"ރަސްމާލެ" މަޝްރޫއުއަކީ ޕްރޮގްރެސިވް ޑިވެލޮޕްމެންޓްގެ އުސޫލުން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށާއި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި އާބަންކޯ އިން ޒިންމާވާ ގޮތަށް ކޯޕަރޭޓިވް ގެރެންޓީއަކާ އެކު ފަށާ މަޝްރޫއެއް ކަމަށް އާބަންކޯ އިން ހާމަކުރައްވައިފިއެވެ.
އާބަންކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި މަޝްރޫއުއަކީ ޕްރޮގްރެސިވް ޑިވެލޮޕްމެންޓްގެ އުސޫލުން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށާއި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި އާބަންކޯ އިން ޒިންމާވާ ގޮތަށް ކޯޕަރޭޓިވް ގެރެންޓީއަކާ އެކު ފަށާ މަޝްރޫއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް މީގެން ކުރާނެ އަސަރެއް ނެތް. ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓްގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބިގެންދާނެ، އިތުރު ލޯނު ނެގުމުގެ ފުރުސަތުތަކެއް ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންގެ އެޝުއަރެންސްތަކެއް ލިބިގެން މިދިޔައީ،" ފަޒުލް ވިދާޅުވިއެވެ.
"ރަސްމާލެ" ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ކަމަށް ފަޒުލް ފާހަގަކުރެއްވިއެެވެ.
ފަޒުލް ވިދާޅުވީ ހުޅުމާލެ އާއި ރަސްމާލެ އިން ދޫކުރި 70 ހެކްޓަރުގެ ބަދަލުގައި އާބަންކޯ އަށް ލިބެނީ ރަސްމާލޭގެ 1093 ހެކްޓަރު ބިން ކަމަށާއި އެއީ އާބަންކޯގެ އެސެޓަށް އިތުރުވެގެންދާ ބޮޑު ބިމެއް ކަމަށެވެ. ފަޒުލް ވިދާޅުވީ އެ ބިން ކުންފުނިން ބޭނުންވާ އަގަކަށް ވިއްކޭނެ ކަމަށާއި ނަމަވެސް، ބިން ވިއްކަން ޖެހޭނީ ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދުއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ. އެ މަޝްރޫއު ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާނު ނުކޮށް ހަވާލުކުރުމުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު އެ ވަނީ ފެށިފައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭގައި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.