މިޞްރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައިި އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ ކުރި ހޯއްދަވައި ތިންވަނަ ދައުރަކަށް އިންތިޚާބު ވަޑައިގަންނަވައިފިއެވެ. މިޞްރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ޑިސެންބަރު 10ން 12 އަށެވެ. އެ އިންތިޚާބުގައި ސީސީ ކާމިޔާބު ކުރައްވާފައިވަނީ ވޯޓުގެ 89.6 އިންސައްތައިންނެވެ.
މިޞްރުގެ އިންތިޚާބާ ބެހޭ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 67 މިލިޔަން މީހުންގެ ތެރެއިން 66.8 އިންސައްތަ މީހުން ވޯޓު ލާފައިވެއެވެ. އެހެންކަމުން، 39 މިލިޔަނެއްހާ މީހުން ވަނީ ސީސީއަށް ތާޢީދު ކޮށްފައެވެ.
އޭނާ މިއިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައިވާ މި ދަނޑިވަޅުގައި، މިޞްރަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ޤައުމުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރު ކަމާއި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއި، ފައިސާގެ އަގު ވެއްޓުނެވެ. މިކަންކަމާ ހުރެ، ސީސީއަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ހުރި ހުރަސްތަކެއްގެ ގޮތުގައި ކުރިން ބެލެވުނެވެ. މިޞްރުގެ އިޤުތިޞާދީ ހާލަތާ ގުޅިގެން ވޯޓުގެ ނަތީޖާއަށް އަަސަރުތަކެއް ކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރިއެވެ. މިޞްރުގެ އިޤުތިޞާދު އަނދަވަޅަކަށް ވެއްޓިފައިވާއިރު، ތަކެތީގެ އަގުތައް ވަނީ 40 އިންސައްތައަށް އުފުލިފައެވެ.
ސީސީއަށް އިންތިޚާބު ކާމިޔާބު ކުރައްވަން ފަސޭހަވި ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ސަބަބަކީ، މިޞްރުގައި ހަރުދަނާ އިދިކޮޅު ޕާޓީއެއް ނެތުން ހިމެނެއެވެ.
އެ އިންތިޚާބުގައި ސީސީއާ ވާދަ ކުރައްވާފައިވާ ކެނޑިޑޭޓުންނަކީ އިޖިޕްޝަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު ފަރީދު ޒަހްރާނާއި، އަލް-ވަފްދު ޕާޓީގެ ކެނޑިޑޭޓު ޢަބްދުއްސަނަދީ ޔަމާމަތާއި، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެނޑިޑޭޓު ޙާޜިމް ޢުމަރެވެ. މިޞްރުގެ ރައީސް ކަމުގެ މަޤާމަށް ސީސީ އިންތިޚާބުވެ ވަޑައިގެންނެވީ މުސްލިމް ބްރަދަރހުޑްގެ ކުރީގެ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވައްޓައިލުމަށް ފަހު 2013 ވަނަ އަހަރުއެވެ. ހަމައެހެންމެ، 2014 އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުތައް ސީސީ ވަނީ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފައެވެ. އޭނާއަކީ މިޞްރުގެ އަސްކަރިއްޔާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މެދުއިރުމަތީގެ އެންމެ އާބާދީ ބޮޑު ޤައުމަކީ މިޞްރެވެ.



