ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން މޯލްޑިވްސް ނެޝަނަލް ޕާޓީން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، 19 ޑިސެމްބަރު 2023 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުމުގައި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާއި، ދައުލަތުގެ ވެރީން ހިމެނޭ ގޮތަށް ސިޔާސީ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ނިންމުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
މި ދަނޑިވަޅަކީ ރާއްޖޭގެ އިޤްތިޞާދު ދަށްވެފައިވާ ދަނޑިވަޅަކަށްވުމާއެކު، އާއްމު ރައްޔިތުންގެ މުސާރަތަކަށް އެދެވޭ ބަދަލެއް ނާންނަ ހިނދެއްގައި، އަދި 2024 ވަނަ އަހަރަށް ޑެފިސިޓް ބަޖެޓެއް ފާސްކުރެވިފައިވާ ހިނދު، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާއި، ސަރުކާރުގެ ވެރީންނާއި ހިމެނޭ ގޮތަށް ސިޔާސީ ފަރާތްތަކުގެ މުސާރަ ބޮޑު ކުރުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން އެ ޕާޓީން މިއަދު ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުން ފާސް ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވަނީ ގޮވާލައްވާފައެވެ.