Wednesday, 19 June 2024

މުސާރަ އިތުރުކުރާ މައްސަލައިގައި ރައީސްގެ ނިންމެވުމަށް ނައިބު ރައީސް ތާޢީދުކުރައްވައިފި

ރައީސް އާއި ނައިބު ރައީސްގެ މުސާރައަަށް އިތުރުކުރާ ބައި ހަދިޔާ ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ނައިބުރައީސް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް، ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރައަށް މި ގެނައި ބަދަލަކީ އެއްވެސް މަޝްވަރާއަކާ ނުލާ ގެނެވުނު ބަދަލަކަށް ވީހިނދު، އެ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާޢީ ފަންޑަކަށް ހަދިޔާ ކުރައްވަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ފުރިހަމައަށް ތާޢީދު ކުރަައްވާ ކަމަށެވެ.

މަޖިލީހުން ރައީސް އާއި ނައިބުރައީސް އަދި ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ހިމެނޭހެން މުސާރަ ބޮޑުކުރުމަށް ކުރެވެން ފެށި މަޝްވަރާތަކާއި އެކު ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވަނީ މިކަމަކީ ސަރުކާރުން އެދޭ ކަމެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަބޮޑުކުރަން ސަރުކާރުން އެދިފައި ނުވާނެކަމަށާ އަދި އެކަން އެގޮތަށްކުރަން ބޭނުންފުޅު ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ވަނީ ހާމަކުރައްވާފެއެވެ. އަދި އެކަންކޮށްފައި ވަނީ ސަރުކާރާ އެއްވެސް މަޝްވަރާކުރުމެއް ނެތިކަމަށާއި އެ ގެންނެވި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖުތިމާޢީ ފަންޑަކަށް ހަދިޔާކުރުމަށް ނިންމަވާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅުގައި މިފަދަ ނިންމެވުމެއް ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސް މަގާމުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައެވެ.

މަޖިލިސް ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މުސާރަ ބޮޑުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ ހުރިހާ މަގާމުތަކަށް ވެސް މުސާރަ ބޮޑުކުރާށެވެ. މި ބަދަލުތައް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު