39 ސަފާރީއެއް ފާސްކޮށް، 13 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން މި ސަރުކާރުން އެކުލަވާލި ޚާއްސަ ޓާސްކްފޯހުގެ މަސައްކަތުން މިހާތަނަށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެ 34 ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިކަން ހާމަކުރައްވައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި 39 ސަފާރީއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެއީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި ހުންނަ ސަފާރީތަކާއި ކ. މާފުށީ ކައިރީގައި އަޅާފައި ހުންނަ ސަފާރީތައް ކަމަށެވެ.

ގަވައިދާ ހިލާފަށް އޮޕަރޭޓްކުރާ ކަމަށް ފާހަގަކުރެވުނު ސަފާރީތަކުގައި ހުރި ރަލާއި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެ ކަމަށް ފާހަގަކުރައްވަމުން، މި މުއްދަތުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އޭގެތެރޭގައި ކަސްޓަމްސް އާއި ޕޯޓްގެ ތެރޭގައި ހިންގި ހަތަރު އޮޕަރޭޝަނެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ ތަންފީޒީ އިދާރާތައް ހިމެނޭ ޓާސްކްފޯހުގެ ކޮންސެޕްޓްގެ ތެރެއިން މަސައްކަތް ތަރުތީބުވެގެންދާއިރު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ފަސޭހަވެ ނަތީޖާ ނެރެން ފަސޭހަވެގެންދާނެ ކަަމަށެވެ.

ޝާކިރު ވިދާޅުވީ މަސްތުވާތަކެތި އެތެރޭގައި ބަހައްޓައިގެން އޭގެ ވިޔަފާރި ކުރަމުންދިޔަ އުޅަނދުތަކެއް ބަލައި ފާސްކުރަން ހިންގި އޮޕަރޭޝަންތަކުގައި 907 މީހަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން 34 ދިވެއްސަކު ހައްޔަރުކުރި އިރު މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި 30 ބިދޭސީއަކު ޑީޕޯޓްކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި 1،063 ބަނގުރާ ފުޅި އާއި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އޭގެ އަގު 13 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް އެކުލަވައިލި ހާއްސަ ޓާސްކްފޯހުގައި ހިމެނެނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަންސްގެ އިސް ވެރިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު