ އަޕްލޯޑް ކުރެވޭ ކަމަކަށް ނުވޭ

  1. އަބަދުވެސް ވާހަކަ އަޕްލޯޑް ކުރަމުންދަނީ ދެރެއިން އެއްރޭ. ކުޑަ ލަސްކަމެއް ދިމާވިޔަސް ޖެހިގެން އަންނަ ދުވަހު ގެނެސްދެވޭތޯ މަސައްކަތް ކުރަން. ދެން އޮތްބައިވެސް އިރާދަކުރެއްވިއްޔާ މިރޭ ކިޔާލަން ލިބޭނެ

 5. ޢަންޔާ ދެން ވެއްޖެއެއްނު ތަންކޮޅެއް ޕްރޮފެޝަނަލް ކޮށް ވާހަލަ ލިޔުން އަވަސްކޮށްލަން. ޖަސްޓް އެން އައިޑިޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު