އެއާޕޯޓު ޕޮލިސް "ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" ހުޅުވައިފި

މާލެއާއި އެއާޕޯޓާ ދެމެދު ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި އެކްސިޑެންތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ފޯރުކޮށްދެމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް "ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" އެއް އެއާޕޯޓު ޕޮލިހުގައި ގާއިމުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި، އެއާޕޯޓް ޕޮލިހުން އިސްނަގައި މެރިން ޕޮލިހުގެ އެހީތެރިކަމާއެކު މި ގާއިމުކުރި ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓު ރަސްމީކޮށް ހުޅުވައިދެއްވީ ހެޑް އޮފް މެރިން ޕޮލިސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް އެއާޕޯޓު ޕޮލިސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދު އާއި އެއާޕޯޓު ޕޮލިހުގެ މުވައްޒަފުންނާއި މެރިން ޕޮލިހުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި، އެއާޕޯޓު ޕޮލިސް އޮފީސް އިމާރާތުގައި ރެސްކިއު އެކިއުޕްމަންޓްސް ކަލެކްޝަން ޕޮއިންޓު ހުޅުވައިދެއްވައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، މި ޚިދުމަތަކީ ބްރިޖު ސަރަހައްދުން ކަނޑުމަތީގައި ދިމާވަމުންދާ އެކްސިޑެންޓުތަކާއި އިންސިޑެންޓުތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅިގެންދިޔަ ވަރަށްބޮޑު ބާރަކަށް ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި މިކަމަކީ ފުރާނަ ސަލާމަތްކުރުމަށް މޫދަށް ފުންމާލާ މީހާ އަދި އެއްގަމުގައި ހުރެގެންވެސް އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވިގެންދިޔަ މަގެއްކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުން މިކުރަމުންދާ މަސައްކަތްތަކަށް ވެގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި، މިކަމަކީ މީގެ ފެށުންކަމަށް ބަލައި އެއާޕޯޓާއި މާލެއާއި ހުޅުމާލެ ސަރަހައްދަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައި އޮތް ސަރަހައްދަކަށްވެފައި އަދި މި ސަރަހައްދަކީ ކުދިބޮޑު އެންމެން މޫދަށް އެރިއުޅޭ އަދި މޫދުގެ އެކިއެކި ކުޅިވަރުތަކަށް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާތީ މި ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި މި ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ ފަރާތްތަކަކުގެ ރައްކާތެރިކަމަށް މިފަދަ އިތުރު ޕޮއިންޓުތައް ގްރޭޓަރ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަކީ ސަލާމަތަށާއި ރައްކާތެރިކަމުގެ ގޮތުން ކުރެވިގެންދާނެ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު