Saturday, 15 June 2024

ރައީސް މަޤާމުން ވަކިކުރަން ކުރާ މަސައްކަތް އިހަވަންދޫ ކައުންސިލުން ކުށްވެރިކޮށްފި

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް މަޖިލީހުގައި ވަކި ޕާޓީއަކުން ކުރަމުންދާ މަސައްކަތަކީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް ގޮންޖައްސައްވައި ކުރައްވަމުންދާ މަސައްކަތެއްކަމަށާއި، އެޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިމައްސަލަ ހުށަހަޅުއްވަން މަސައްކަތްކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ނިސްބަތްވެވަޑައިގަންނަވާ އެއް ރަށްކަމަށްވާ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 7 ކައުންސިލަރުންގެ ތެރެއިން 6 ކައުންސިލަރުން ސޮއިކުރައްވާ ނެރުއްވި، ނޫސްބަޔާނެއްގައިވަނީ، މިއީ ރާއްޖޭގެ ދިމިޤްރާތީ ނިޒާމާއި ދެކޮޅަށް ކުރަމުންދާ، ވަރަށް ނާތަހުޒީބު މަސައްކަތެއްކަމަށެވެ.

އިހަވަންދޫ ކައުންސިލުން މިގޮތަށް ފާހަގަކުރައްވާފައިވާއިރު، މިކަމުގައި މަޖިލީހުގެތެރެއިން އިސްކޮށް މަސައްކަތް ކުރައްވަމުންދާ އެއް މެންބަރަކީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާއުއެވެ.

ނޮވެންބަރު 17 ވަނަ ދުވަހު ޒަޢާމަތާ ޙަވާލުވެވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގެ ގަވާއިދު އިސްލާހުކޮށް، މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ. މި އިސްލާހާ އެއްކޮޅަށް 44 މެންބަރުން ވޯޓުދެއްވިއެވެ.

އިހަވަންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނުގައިވަނީ މިއީ ޤައުމުގެ މިނިވަންކަމާއި، އަމަން އަމާންކަމަށް ނުބައި އަސަރުކޮށް، މިނިވަންކަން ގެއްލިގެން ދިއުމަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.

ހަމައެހެންމެ، ރައީސް ދުރުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެދާއިރާގެ މެންބަރު އިސްކޮށް އެ މަސައްކަތްކުރާ ކުރުން، ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ކައުންސިލްގެ ނޫސްބަޔާނުގައިވެއެވެ. ކައުންސިލްގެ ބަޔާނުގައިވަނީ ރައްޔިތުންގެ ވިންދާ ޝުޢޫރާއި ދެކޮޅަށް އިސްވެ ނުކުންނަވައި، ކުރައްވަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު