ތ. މަޑިފުށި ސްކޫލުގެ ސާނަވީ ދަރިވަރުންނަށް ”ތައްޔާރު” މި ނަމުގައި ސެލްފް ޑިފެންސްގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި، މަޑިފުށި ޕޮލިސް ސްޓޭޝަނުން ޑިސެންބަރު 15 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ހަރުދަނާ، ކިޔަމަންތެރި އަދި ފަހުރުވެރި ދަރިވަރަކު ދިރިއުޅުމުގެ ހާލަތަށް ތައްޔާރުކުރުމަށް ނަފުސު ނުވަތަ ޖިސްމު ދިފާއުކުރުމަށް އަސާސީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި، ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ދިރިއުޅުމުގައި ދިމާވެދާނެ ހާލަތްތަކަށް ދަރިވަރުން ތައްޔާރުކޮށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ތަމްރީނުކޮށްފައިވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި، މަޑިފުށި ސްކޫލުގެ 34 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ސެލްފް ޑިފެންސްގެ އަސާސީ ބައިތަކުގެ ތަމްރީނުތައް ދީފައިވަނީ މަޑިފުށި ޕޮލިހުގައި މަސައްކަތްކުރާ ސެޓިފައިޑް ޓްރެއިނަރުންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ހަނދާނީލިޔުން ދީފައިވެއެވެ.