Thursday, 20 June 2024

ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ދުއްވުމާބެހޭ ގަވާއިދު އިސްލާޙްކުރަން ގޮވާލައިފި

"ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" އިސްލާޙްކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އޮން ގޮވާލައިފިއެވެ.

އެ ޖަމްޢިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، 14 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވިފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" ގައި ހިމެނިފައިވާ ބައެއް މާއްދާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޔޮޓިންގ އެންޑް ކްރޫސިންގ އިންޑަސްޓްރީ ހީނަރުވެ ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތައް އައުން މުޅިން ހުޢްޓިދާނެކަމުގެ ބިރުއޮތުމުގެ ސަބަބުން، އަދި މިކަމަކީ ދިވެހި ޔޮޓިންގ އެންޑް ކްރޫސިންގ އިންޑަސްޓްރީއާއި ގުޅިފައިވާ އެތައް ދިވެހި ވިޔަފާރިތަކާއި ދިވެހި ދައުލަތަށްވެސް އެކަމުގެ މާލީ ގެއްލުން އިންތިހާއަށް ކޮށްފާނެ ކަމެއްކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން، ދިވެހި ޔޮޓިންގ އެންޑް ކްރޫސިންގ އިންޑަސްޓްރީގެ ހައްގުގައި މަސައްކަތް ކުރުމަށް ތެދުވުމަކީ އަބަދުވެސް އެ އެސޯސިއޭޝަންގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށާއި، އަދި އެކަމުގައި ދިމާވާ ގޮންޖެހުންތަކާއި ސާބިތު ކަމާއިއެކު ކުރިމަތިލާ ގިނަކަންކަން  ޙައްލުކުރެއްވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" ގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުންތައް ކުރީ ސަރުކާރާއިއެކު މަޝްވަރާކުރެވުނު ނަމަވެސް ހައްލެއް ނުފެނިވަނިކޮށް ސީޒަންފެށި ބޭރުގެ ބޮޑެތި ޓޫރިސްޓް ވެސެލްތަކުގެ މިސްރާބުން ރާއްޖެނައްޓުވާ، ރާއްޖެއާއި ވާދަވެރި އެހެން ގައުމުތަކަށް މިސްރާބު ޖެހި ކަމަށް އެ ޖަމްޢިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމްޢިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެގަވާއިދުގެ ދަށުން ރާއްޖެވަދެތިބި ކުދި ޓޫރިސްޓް ވެސެލްތަކުގެ އޮޕަރޭޝަން ހުއްޓީ ދިވެހި އެޖެންޓުންނަށް އިންތިހާއަށް ގެއްލުން ލިބެމުން ދާކަމަށެވެ.

ހަަމައެހެންމެ، އެ ކަމަށް ހައްލުހޯދުމަށް  އެ އެސޯސިއޭޝަންގެ ހީވާގި މެންބަރުން ކުރަމުންދިޔަ ހުއްޓުމެއްނެތް މަސައްކަތައް އުފާވެރި އުއްމީދެއްލިބިގެންދިޔައީ މިހާރުގެ މި ސަރުކާރުން ޚާއްސަކޮށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ އާއި އެ މިނިސްޓްރީއިން ދެއްވި އެއްބާރުލެއްވުމާއި މިއިންޑަސްޓްރީ އާއިމެދު ގެންގުޅުއްވާ ގާތްކަމުގެ ސަބަބުންކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބްލް އިބްރާހީމް ފައިސަލްއަށް ޝުކުރު ދަންނަވާފައިވެއެވެ.

އެ ޖަމްޢިއްޔާއިން ބުނެފައިވަނީ، އަބަދުވެސް މަސައްކަތްކުރާނީ ދިވެހި ދައުލަތަށާއި ދިވެހި ޔޮޓިން އެންޑް ކްރޫސިންގ އިންޑަސްޓްރީއަށް ފައިދާއާއި މަންފާކުރާނޭ ހުރިހާ މަގެއް ހޯދައި އެމަގުން ކުރިއަށް ދިޔުމަށެވެ.

އެހެންކަމުން "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު"އަށް އެ އެސޯސިއޭޝަންގެ ފަރާތުން ހިއްސާކޮށްފައިވާ އިސްލާހުތައް ވީ އެންމެ އަވަހަކަށް ގެޒެޓްކުރެވިގެން ދިއުމަށް އުއްމީދު ކުރާ ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު