މިސްކިތްތައް އިމާރާތްކުރަމުންދާ ކުންފުނިތަކުގެ ބިލްތަކަށް ދައްކަން ޖެހި މިހާތަނަށް ނުދައްކާ ހުރި 22 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިސްކިތްތައް އިމާރާތްކުރާ ކުންފުނިތަކަށް 22 މިލިއަން ރުފިޔާގެ ބިލަށް ފައިސާ ދައްކަންޖެހިފައި ހުއްޓެވެ.
އެ ފައިސާ އަދާކޮށްފައި ނުވާތީ، ބައެއް ރަށްރަށުގައި ހަދަން ފެށި މިސްކިތުގެ މަސައްކަތްތައް ހުއްޓި، ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
ރައީސްގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުރިހާ ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ދީ، ހުއްޓިފައިވާ މިސްކިތްތަކުގެ މަޝްރޫއުތައް އަވަހަށް ނިންމުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހަމައެހެންމެ، އެ މިނިސްޓްރީން ވަނީ ވަގުފް މަޝްރޫއުތަކާއި އަމިއްލަ ހަރަދުގައި މިސްކިތް ބިނާކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ފުރުސަތުތައް ދިނުމާ މެދު ވެސް މަޝްވަރާކުރައްވާފައެވެ.



