Monday, 16 September 2024

މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުއްވެވި ސިޓީ ހާމަކުރައްވައިފި

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޢާންމުކުރައްވައިފިއެވެ.

މި ސިޓީގައި ބަޔާންކުރައްވާފައިވާގޮތުގައި ބައިނަލްއަޤްވާމީ ކޯޓަކުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައަޅަން ޖެހުނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އެ ސިޓީގައިވަނީ ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށާއި، އެއީ ގައުމުތައް އިސްތިއުމާރުކުރުމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 22 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީގައި،  ޔޫއެންގެ އެޑްވައިޒަރީ އޮޕީނިއަންއާއި އެއްގޮތަށް ރާއްޖޭގެ ސްޓޭންޑް އެމައްސަލާގައި ބަދަލު ކޮށްފައިވާކަމަށް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

  • މީގެ ކުރިން ރާއްޖެއިން މިމައްސަލާގައި ދެކޮޅު ހަދަމުން އައީ، 2010 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖެއިން ކޮމިޝަނަށް ހުށަހެޅި ކޮންޓިނެންޝަލް ޝެލްފްގެ އިންތަކާއި މޮރިޝަންސްއިން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށާއި، ރާއްޖެއިން ޖެނެރަލް އެސެމްބްލީގައި ދީފައިވާ ވޯޓުތަކުގައިވެސް އޭގެ ތަފްސީލްތައް މީގެ ކުރިން ހާމަކޮށްފައިވާނެކަމަށް ސިޓީގައި ވިދާޅުވެފައިވޭ.
  • މިނިންމުމުގެ ސަބަބުން، ރާއްޖެއިން ދަމަހައްޓަމުން އަންނަ "ޑިކޮނޮލައިޒޭޝަން"އާއި ދެކޮޅު ސިޔާސަތަށް އިތުރަށް ބާރު ލިބިދީ، އަދި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސިޓީގައި ރައީސް ސާލިހު ވިދާޅުވެފައިވޭ.
  • ސިޓީގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ ސަރުކާރުގެ މި ނިންމުމަކީ އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ޕޮޒިޝަނަށް އެއްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫންކަމަށާއި، އޭގެ އިތުރުން 2010 ވަނަ އަހަރު ރާއްޖެއިން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެޓްޝަލް ޝެލްފް" ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫން ކަމުގައި.

ރާއްޖެ އާއި މޮރީޝަސްއާއި ދެމެދު ފުށުއަރާ ސަރަޙައްދުގައި 95000 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ހިމެނެއެވެ. ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި އިޓްލޮސްއިން ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ.

މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްކަމަށް އޭރުގެ ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

މި ސިޓީ ހާމަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު