ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރީގެ ސަރުކާރުން އަމަލުކުރީ ޤާނޫނުތަކާ ފުށުއަރާ އަދި ޤައުމީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުވީ ކުރެވުނު މަޝްވަރާތަކަކުން ވަކި ގޮތަކަށް އެއްބަސްވެގެން ކަަން ދޭހަވާން އޮތްއިރު މައްސަލައިގެ ލިޔެކިޔުންތައް ރައީސް އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ސަރުކާރުން އިއްޔެ ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސް ޞާލިޙުގެ ސަރުކާރުން މި މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ސިއްރުކޮށް އަމަލުކުރި ގޮތުން، އޭރު އިދިކޮޅުން ތުހުމަތު ކުރީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލީ މޮރިޝަސްއާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނު އޮންނަ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާއްޖެ އަށް ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމުން، އެ ވައުދާ އެއްގޮތަށް އެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށާފައިވާ ކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އެ މައްސަލާގައި މިހާތަނަށް އަމަލުކޮށްފައިވާ ގޮތުގެ ލިޔެކިޔުންތައް ދިރާސާކުރަން ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މޮރިޝަސްއަށް ފޮނުވި ސިޓީ އާންމުކުރައްވައި ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ، މޯރިޝަސްއަށް ފޮނުވި ސިޓީއަކީ ރުވެންޑާގައި 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތް ހެޑްސް އޮފް ގަވަމެންޓް މީޓިންއެއްގެ ހަވާސާގައި ދެ ގައުމުގެ ވެރިން ދެއްކި ވާހަކަފުޅަކާ ހަވާލާދީ ފޮނުވާފައި ސިޓީއެއް ކަމަށެވެ.
ސިޓީ ފޮނުވީ ވަކި ކަމަކާ ގުޅުވައިގެން އެއްބަސްވެގެން ކަމަށް ދޭހަވި ނަމަވެސް ކުރީގެ ރައީސް އާއި މޮރިޝަސް ބޮޑުވަޒީރުގެ ބައްދަލުވުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އަދި މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ ރެކޯޑެއް ވެސް ފެންނަން ނެތް ކަމަށާއި، މި ސިޓީގެ އިތުރުން މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ ރެކޯޑުތަކުން ނުދައްކާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވާގޮތުން، މިދިޔަ ސަރުކާރުން މި މައްސަލައިގައި އަމަލު ކޮށްފައިވަނީ ގާނޫނުތަކާ ފުށުއަރާ އަދި ގައުމީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށްވާތީ، އެކަމާ ގުޅިގެން ތަހުގީގީ ރިޕޯޓެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު ހާމަކުރަން ކުރީ ސަރުކާރުން ދެކޮޅު ހެދިއެވެ. އެހެންނަމަވެސް، ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެ ސިޓީ ވަނީ ސޯޝަލް މީޑިޔާގައި ލީކުވެފައެވެ. އެ ސިޓީއަކީ ސައްހަ އެއްޗެއް ކަމަށް އޭރުގެ ސަރުކާރުން ހާމަކުރިއެވެ. ނަމަވެސް އިއްޔެ އާންމުކުރި ސިޓީގައިވެސް ވަނީ ހަމަ އެ ސިޓީގައިވާ އިބާރާތެވެ.